5‏/11‏/2009

އުމަވީ ދައުލަތް

ޢަލީޝައުޒޫނު

ތަޢާރުފް

އުމަވީ ދައުލަތް އުފެދުނުގޮތުގެ ވާހަކައަކީ އިސްލާމީ ތާރީޚުގައި ހިނގާދިޔަ މަޝްހޫރު ވާހަކައެކެވެ. މިވާހަކައިގެ ފެށުން ގުޅެނީ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީގެފާނާއި މުޢާވިޔަތު ބިން އަބީސުފްޔާނާ ދެމެދު އުފެދުނު ވަރުގަދަ ފިތުނައާއެވެ. އެހެނީ ޢަލީގެފާނު ޚަލީފާކަމަށް އިސްކުޅައުމަށް ހުށަހެޅުނުހިނދު މުޢާވިޔަތުގެފާނު އެކަމާ އިޢުތިރާޟްކޮށް ދެކޮޅުހެއްދެވިއެވެ.
މިގޮތުން އުފެދުނު ފިތުނަވެރިކަން ދެފަރާތުގެ ދެމެދުގައި ޢަލީގެފާނު އަވަހާރަވަންދެން ދެމިއޮތެވެ. އެފިތުނަވެރިކަން ނިމުމަކަށްއައީ ޚަވާރިޖުންގެ ތެރެއިން މީހަކު ހިޖުރައިން 40 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17ވަނަ ދުވަހު ޢަލީގެފާނު ޝަހީދުކުޅައުމުންނެވެ. އޭރު ޝާމްކަރައިގެ ވެރިޔަކަށް ހުންނެވީ އުމަވީ ދަރިކޮޅުގެ މުޢާވިޔަތުބުނި އަބީ ސްފްޔާނުއެވެ. އޭރު އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ އިސްލާމީ ތިންވަނަ ޚަލީފާ ޢުޘްމާނު ބުނި ޢައްފާނުގެ ލޭގެ ބަދަލު ހޯއްދެވުމަށެވެ. ޢަލީގެފާނު ޝަހީދު ވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އުމަވީ ވެރިކަމެއް މުޢާވިޔަތު ބުނި އަބީސުފްޔާނުގެ އަތްމައްޗަށް އުފަންވުމެވެ.

އުމަވީ ދައުލަތް ނިޞްބަތްވަނީ އުމައްޔާ ބިން ޢަބްދުއްޝަމްސު ބިން ޢަބްދުމަނާފަށެވެ. އުމައްޔާއަކީ އެއީ ޤުރައިޝުންގެ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އުމަވީ ދަރިކޮޅުގެ މީހުން ހިމެނެނީ އެންމެފަހުން އިސްލާމްދީން އިޚްތިޔާރު ކުރި މީހުންގެ ތެރޭގައެވެ. އެދަރިކޮޅުގެ މީހުން އިސްލާމްދީނަށްވަންނަންފެށީ މައްކާ ފަތަޙަ ކުރެއްވުމުގެ ތެރޭގައި އަބޫސުފްޔާން އިސްލާމްވެ ވަޑައިގަތުމުންނެވެ. އެކަމަކު އުމަވީ ދަރިކޮޅުގެ މީހުން އިސްލާމްދީނަށްވަނުމަށްފަހު ބޮޑެތި ޚިދުމަތްތަކެއް އިސްލާމްދީނަށް ކޮށްދީފައިވެއެވެ. އިސްލާމްދީނުގެ ދިފާޢުގައި ކޮށްފައިވާ ހަނގުރާމަތަކުގައި ބައިވެރިވެފައިވެއެވެ. މިގޮތުން މުރުތައްދުވީ މީހުންނާއި ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި އުމަވީ ދަރިކޮޅުގެ މީހުން މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. ޢަރަބިރަށްތަކުން ބޭރަށް އިސްލާމްދީން ފެތުރުމަށްވެސް އުމަވީ ދައުލަތުގެ ދުވަސްވަރު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އުމަވީ ދައުލަތް އޭގެ ފުރިހަމަ ސިފައިގައި އުފެދުނީ ހިޖުރައިން 41 ވަނ އަހަރުގައެވެ. އެއީ އެއަހަރުގެ ރަބީޢުލް އައްވަލުމަހުގެ 25 ވަނަ ދުވަހު ޢިރާޤުގެ ބަޞަރާގައި ޢަލީގެފާނުގެ ދަރިކަލުން ޙަސަނުގެފާނާއި ޙުސައިނުގެފާނު މުޢާވިޔަތުގެފާނަށް ބައިޢަތު ހިއްޕެވުމުންނެވެ. މިއަހަރަށް " ޢާއްމުލް ޖަމާޢާ " އޭ ކިޔައެވެ. އެދުވަހުން ފެށިގެން އުމަވީ ދައުލަތް ކުރިއަރަން ފެށިއެވެ.

އުމަވީ ދައުލަތް އުފެދުނީ ހިޖުރައިން 41ވަނަ އަހަރުގައެވެ. މިދައުލަތް ނިމިގެން ދިޔައީ ހިޖުރައިން 132ވަނަ އަހަރުގައެވެ.

އުމަވީ ދައުލަތުގެ ޒަމާން ހަތަރުބަޔަކަށް ބެހެވިދާނެއެވެ. އެއީ

 1- އުމަވީ ދައުލަތް ބިނާކުރެއްވުމުގެ ދައުރު

އުމަވީ ދައުލަތުގެ ކުރީކޮޅުގައި ޚަލީފާއިން މަސައްކަތްޕުޅު ކުރައްވާފއިވަނީ އުމަވީ ދައުލަތް ހަރުދަނާ ކުރައްވާ ފުޅާކުރެއްވުމަށެވެ. މިގޮތުން ޚުލަފާއުއްރާޝިދޫން ވެސް ގެންގުޅުއްވި ސިޔާސަތާއި އެއްގޮތަށް އިދާރީ ކަންތައްތައް ބެހެއްޓެވިއެވެ.

އުމަވީ ދައުލަތުގައި ވަރަށް ވަރުގަދަ ސިޔާސީ ޒަޢީމުންތަކެއް އުފެދުނެވެ. މިބޭކަލުން ދައުލަތް އިދާރީގޮތުން ހަރުދަނާ ކުރައްވާ ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ހަރުދަނާ ކުރެއްވިއެވެ. އަދި ހަމައެފަދައިން ދައުލަތުގެ އަމަންއަމާންކަން ދަމަހައްޓަވާ ދާޚިލީ ހަމަޖެހުން ޢާއްމުކުރެއްވިއެވެ. މިބޭކަލުންގެ ތެރޭގައި ޒިޔާދުބުނު އަބީހް ، ޢަބްދުލްމަލިކު ބުނި މަރްވާން ، ޠާރިޤުބުނި ޒިޔާދުއާއި ، މޫސާބުނި ނުޞައިރު ފަދަ ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ.

2- ފުތޫޙާތުގެ ޒަމާން ކުރިއަށް ގެންދެވުމުގެ ދައުރު

އުމަވީ ދައުލަތުގެ ތާރީޚަށް ބަލާއިރު އެދުވަސްވަރު އިސްލާމީ ތާރީޚުގައި އެތައް " ފުތޫޙާތު " ތަކެއް ހިނގާފައިވެއެވެ. އުމަވީ ދައުލަތުގެ ދުވަސްވަރު އިސްލާމްދީން ޔޫރަޕާއި އެފްރިކާ އަދި އޭޝިޔާއަށް ފެތުރިގެން ދިޔައެވެ.

އޭޝިޔާއަށް ބަލާއިރު މުޙައްމަދު ބުނި ޤާސިމު އައްޘަޤަފީގެ ވެރިކަމުގެ ދަށުން ކާބުލްއާއި ސިންދުގެ ރަށްތައް ފަތަޙަ ކުރެއްވިއެވެ. ޤުޠައިބާ ބިން މުސްލިމުގެ ވެރިކަމުގެ ދަށުން ސަމަރުގަންދު ، ބުޚާރާ ، ޚަވާނިޒަމް އަދި ޠަޝްގަންދު ފަދަ ރަށްތައް ފަތަޙަ ކުރެއްވިއެވެ. ޤުޠައިބާ ބިން މުސްލިމު އޭނާގެ ލަޝްކަރާއިގެން ސީނުކަރަ(ޗައިނާ)އަށް ވަޑައިގެން އެތާގެ ރަސްގެފާނާއި ވާހަކަދައްކައިގެން ކޮންމެ އަހަރަކު މުސްލިމުންނަށް ޖިޒީ ދެއްވުމަށް ހަމަޖެއްސެވިއެވެ.

ޔޫރަޕަށް ބަލާއިރު ޠާރިޤުބިން ޒިޔާދުގެ ވެރިކަމުގެ ދަށުގައި މުސްލިމުންގެ ލަޝްކަރު ސްޕެއިންއަށް ވާޞިލުވެ ، " ވާދީލަކަތު އޭ ކިޔުނު ހަނގުރާމައިގައި އަންދަލުސްއާއި ޤުރުޠުބާ ފަތަޙަ ކުރެއްވިއެވެ. އެއަށްފަހު މޫސާ ބުނި ނުޞައިރުގެ ވެރިކަމުގެ ދަށުގައި އަޝްބީލިއްޔާ ފަތަޙަ ކުރެއްވިއެވެ. " ބަލާތުއް ޝުހަދާއު " އޭ ކިޔުނު ހަނގުރާމައިގައި މުސްލިމުންގެ ވެރިއަކަށް ހުންނެވި ޢަބްދުއްރަޙުމާނުލް ޣާފިޤީ އަވަހާރަވުމަށްފަހު ވެސް ޔޫރަޕުގައި ކުރިޔަށްދިޔަ އިސްލާމީ ފުތޫޙާތު ތަކަށް ބަދަލެއް ނާދެއެވެ. އެއަށްފަހު ފުރާންސާއި ސްވިޒަލޭންޑުގެ ބައެއްބިންތައް ފަތަޙަކޮށް އެބިންތަކަށް މުސްލިމުން ވެރިވިއެވެ

 
 

 އެފުރިކާއަށް ނިޞްބަތްކުރާއިރު ޢަޤަބާބިން ނާފިޢުގެ ވެރިކަމުގެ ދަށުން އުތުރު އެފުރިކާގެ ހުރިހާ ހިސާބުތަކެއް ފަތަޙަކޮށް ، އެފުރިކާގެ ހުޅަނގު ބިތުގައި އެޓްލާންޓިކު ކަނޑުގެ އައްސޭރިފަށުގައިވާ ބިންތައްވެސް ފަތަޙަކުރެއްވިއެވެ. ޢަޤަބާ ބިން ނާފިޢުގެ ވެރިކަމުގެ ދަށުން ހިނގައިދިޔަ ހަނގުރާމަތަކުގެ ތެރެއިން " ޤައިރުވާން " ގައި ހިނގާދިޔަ " މަމްސް " އޭ ކިޔުނު  ހަނގުރާމަ ފާހަގަ ކޮށްލެވެއެވެ.

 
 

އުމަވީ ދައުލަތް އުފެދުނު އިރުގައިވެސް އިސްލާމީ ފަތަޙަތައް ދިޔައީ ކުރިއަށެވެ. އަދި އުމަވީ ޚިލާފަތުގައިވެސް 

މިމަސައްކަތްޕުޅުތަކަށް ހުއްޓުމެއް އެރިއަކަ ނުދެއްވައެވެ. މިގޮތުން ޢަރަބިކަރައިގެ ހުޅަނގުބައި ފަތަޙަ ކުރައްވުމުގައި އުމަވީ ޚަލީފާއިން މަސައްކަތްޕުޅު ކުރެއްވިއެވެ. އެއީ ރޫމީންގެ ބާރުގެ ދަށުގައިވާ ހިސާބު ގަނޑެކެވެ. މިހިސާބުގަނޑު ފަތަޙަ ކުރެއްވުމަށްޓަކައި ޢަރަބީންގެ މަޝްހޫރު ޤާޢިދު ޢަޤަބަތު ބުނި ނާފިޢު ޠޫނިސްއަށް ފޮނުއްވިއެވެ. މީނާ އެތަން ފަތަޙަ ކުރައްވާ ޤައިރުވާން ބިނާ ކުރެއްވިއެވެ. އަދި އެރަށަކީ އިސްލާމީ ސިފައިންގެ މަރުކަޒެއްކަމުގައި ހެއްދެވިއެވެ. އެއަށްފަހު ޢަޤަބަތު ބުނި ނާފިޢު މަޣްރިބުކަރަ ޤަސްދުކުރައްވާ ކުރިއަށް ވަޑައިގަތެވެ. އަދި އެޓްލާންޓިކު އޯޝަނާއި ހަމައަށް ވަޑައިގަތެވެ. އަދި އެޓްލާންޓިކު އޯޝަނުގެ އައްސޭރީގައި އަސް މަޑުކުރައްވައިގެން އިންނަވާފައި ވިދާޅުވިއެވެ. " އޭ ކަނޑާއެވެ. ކަލޭގެފަހަތުގައި ބިމެއްވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާނަމަ ﷲ ގަންދީ ހުވައިކުރަމެވެ. މިއަހާއިގެން ތިމަންކަލޭގެފާނު ތިޔަ ކަނޑުގައި ފައްތަވާނަމެވެ. "

 
 

ޢަބްދުލް     މަލިކު ބުނި މަރުވާންގެ ޚިލާފަތުގެ ދުވަސްވަރުގައި މަޣްރިބުކަރައަށް އިސްލާމީ ޤާއިދު މޫސާ ބުނި ނުޞައިރު ވަރުގަދަ ލަޝްކަރަކާއިގެން ފޮނުއްވިއެވެ. މިފަހަރު މުޅި މަޣްރިބުކަރަ ފަތަޙަ ވެގެން ދިޔައެވެ. މިފަތަޙަ ކުރެއްވުމުގައި މޫސާ ބުނި ނުޞައިރަށް އެހީތެރިވެ ވަޑައިގެން ދެއްވީ އިސްލާމީ މަޝްހޫރު މުޖާހިދު ޠާރިޤު ބުނި ޒިޔާދުއެވެ.

އިސްލާމީ ފަތަޙަތަކުގެ ސަބަބުން އިސްލާމީ ދައުލަތުގެ ބާރުގަދަވެ ، އަދި ބީޒަންތީން ދައުލަތް ވެއްޓި ސާސާނީ ދައުލަތުގެ ދަށުން ޢަރަބި އުއްމަތް މިނިވަންވެގެން ހިނގައްޖެއެވެ. އެއާއެކު އިސްލާމީ ދައުލަތް ވެގެންދިޔައީ ބާރުގަދަ އުއްމަތަކަށެވެ. މިހެންވާންޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ރައްޔިތުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމުވެފައި އޮތުމާއެކު ދައުލަތުގައި އިސްކޮށް ތިއްބެވި ވެރީން ޢާއްމު މަސްލަޙަތައް ރައްކާތެރިވެ ވަޑައިގަތުމުގައި ސަމާލުވެވަޑައިގެން ތިއްބެވުމެވެ. އެހެނީ އިސްލާމީ ދައުލަތެއްގެ އިޖްތިމާޢީ އެންމެ ފުރަތަމަ ބިންގަލަކީ މިނިވަންކަން ކަމުގައި ވާތީ ކޮންމެ ފަރުދަކީވެސް ތިމާއާއި އެހެން މީހުންގެ މިނިވަންކަމަށް ރައްކާތެރި މީހަކަށްވަނީ ވެފައެވެ.

މިބުނި ފުތޫޙާތުތައް ނުވަތަ ހަނގުރާމަތަކަކީ ހަނގުރާމައެއްގެ ޒާތުގައި ބިން ނުވަތަ މުދާތަކެއް ހޯދުމުގެ ބޭނުމުގައި ކުރެވުނު ހަނގުރާމަތަކެއް ނޫނެވެ. އެކަމަކު އެއީ އިސްލާމީ ރޫޙުގައި އިސްލާމްދީނަށްޓަކައި އެދީނުގެ ނަން މަތިވެރިކުރުމަށް ކުރެވުނު ޢަދުލުވެރި ހަނގުރާމަތަކެކެވެ.

3- ޢިލްމާއި ފަންނު ، އިޤުތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިއަށް ގެންދިއުމުގެ ދައުރު

އުމަވީ ދައުލަތުގެ ދުވަސްވަރު މުސްލިމުން ކާމިޔާބު ހޯދީ ހަމައެކަނި އަސްކަރީ ހަނގުރާމަތަކުގައެއް ނޫނެވެ. އިސްލާމްދީނަކީ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތައް މަސައްކަތް ކުރުމަށް ގޮވާލާ ދީނެކެވެ. އިސްލާމްދީނަށްޓަކައި ޖިހާދުކުރުމަކީ މާތްމަތިވެރި ، ޢަމަލަކަށް ވީހިނދު ޢިލްމަށްވެސް ޚާއްޞަ މަޤާމެއް އިސްލާމްދީނުގައި ދެވިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުން ، ޚާއްޞަކޮށް އުމަވީން ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން އެދުވަސްވަރު ޢިލްމީ މަރުކަޒުތައް ޤާއިމުކުރެއްވިއެވެ. އޭގެތެރޭގައި މައްކާ ، މަދީނާ ، ބަޞަރާ ، ކޫފާ ، ދިމިޝްޤު ، އިސްކަންދަރިއްޔާ އަދި ފުސްޠާޠު ފަދަ ރަށްތައް ހިމެނެއެވެ.

މިގޮތުން ޤުރްއާނުގެ ޢިލްމު މައްކާއާއި މަދީނާއިން ފާޅުވިއެވެ. އަދި ޢަރަބި ބަހުގެ ޤަވާޢިދު އުފެދިގެންއައީވެސް މައްކާއާއި މަދީނާއިންނެވެ. އެންމެ ފުރަތަމަ ޢަރަބިބަހުގެ ޢިލްމުގެ ޤަވާޢިދުތައް އެކުލަވާލީ އުމަވީ ދައުލަތުގެ ދުވަސްވަރު އަބުލް އަސްވަދުއް ދުއަލީއެވެ. އެއަށްފަހު ބަޞަރާގައި މިބުނި ޢިލްމު ކުރިއަށް ގެންދެވުމުގައި ނުވަތަ ފެތުރުއްވުމުގައި ޔަހުޔާ ބިން ޔަޢުމުރު އައްނަހްވީއާއި އަދި ޚަލީލު ބިން އަޙުމަދު އަލްފަރާހިދީ ޙަރަކާތްތެރި ވެފައިވެއެވެ.

ޙަދީޘް ޢިލްމު ބަލަހައްޓާ ދެމެހެއްޓުމުގައި މާލިކު ބިން އަނަސް އާއި މުޙައްމަދު ބިން މުސްލިމު ޝިހާބުއްދީން އައްޒަހުރީ ޙަރަކާތްތެރިވެފައިވެއެވެ. މިބުނެވުނު މީސްމީހުންނަކީ އަބީ ސަޢީދުލް ޚަދްރީއާއި އަބޫހުރައިރާގެ އަރިހުން ޙަދީޘް ޢިލްމު ލިބިގަނެގެން ތިބި ބޭފުޅުންނެވެ.

ތަފުސީރު ޢިލްމަށް ބަލާއިރު ޢަބްދުﷲ ބިން ޢައްބާސް ، ސަޢީދު ބިން ޖުބައިރު ، މުޖާހިދު ބިން ޖަބީރު ، އިކްރިމާ ބިން ޢަބްދުﷲ ، ޠާއޫސް ބިން ކައިސާ އަޠާޢު ބިން އަބީ ރަބާޙު އަދި މުޙައްމަދު ބިން ކައުބު ބިން އަލްޤުރަޟީ ފަދަ ބޭފުޅުން ފާހަގަ ކޮށްލެވެއެވެ.

ދީނީ ޢިލްމުގެ އިތުރުން އެހެނިހެން ޢިލްމުތަކަށްވެސް އުމަވީން ސަމާލުކަން ދީފައިވެއެވެ. އެދުވަސްވަރު ، ވައްހާބު ބިން މުނައްބަހު ، އުރުވަތު ބިން ޒުބައިރު ބިން ޢައްވާމު އަދި މުޙައްމަދު ބިން ޝިހާބު އައްޒުހުރީ ފަދަ ބޭފުޅުން ތާރީޚުގެ ޢިލްމު ދެމެހެއްޓުމުގައި މަސައްކަތްކުރެއްވިއެވެ.

ކެމިސްޓްރީގެ ޢިލްމު ނުވަތަ ކީމިޔާ އޭގެ ޢިލްމީ މަފްހޫމުގައި ފާހަގަ ވެގެން ދިޔައެވެ. ކެމިސްޓްރީ ޢިލްމު ފާޅުކުރެއްވުމުގައި އުމަވީންގެ އަމީރެއް ކަމުގައިވާ ޚާލިދު ބިން ޔަޒީދު ބިން މުޢާވިޔަތު ބިން އަބީސުފްޔާން މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. އިސްކަންދަރިއްޔާއާއި ޖިދީސާޕޫރު ފަދަ ރަށްތައް ކެމިސްޓްރީ ޢިލްމުގައި ކުރިއަރައި ދިޔައެވެ.

ދިމިޝްޤު އަދި އިސްކަންދަރިއްޔާގައި ތަރުޖަމާގެ ޢިލްމު ކުރިއަރައި ދިޔައެވެ. އެދުވަސްވަރު މަޝްހޫރު ތަރުޖަމާ ކުރައްވާ ބޭފުޅުންގެ ތެރޭގައި ޙައްސާން ބިން އަބީ ސިނާން ފާހަގަ ކޮށްލެވެއެވެ. ޙައްސާން ބިން އަބީ ސިނާނަކީ ޢަރަބިބަހާއި ފާރިސީބަސް އަދި ސިރިޔާނީ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

ޢިލްމުގެ އިތުރުން    ވެސް ވަރަށްގިނަ ކަންތައްތަކަށް އުމަވީ ދައުލަތުގެ ދުވަސްވަރު އަހައްމިއްޔަތުކަން ދީފައިވެއެވެ. އޭގެތެރޭގައި ސިފައިންގެ އެކިބައިތައް އުފެއްދެވުމާއި ، އާގުބޯޓް އުފެއްދެވުމާއި ، ކަރުދާސް އުފެއްދުން ފަދަ ކަންތައްތައް ހިމެނެއެވެ. ޕޯސްޓުގެ ނިޡާމް ޤާއިމުކުރައްވައި ތައްގަނޑުގެ ބޭނުން ކުރަންފެށިއެވެ.

ވަރަށް ގިނަ ފަންނުތައްވެސް އުމަވީ ދައުލަތުގެ ދުވަސްވަރު ކުރިއަރައިގެން ގޮސްފައިވެއެވެ. ލަކުޑިއާއި ފޭރާމުގެ ކުރެހުން އެޅުމުގެ ފަންނު އުމަވީންގެ ދުވަސްވަރު ވަރަށްބޮޑަށް ފެތުރިގެން ގޮސްފައިވެއެވެ. މިސްކިތްތަކުގެ މުންނާރުތަކާއި ތަނބުތަކުން ފެށިގެން ރަށްތަކުގެ ގޭޓްތަކާއި ބަގީޗާތަކުގެ ގޭޓްތަކުން ވެސް މިބުނި ފަންނުގެ އަސަރު ފެންނަން އެބަހުއްޓެވެ. " ރަހާ " އަދި " ޙަލްބު " ފަދަ ރަށްތަކަކީ މިކަމުގެ އަސަރު ފެންނަންހުރި ނަމޫނާ ރަށްތަކެވެ. ޤުދުސުގައިވާ މަސްޖިދުލް އަޤުޞާގެ ލަކުޑި ތަބުތަކުން މިކަމުގެ އަސަރު ފާޅުވާން އެބަހުއްޓެވެ. ޠޫނިސްގައި ޙައްސާން ބިން ނުޢުމާން ބިނާކުރެއްވި ޒާއިތޫނާ އޭ ކިޔުނު މިސްކިތުން ވެސް މިފަންނުތަކުގެ އަސަރު އަދިވެސް ފެންނަން އެބަހުއްޓެވެ. ހަމަމިގޮތައް ޤައިރުވާނުގެ ބޮޑު މިސްކިތުގެ މުންނާރަކީ މިހާރު ފެންނަންހުރި މިފަދަ ފަންނުތައް ދޭހަކޮށްދޭ ރަނަގަޅު ނަމޫނާއެކެވެ.

ސްޕޭން ފަތަޙަ ވުމުން އިސްލާމީ އިޤްތިޞާދު ވަރަށްބޮޑަށް ކުރިއަރައިގެން ދިޔައެވެ. އަދި ޢަރަބި އިޤްތިޞާދަކީ މިނިވަން އިޤްތިޞާދަކަށް ވެސް ވެގެން ހިނގައްޖެއެވެ. ޚަލީފާ ޢަބްދުލް މަލިކު ބުނި މަރުވާން ޢަރަބި ފައިސާފޮތި ޖެއްސެވިއެވެ. އޭގެ ކުރީގައި ޢަރަބީން ޢިރާޤުގައި ބޭނުން ކުރަމުން އައީ ސާސާނީ ޤައުމުގެ ފާރިސީ ލިއުމެއްވާ ފައިސާ ފޮއްޗެކެވެ. އަދި މިޞްރާއި ޝާމްކަރައިގައި ބޭނުންކުރަމުން އައީ ބީޒާންތީނީ ދައުލަތުގެ ޔޫނާނީ ލިޔުމަކުން ލިޔެފައިވާ ފައިސާއެކެވެ. މިދެފާއިސާ ބާޠިލުކުރައްވާފައި ޢަރަބި ދިރުޙަމްއާއި ދީނާރު ރިހިންނާއި ރަނުން ޖައްސަވަން ފައްޓަވައިފިއެވެ. މިފާއިސާ
,ޖަހަމުން ގެންދެވީ ދިމިޝްޤުގައާއި ވާޞިޠުގައެވެ. އެފާއިސާފޮތީގައި ލިޔެފައިވަނީ
بسم الله ,الرّحمن, الرّحيم الله
أحدالله  الصّمدމިފަދައިންނެވެ.
 

 އިރުމަތީގައި އިސްލާމްދީންފެތުރުން

މުޢާވިޔަތު ބުނި އަބީސުފްޔާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވާފައިވަނީ އިސްލާމްދީން ފަތުރުއްވައި އަދި ޢަރަބިބަސް ނުދަންނަ މީހުންނަށް ޢަރަބިބަސް ދަސްކޮށްދެއްވުމަށެވެ.

އަދި ހަމައެފަދައިން ނިކަމެތި ދަނޑުވެރިންނަށްވެސް މިނިވަންކަން ދެއްވައި އެބައިމީހުން ދަނޑުގޮވާން ކުރާނެ ބިން އެބައިމީހުންނާއި ޙަވާލު ކުރެއްވިއެވެ.

ޢަބްދުލް މަލިކު ބުނި މަރުވާން ޚަލީފާކަމާއި ޙަވާލުވެ ވަޑައިގެންނެވިއިރު ދައުލަތުގެ ކަންތައްވަނީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ. ވިމާ ޢަބްދުލް މަލިކުބުނި މަރުވާންއާއި އޭނާގެ ދަރިކަލުން އަލްވަލީދުގެ ދުވަސްވަރުގައި ޢަރަބީންގެ މަޝްހޫރު ޒުވާން ދެ ޤާއިދުން ކަމުގައިވާ މުޙައްމަދު ބުނި ޤާސިމުއްޘަޤަފީއާއި ޤުޠައިބަތު ބުނި މުސްލިމުލްބާހިލީ އާ އިސްލާމްދީން ފެތުރުއްވުމަށްޓަކައި ޙަވާލުކުރެއްވިއެވެ. މިބޭކަލުންގެ ތެރެއިން މުޙައްމަދު ބުނި ޤާސިމުއްޘަޤަފީ ކުރިމަތި ލެއްވީ ސިންދު ކަރައަށެވެ. އެތާނގައިތިބި ބުދުދީނުގެ ރަސްރަސްކަލުންނަށް އިސްލާމްދީނަށް ގޮވައިލައްވައި އަދި އިދިކޮޅުހެދިމީހުންނާއި ހަނގުރާމަކުރައްވައި ބަލިކުރެއްވިއެވެ. އަދި މީނާ އެހިސާބުގަނޑުގައި ޢަރަބި ޘަޤާފަތް ފަތުރުއްވަވައި އިސްލާމީ ދައުލަތުގެ ބައެއްގެ ގޮތުގައި އެބައި ހަމަޖެއްސެވިއެވެ.

ޤުޠައިބަތު ބުނި މުސްލިމުލްބާހިލީ ކުރިމަތި ލެއްވީ ޚުރާސާންގެ ދެކުނުގައިވާ ފަރުބަދައިގެ ހިސާބުގަނޑަށެވެ. މީނާ އެހިސާބުގަނޑުގައި އިސްލާމްދީން ފަތުރުއްވަވައި އިސްލާމީ ދައުލަތުގެ ބައެއްގެ ގޮތުގައި އެބައި ހަމަޖެއްސެވިއެވެ. އެއަށްފަހު ތުރުކިސްތާނާއި ސަމަރުގަންދުން ލާފައި ކުރިއަށް ވަޑައިގެން އޭޝިޔާގެ މެދަކާއި ހަމައަށް އޭނާ ވަޑައިގަތެވެ. މިހިސާބުގަނޑުގެ މީހުން ޤުތައިބަތު ދެކެ ވަރަށް ލޯބިވެއެވެ. އެއީ އެކަލޭގެފާނުގެ ޢަދުލުވެރިކަމާއި ވެރިކަން ހިންގެވުމުގެ ރީތިކަމާއި އެކަލޭގެފާނުގެ މަތިވެރި އަޚްލާޤަށްޓަކައެވެ.

އަންދަލުސްގައި އިސްލާމްދީން

ޢަރަބި އުއްމަތުގައި މިނިވަންކަމާއި ހަމަހަމަ ކަންމަތީގައި އުޅޭތަން ފެނުމުން އަންދަލުސްގެ އަހުލުވެރިން އެހިސާބުގަނޑުގައި ހުންނެވި ޢަރަބީންގެ ޤާއިދު މޫސާ ބުނި ނުޞައިރާ ގުޅައިފިއެވެ. އަދި އެމީހުންގެ ވެރިޔަކަށް ހުރި ލަޒްރީޤު ގެ އަނިޔާވެރިކަމާއި ރައްޔިތުންނަށް ނުބައިކަމުގެ ވާހަކަ ދެންނެވިއެވެ. ދެން މޫސާ ބުނި ނުޞައިރު ޠާރިޤު ބުން ޒިޔާދުގެ ވެރިކަމުގެ ދަށުގައި އިސްލާމީ ލަޝްކަރެއް އަންދަލުސްއަށް ފޮނުއްވިއެވެ. މިލަޝްކަރު ގޮސް ލަޒްރީޤު ބަލިކޮށްފައި އެވާހަކަ ޠާރިޤު ބުނި ޒިޔާދު މޫސާ ބުނި ނުޞައިރަށް އެންގެވުމުން މޫސާބުނި ނުޞައިރު ވަޑައިގެން ޠާރިޤު ބުނި ޒިޔާދާ އެކުގައި މުޅި އަންދަލުސް ފަތަޙަ ކުރެއްވިއެވެ. އެއީ ހިޖުރީގޮތުން 92 ވަނަ އަހަރުގައެވެ. މީލާދީން 711 ވަނަ އަހަރުގައެވެ.

ފިކުރީ އެއްބައިވަންތަކަމާއި ޢަރަބިބަހަށް ރައްކައުތެރިވުން

އިސްލާމީ ދައުލަތް ޢަރަބިބަހަށް ވަރަށްބޮޑު އަހައްމިއްޔަތު ކަމެއް ދިނެވެ. އެއީ ޤުރްއާނުގެ ބަހަކީ ޢަރަބި ބަސްކަމުގައިވެފައި ، ޢަރަބި ޘަޤާފަތް އޮތީ އެބަހުން ކަމުގައިވާތީއެވެ. ރަސޫލާ މީސްތަކުންނަށް ދީން އުގަންނައި ދެއްވަން މަސައްކަތްޕުޅު ކުރެއްވިފަދައިން ޚުލަފާއުއްރާޝިދޫން ވެސް ވަނީ މިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. ހަމައެގޮތަށް އުމަވީ ދައުލަތުގައިވެސް މިކަމަށް އިސްކަމެއް ދެއްވިއެވެ. ޢަބްދުލް މަލިކުބުނި މަރުވާން އުނގެނުމުގެ ދާއިރާ ފުޅާ ކުރައްވައި އަދި ޢަރަބިބަސް ދަމަހައްޓައި ރައްކާތެރި ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ހަމައެފަދައިން ފިކުރީ އެއްބައިވަންތަކަން ދަމަހައްޓަވަން މަސައްކަތްޕުޅު ކުރެއްވިއެވެ.

ދުނިޔޭގައި އުމަވީ ދައުލަތުގެ މަޤާމު

ދުނިޔޭގެ ތާރީޚު ހެކިދޭގޮތުގައި އެދުވަސްވަރު ދުނިޔޭގައި އޮތް އެންމެ ބޮޑު ތަހުޒީބާއި ތަރައްޤީ އަދި ބާރު އޮތީ އުމަވީ ދައުލަތުގައެވެ. އިސްލާމީ ޤައުމުތަކުގައި އުފައްދާތަކެތި މުޅި ދުނިޔެއަށް އިސްލާމީ ކަނޑުގެ އުސްޠޫލްގެ ޒަރީޢާއިން ގެންދެވެއެވެ. ދުނިޔޭގެ ތަފާތު ބަސްބަހުން ލިޔެފައިވާ ކުރީގެ ޢިލްމުތަކާއި ފަލްސަފާތައް ޢަރަބިބަހަށް ތަރުޖަމާކުރެވުނެވެ. ދުނިޔޭގެ މިއަދުގެ ތަރައްޤީގެ ބިންގާ އެޅި ބަޔަކީ އެދުވަސްވަރުގެ މުސްލިމުންނެވެ.

4- އުމަވީ ދައުލަތުގެ ނިމުން

އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ބަޔަކު މާބޮޑަށް ކުރިއަރައިގެން ހިގައްޖެނަމަ އަބަދުވެސް އަހުރަމެންނަށް ފެންނަނީ އެބަޔަކު މާއްދިއްޔަތަށް ލެނބޭތަނެވެ. އަދި ރޫޙާނީބައި މުޅިން ހަނދާންނެތިގެން ދާތަނެވެ. މިގޮތަށް އުމަވީ ދައުލަތުގެ ބައެއް ޚަލީފާއިންނަށާއި އިސްބޭފުޅުންނަށް ދައުލަތުގެ މަޞްލަޙަތުގެ ކުރިއަށް އެބޭކަލުންގެ މަޞްލަޙަތު ނެރުއްވުނެވެ. މިކަހަލަ ވަގުތުތަކުގައި ޖަމާޢަތުގެ ތެރޭގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާ ޖަމާޢަތްތައް ފުރުޞަތުގެ ބޭނުންކޮށް އެބައިމީހުންގެ ރޭވުންތައް ކާމިޔާބުކުރުމަށް މަސައްކަތްފެށިއެވެ. މިގޮތުން ޢަލަވީންނާއި ޚަވާރިޖުންނާއި އަދި ޢައްބާސީންނަށް ތާޢީދުކުރާ އުމަވީ ދައުލަތުގެ ސިފައިންގެ ތެރޭގައި ހިމެނޭ މިހުންގެ މެދުގައި ދެބަސްވުންތައް އުފެދި މަސްއަލަތައްގިނަވެ ޤައުމު ނިކަމެތިވެގެންގޮސް ހިޖުރައިން 132ވަނަ އަހަރުގައި އުމަވީ ދައުލަތްނިމި ޢައްބާސީ ދައުލަތް އުފެދިއްޖެއެވެ.

އުމަވީ ދައުލަތުގެ ޚަލީފާކަން 14 ބޭކަލުން ކުރައްވާފައިވެއެވެ. އެއީ

1- މުޢާވިޔަތު ބިން އަބީސުފްޔާން (661-680މ)

2- ޔަޒީދު ބިން މުޢާވިޔަތު (680-683މ)

3- މުޢާވިޔަތު ބިން ޔަޒީދު (683-684މ)

އިސްވެ ބަޔާންކުރެވުނު ތިންބޭކަލުންނަކީ އުމަވީ ދައުލަތުގައި އެންމެ ފުރަތަމަ ޚަލީފާކަން ކުރެއްވި ތިންބޭކަލުންނެވެ. މުޢާވިޔަތުގެފާނުގެ ދަރިކޮޅުން އުމަވީ ދައުލަތުގެ ވެރިކަން 24 އަހަރުވަންދެން ހިންގެވީ މިތިން ބޭކަލުންނެވެ. އެއީ ހިޖުރައިން 41 ވަނަ އަހަރުން ފެށިގެން ހިޖުރައިން 64 ވަނަ އަހަރުގެ ނިޔަލަށެވެ. އެއަށްފަހު ދެން ވެރިކަމަށް އައީ މަރުވާންގެ ދަރިކޮޅުގެ ބޭކަލުންނެވެ. މަރުވާންގެ ދަރިކޮޅުން އުމަވީ ދައުލަތުގެ ވެރިކަން 67 އަހަރު ވަންދެން ކޮށްފައިވެއެވެ. އެއީ ހިޖުރައިން 64 ވަނަ އަހަރުން ފެށިގެން ހިޖުރައިން 132 ވަނަ އަހަރުގެ ނިޔަލަށެވެ. މަރުވާނުގެ ދަރިކޮޅުން އުމަވީ ދައުލަތުގެ ވެރިކަމަށް އިސްވި ބޭފުޅުން ތަރުތީބުން ތިރީގައިމިވަނީއެވެ.

  1. މަރުވާން ބިން ޙަކަމް (684-685މ)

2- ޢަބްދުލް މަލިކު ބިން މަރުވާން (685-705މ)

3- އަލްވަލީދު ބިން ޢަބްދުލް މަލިކް (705-715މ)

4- ސުލައިމާން ބިން ޢަބްދުލް މަލިކް (715-717މ)

5- ޢުމްރު ބިން ޢަބްދުލް ޢަޒީޒު (717-720މ)

6- ޔަޒީދު ބިން ޢަބްދުލް މަލިކް (720-724މ)

7- ހިޝާމް ބިން ޢަބްދުލް މަލިކް (724-743މ)

8- ވަލީދުބިން ޔަޒީދުބިން ޢަބްދުލް މަލިކް (743-744މ)

9- ޔަޒީދުބިން ވަލީދުބިން ޢަބްދުލް މަލިކް (744މ)

10- އިބްރާހީމް ބިން ވަލީދު ބިން ޢަބްދުލް މަލިކް (744މ)

11- މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ޙަކަމް (744-750މ)


 


 

އުމަވީ ދައުލަތުގެ ވެރިކަން ގާތްގަނޑަކަށް ޤަރުނަކާއި ގާތްކުރަންދެން ދެމިއޮތެވެ. ޖުމްލަ 91 އަހަރު ވަންދެން އުމަވީ ދައުލަތުގެ ވެރިކަން ދެމިއޮތެވެ. ޢައްބާސީ ދައުލަތުގެ ދުވަސްވަރާ ޚިލާފަށް އުމަވީ ދައުލަތުގެ ދުވަސްވަރު ތަފާތު ފިކުރީ ޙަރަކާތްތައް ހިންގާ ޖަމާޢަތްތައް އުފެދިގެން ދިޔައެވެ. އޭގެތެރޭގައި ޝިޔަޢީންނާއި ޚަވާރިޖުން ފަދަ ޖަމާޢަތްތައް ހިމެނެއެވެ.

އުމަވީ ދައުލަތުގެ ޚަލީފާކަން ކުރެއްވި ބޭފުޅުން

1- މުޢާވިޔަތު ބިން އަބީސުފްޔާން

ނަންފުޅާއި ނަސަބުފުޅު

ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން އަބީ ސުފްޔާން ޞަޚްރު ބިން އުމައްޔާ ބިން ޢަބްދުއްޝަމްސު ބިން ޢަބްދު މަނާފުއެވެ. ޢާއިލާ ނިޞްބަތްވަނީ ޤުރައިޝުވަންހައަށެވެ. އުމަވީ ދައުލަތުގެ ބާނީއަކީ މިއީއެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިގެ 20 އަހަރު ކުރިންނެވެ. އިސްލާމްވެވަޑައިގަތީ ކީރިތިރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަހުއެވެ. ހިޖުރައިން 8 ވަނަ އަހަރުގައެވެ.

ޢިލްމު އުނގެނުން

ހިސާބު އިލްމު އުނގެނިވަޑައިގަތެވެ. ލިޔަންކިޔަން ދަސްކުރެއްވިއެވެ. ރަސޫލާގެ އަރިހުގައި ވަޙީ ލިޔުއްވުމުގެ މަސައްކަތުގައި އުޅުއްވިއެވެ. ރަސޫލާގެ އަރިހުން 130 ޙަދީޘް ރިވާކުރައްވާފައިވެއެވެ.

ސިޔާސީ ޙަޔާތް

އަބޫބަކުރުގެފާނުގެ ޚިލާފަތުގައި މުޢާވިޔާތުގެ ބޭބޭފުޅު ޔަޒީދު ބިން އަބީސުފްޔާނުގެ އަރިހުގައި ޝާމްކަރައަށް ދިޔައެވެ. ޔަޒީދު ބިން އަބީސުފްޔާން ދިމިޝްޤުގެ ވެރިކަމުގައި ހުންނަވަނިކޮށް އަވަހާރަވުމުން ދިމިޝްޤުގެ ވެރިކަމަށް މުޢާވިޔަތު ބިން އަބީސުފްޔާން އިސްކުރެވުނެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައިވެސް ދިމިޝްޤުގެ ވެރިއަކަށް ހުންނެވިއެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި މުޅި ޝާމްކަރައިގެ ވެރިއެއްގެ ގޮތުގައި ހުންނެވިއެވެ.

ޚަލީފާކަން ލިބިވަޑައިގަތުން

ޢަލީގެފާނު ޚަލީފާކަމަށް އިސްވުމާއެކު މުޢާވިޔަތުގެފާނު އެކަމާ އިޢުތިރާޟުކޮށް ދެކޮޅު ހެއްދެވިއެވެ. އަދި ދެފަރާތުގެ ދެމެދުގައި ފިތުނަވެރިކަން އުފެދިގެން ދިޔައެވެ. މިގޮތުން އުފެދުނު ފިތުނަވެރިކަން ނިމުމަކަށްއައީ ޚަވާރިޖުންގެ ތެރެއިން މީހަކު ހިޖުރައިން 40 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17ވަނަ ދުވަހު ޢަލީގެފާނު ޝަހީދުކުޅައުމުންނެވެ. އެއަށްފަހު ޢަލީގެފާނުގެ ދަރިކަލުން ޙަސަނުގެފާނު ހިޖުރައިން 41 ވަނަ އަހަރު މުޢާވިޔަތުގެފާނަށް ބައިޢަތު ހިއްޕެވިއެވެ. ޚަލީފާކަމުގައި މުސްކުޅި ވަންދެން ދެމިހުންނެވިއެވެ. އެއަށްފަހު ޚަލީފާކަމަށް އިސްވީ މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތެވެ.


 

ޚަލީފާ ކަމުގެ ދުވަސްވަރު ކުރެއްވި މުހިއްމު ބައެއް ޚިދުމަތްތައް

އެންމެ ފުރަތަމަ ހަނގުރާމައަށްޓަކައި މެދުތެރޭ
ކަނޑު ހުރަސްކުރެއްވީ ވެސް މުޢާވިޔަތުގެފާނެވެ. ގުރީކާއި ޔޫރަޕްގެ ބައެއްރަށްތައް
ފަތަޙަ ކުރެއްވިއެވެ. ހިޖުރައިން 40ވަނަ އަހަރު " ގަސްޠަންޠިނިއްޔާ " އެއްގަމާއި
ކަނޑުގެ މަގުން ޙިޞާރުކުރެއްވިއެވެ. ދިމިޝްޤު އެންމެ ފުރަތަމަ އިސްލާމުންގެ
ވެރިރަށެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީވެސް މުޢާވިޔަތުގެފާނުއެވެ.
މިސްކިތްތަކުގައި ފުރަތަމަ މިޙުރާބު ބެހެއްޓެވި ބޭފުޅަކީވެސް މުޢާވިޔަތުގެފާނުއެވެ.
މުޢާވިޔަތުގެފާނަށްފަހު ޚަލީފާކަމަށް ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތު
އިސްކުރެއްވުމުން ޚަލީފާކަމަށް އިސްކުރެއްވުމަށް އޭގެ ކުރިން ބޭނުން ކުރެވުނު "
މަޝްވަރާކުރުމުގެ ޤަވާޢިދު " އާ ފުރަތަމަ ޚިލާފުވެވަޑައިގެންނެވި ބޭފުޅަކަށް
ވިއެވެ. ފިތުނަވެރިކަމާއި ދެކޮޅުވެރިކަން މުޢާވިޔަތުގެފާނު މުޅިންހެން ނައްތާ
ލެއްވިއެވެ. އިސްލާމީ ވެރިކަން އަލްމަދީނަތުލް މުނައްވަރާއިން ޝާމްކަރައިގެ
ދިމިޝްޤަށް ބަދަލުކުރެއްވިއެވެ.

އަވަހާރަވެވަޑައިގަތީ ހިޖުރައިން ހިޖުރައިން 60 ވަނަ އަހަރު ދިމިޝްޤުގައެވެ.

2- ޔަޒީދު ބިން
މުޢާވިޔަތު

ނަމާއި
ނަޞަބު

ފުރިހަމަނަމަކީ ޔަޒީދު ބިން މުޢާވިޔަތު ބިން އަބޫސުފްޔާނުއެވެ. މަންމައަކީ މައިސޫން ބިންތި ބަހުދަލްއެވެ.

ޚަލީފާ ކަމަށް އިސްވުން

މުޢާވިޔަތުގެ ދުނިޔޭގައި ޙަސަނު ބިން ޢަލީ ބިން އަބީޠާލިބަށް ޚަލީފާކަން ދިނުމަށް ނިންމެވިއެވެ. ނަމަވެސް ހިޖުރައިން 50 ވަނަ އަހަރު ޙަސަނުގެފާނު އަވަހާރަވުމުން މުޣީރާ ބިން ޝޫޢުބާ ޔަޒީދު ވެރިކަމަށް އިސްކުރުމަށް އަހުދުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމާ މުޢާވިޔަތުގެފާނު އެއްބަސްވެ ވަޑައިގެންނެވިއެވެ. މުޢަވިޔަތުގެފާނު ޔަޒީދަށް ބައިޢަތު ހިތްޕެވުމަށް އެދުމުން މަދީނާގެ އަހުލުވެރިން ފިޔަވައި އެހެން ހުރިހާ މީސްތަކުން ބައިޢަތު ހިއްޕެވިއެވެ.

ޔަޒީދު ބިން މުޢާވިޔާ ވެރިކަމަށް އިސްވުމަށްފަހު މުސްލިމު ބިން ޢަޤަބާ ވެރިއަކަށް ބަހައްޓައިގެން ލަޝްކަރެއް ފޮނުއްވައި މަދީނާގެ އަހުލުވެރިންނާއި " ޙުއްރާ " އޭ ކިޔުނު ހަނގުރާމަކޮށް ނަޞްރު ހޯދިއެވެ. އެހިނދު ނުރުހުންވާ ޙާލުގައި މަދީނާގެ އަހުލުވެރިން ޔަޒީދަށް ބައިޢަތު ހިފިއެވެ.

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 60 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 680 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޚަލީފާކަން 3 އަހަރުދުވަހު ކޮށްފައިވެއެވެ. އަވަހާރަވިއިރު ޢުމުރަކީ 39 އަހަރެވެ.

3- މުޢާވިޔަތު ބިން ޔަޒީދު

ފުރިހަމަ ނަމަކީ މުޢާވިޔަތު ބިން ޔަޒީދު ބިން މުޢާވިޔަތު ބިން އަބީސުފްޔާނުއެވެ. ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 64 ވަނަ އަހަރުގެ ރަބީޢުލް އައްވަލުމަހުގެ 15ވަނަ ދުވަހުއެވެ. އެއީ މީލާދީން 683 ވަނ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ބައްޕަ އަވަހާރަވުމުން ޚަލީފާކަމަށް އިސްވުމަށްފަހު 40 ދުވަސްވަންދެން މީހުންގެ ތެރެއަށް ނިކުމެ ވަޑައެއް ނުގަންނަވައެވެ. އަވަހާރަވިއިރު ޢުމަރަކީ 23 އަހަރުއެވެ. ޚަލީފާކަން ކޮށްފައިވަނީ ވަރަށް ކުރު މުއްދަތަކަށެވެ. މިއީ ސުފުޔާނުގެ ދަރިކޮޅުން ވެރިކަން ކުރެއްވި އެންމެ ފަހު ޚަލީފާއެވެ. ދެން ވެރިކަން ކުރަމުން ދިޔައީ މަރުވާންގެ ދަރިކޮޅުގެ ބޭފުޅުންނެވެ.

4- މަރުވާން ބިން ޙަކަމް

ނަމާއި ނަޞަބު

ފުރިހަމަ ނަމަކީ މަރުވާން ބިން ޙަކަމް ބިން އަބީ ޢާސް ބިން އުމައްޔާ ބިން ޢަބްދުއްޝަމުސް ބިން އަބްދު މަނާފުއެވެ. މަންމައަކީ އާމިނަތު ބިން އަލްޤަމާ ބިން ޞަފްވާން ބިން އުމައްޔާއެވެ.

ޚަލީފާކަމަށް އިސްވުން

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 64 ވަނަ އަހަރު މުޢާވިޔަތު ބިން ޔަޒީދު އަވަހާރަވުމުން މީސްތަކުން މަރުވާނަށް ވެރިކަމަށް އިސްވުމަށް ބައިޢަތު ހިފުމުންނެވެ.

އަވަހާރަވުން

މަރުވާން ބިން ޙަމަކަމު އަވަހާރަވެފައިވަނީ ހިޖުރައިން 65 ވަނަ އަހަރުގައެވެ. އަވަހާރަވިއިރު ޢުމުރަކީ 63 އަހަރުއެވެ. ބުނެވޭގޮތުގައި މަރުވާން އަވަހާރަވީ ވިހަވެގެންނެވެ. އަނެއްބަޔަކު ބުނާގޮތުގައި މަރުވާން އަވަހާރަވީ ޕްލޭގް ޖެހިގެންނެވެ. ޚަލީފާކަން ކޮށްފައިވަނީ 10މަސް ދުވަހުއެވެ.

5- ޢަބްދުލް މަލިކު ބިން މަރުވާން ބިން ޙަކަމް

އުފަންވުމާއި ބޮޑުވުން

އުފަންވީ ހިޖުރައިން 26ވަނަ އަހަރުގައެވެ. އުޅޭބޮޑުވީ މަދީނާގައެވެ. ދީންވެރި އަޅުވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ.

ޚަލީފާކަމަށް އިސްވުން

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 65ވަނަ އަހަރުގެ ރަމަޟާންމަހުގެ 27ވަނަ ދުވަހުއެވެ. އެއީ މީލާދީން 685ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ބައްޕާފުޅު މަރުވާން ބިން ޙަކަމު އަވަހާރަވުމަށްފަހުގައެވެ. ހައިބަތު ހުރި ޖާނު ވަރުގަދަ މީހަކުކަމުގައި ބެލެވިފައިވެއެވެ.

ޚަލީފާ ކަމުގެ ދުވަސްވަރު ކުރެއްވި ކަންތައްތައް

ޢަބްދުލް މަލިކު ބިން މަރުވާނުގެ ޚިލާފަތުގައި އުމަވީ ދައުލަތުގެ ވެރިކަން ރޫމީ ، ފާރިސީ އަދި ޢަރަބި ރަށްތަކުގައި ހިނގާފައިވެއެވެ. އެންމެ ފުރަތަމަ ލިޔާއިރު ފިލިޖެހުމާއި ދިރުހަމުގައި ކުރެއްސެވުމާއި ދިނާރުގެ ލޯލާރި ތަޢާރަފު ކުރުން މިއީ ހައްތަހާވެސް ޢަބްދުލް މަލިކު ބިން މަރުވާނުގެ ވަރިކަމުގައި ހިނގާފައިވާ ކަންތައްތަކެވެ. މައްކާގައިވާ ކަޢުބާ ނުވަތަ ގެފުޅު ތަޅާލެއްވުމަށްފަހު މިހާރު ފެންނަން އެހެރަގޮތައް ބިނާކުރެއްވީވެސް ޢަބްދުލްމަލިކު ބިން މަރުވާނުގެ ވެރިކަމުގައެވެ. " ހަރުގަލާ " އޭ ކިޔޭރަށް ފަތަޙަކޮށް " ވާސިޠު " އޭ ކިޔުނުރަށް ބިނާކުރެއްވިއެވެ.

ޢަބްދުލް މަލިކު ބިން މަރުވާނާ ބެހޭގޮތުން އަބޫ އައްޒަނާދު ވިދާޅުވެފައިވެއެވެ. " މަދީނާގެ ފިޤުހު ޢިލްމުވެރިންނަކީ ސަޢީދު ބުނުލް މުޞައްޔަބާއި ޢަބްދުލް މަލިކު ބިން މަރުވާންއާއި ޢުރުވަތު ބިން ޒުބައިރުއާއި ޤުބައިޞާ ބިން ޛުއައިބުއެވެ. "

އަވަހާރަވުން

ޢަބުދުލްމަލިކު ބިން މަރުވާން ދުނިޔެ ދޫކުރެއްވީ ދިމުޝްޤުގައި ހިޖުރައިން 86 ވަނަ އަހަރުގެ ޝައްވާލު މަހުގެ ތެރޭގައެވެ.

6- ވަލީދު ބިން ޢަބުދުލް މަލިކު

ނަމާއި ނަޞަބު އަދި ޚަލީފާކަމަށް އިސްވުން

ފުރިހަމަ ނަންފުޅަކީ ވަލީދުބިން ޢަބްދުލް މަލިކު ބިން މަރުވާން ބިން ޙަކަމުއެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 48 ވަނަ އަހަރުގައެވެ. ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 86 ވަނަ އަހަރުގެ ޝައްވާލުމަހުގެ 14ވަނަ ދުވަހު ބައްޕަ ޢަބްދުލް މަލިކު ބިން މަރުވާން އަވަހާރަވުމުންނެވެ.

ވަލީދު ބިން އަބްދުލް މަލިކުގެ ވެރިކަމުގައި ތިއްބެވި ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރޭގައި މޫސާ ބުނި ނުޞައިރުއާއި ޠާރިޤު ބިން ޒިޔާދު ފަދަ ބޭފުޅުން ހިމެނެއެވެ. ވަލީދުގެ ވެރިކަމުގައި އިސްލާމީ ދައުލަތް އިންޑިޔާ ، ތުރުކިސްތާން އަދި ޗައިނާގެ އިރުމަތީ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.

ޚަލީފާކަމުގައި ކުރެއްވި ކަންތައްތައް

ވަލީދު ބިން ޢަބްދުލް މަލިކަކީ ޢުމްރާނީ ތަރައްޤީއަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. މަދީނާގެ ވެރިއަކަށް ހުންނެވި ބޭފުޅާއަށް މަދީނާގައި މީސްތަކުން ބޭނުންކުރުމަށް ފެންވަޅުތައް ކޮނެ މަގުތައް ހެދުމަށް އަމުރުކުރެއްވިއެވެ. ޖުޒާމްބަލި ޖެހިފައި ތިބޭމީހުން މީސްތަކުންގެ ތެރެއަށް ނިކުމެ އުޅުން މަނާކުރައްވައި އެމީހުންނަށް ޚާއްޞަ އިނާޔަތްތައް ދެއްވިއެވެ.

އިސްލާމީ ތާރީޚުގައި މިޒަމާނުގައި މިފެންނަގޮތައް ފުރަތަމަފަހަރަށް ހޮސްޕިޓަލް އުފެއްދެވީ އެދުވަސްވަރުއެވެ. ލޯފަން ކޮންމެ މީހަކަށް ބައިތުލް މާލުން އެހީވެދެއްވައި ، ނުހިގޭ މީހުންނަށް ޚާދިމުން ކަނޑައެޅުއްވިއެވ. އަދި ފަޤީރުންނަށްވެސް ބައިތުލްމާލުން އެހީވެދެއްވައި ހެއްދެވިއެވެ.


 

ބޭރުން އަންނަ މީހުން މަޑުކޮށްލައިގެން ތިބުމަށް ނުވަތަ އުޅުމަށް ޚާއްޞަ ގެތައް ބިނާކުރެއްވިއެވެ. މަދީނާގައިވާ މަސްޖިދުއްނަބަވީ މަރާމާތުކޮށް ، ޤުދުސުގައިވާ މަސްޖިދުލް އަޤުޞާ މަރާމާތު ކުރެއްވިއެވެ. ދިމިޝްޤުގައިވާ ޖާމިޢުލް އުމަވީ ނުވަތަ އުމަވީ މިސްކިތް ބިނާކުރެއްވިއެވެ. އުމަވީ މިސްކިތް ބިނާކުރެއްވުމަށް 11 މިލިޔަން 200 ހާސް ދީނާރު ހޭދަކުރެއްވިއެވެ.

އަވަހާރަވުން

ވަލީދު ބިން ޢަބްދުލް މަލިކު މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 96 ވަނަ އަހަރު ދިމިޝްޤުގައެވެ.

7- ސުލައިމާން ބިން ޢަބްދުލް މަލިކު

އުފަންވުމާއި ވެރިކަމަށް އިސްވުން

ފުރިހަމަ ނަމަކީ ސުލައިމާން ބިން ޢަބްދުލް މަލިކު ބިން މަރުވާން ބިން ޙަކަމުއެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 60 ވަނަ އަހަރުގައެވެ. ޚަލީފާކަމަށް އިސްކުރެވުނީ ހިޖުރައިން 96 ވަނަ އަހަރުގެ ޖުމާދުލް އާޚިރުމަހުގެ 15 ވަނަ ދުވަހުއެވެ. އެއީ މީލާދީން 715 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

މުހިއްމު ބައެއް ސިފަތައް

ސުލައިމާން ބިން ޢަބްދުލް މަލިކަކީ ދޫހެލޭ ބޭފުޅެކެވެ. ޢަދުލު އިންޞާފަށް ލޯބިކުރައްވާ ﷲގެ މަގުގައި ޖިހާދުކުރުމަށް ފަސްޖެހިވަޑައި ނުގަންނަވާ ބޭފުޅެކެވެ. ޚަލީފާކަމުގެ ދުވަސްވަރު އެކިކަންކަމުގައި އަބަދުވެސް " ޢުމަރު ބިން ޢަބްދުލް ޢަޒީޒު " އަދި " ރަޖާޢު ބިން ޙައިވާ " އާ މަޝްވަރާކުރައްވައެވެ. ސުލައިމާން ބިން ޢަބްދުލް މަލިކު އަކީ ޢިލްމުވެރިންނާއި އެކު ވަގުތުތައް ހޭދަކޮށް އެމީހުންގެ ތަޤުރީރުތަކާއި ، ނަޞޭޙަތްތައް އަޑުއެހުމަށް ލޯބިފުޅު ކުރެއްވި ވެރިއެކެވެ.

ޚަލީފާ ކަމުގެ ދުވަސްވަރު ކުރެއްވި ކަންތައްތައް

ޢިރާޤުގެ ޖަލުގައި ތިއްބެވި މީހުން ނެރެ މިނިވަން ކުރެއްވިއެވެ. ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. " ގަސްޠަންޠީނިއްޔާ " މިނިވަން ކުރެއްވުމަށްޓަކައި އޭނާގެ އަޚު " މަސްލަމާ ބިން ޢަބްދުލް މަލިކު " ފޮނުއްވިއެވެ. އަދި އެތަން ފަތަޙަ ކުރެވެންދެން އެތާގައި މަޑުކުރެއްވުމަށް އެންގެވިއެވެ. މަސްލަމާ ބިން ޢަބްދުލް މަލިކު އެތާގައި މަޑުކޮށް އެތަން ޙިޞާރު ކުރެއްވިއެވެ. ނަމަވެސް ފަތަޙައެއް ނުކުރެއްވެއެވެ.

ދުނިޔެ ދޫކުރެއްވީ ހިޖުރައިން 99 ވަނަ އަހަރުގައެވެ.

8- ޢުމަރު ބިން ޢަބްދުލް ޢަޒީޒު

އުފަންވުމާއި ޚަލީފާކަމަށް އިސްވުން

ފުރިހަމަ ނަމަކީ ޢުމަރު ބިން ޢަބުދުލް ޢަޒީޒު ބިން މަރުވާން ބިން ޙަކަމުއެވެ. މިއީ މުސްލިމުންގެ ފަސްވަނަ ޚަލީފާކަމުގައި ބުނެވެއެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 61 ވަނަ އަހަރު މަދީނާގައެވެ. ސުލައިމާން ބިން ޢަބްދުލްމަލިކުގެ ޚަލީފާކަމުގެ ދުވަސްވަރު ޝާމްކަރައިގެ ވަޒީރެއްގެ ގޮތުގައި ޢުމަރު ބިން ޢަބްދުލް ޢަޒީޒު ހުންނެވިއެވެ. ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 99 ވަނަ އަހަރުގެ ޞަފަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މީލާދީން 717 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޚަލީފާކަމުގައި 2 އަހަރާއި ބައިވަންދެން ދެމިހުންނެވިއެވެ.

މުހިއްމު ސިފަތައް

ޢުމަރުބިން ޢަބްދުލް ޢަޒީޒުގެ ޚަލީފާކަމުގެ ދުވަސްވަރު މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއި އިންސާފު ޤާއިމުކުރެއްވިއެވެ. އެހެންކަމުން ޢުމަރުބިން ޢަބްދުލްޢަޒީޒު ސިފަކުރެވެނީ ޢަދުލުވެރި ވެރިއެއްގެ ގޮތުގައެވެ. އަދި ހެޔޮލަފާ ޞާލިޙު ޚަލީފާއެއްގެ ގޮތުގައެވެ. ޒުހުދުވެރި ބޭފުޅެއްގެ ގޮތުގައެވެ. ބައިތުލް މާލުގައި ހުރި ހުރިހާ މުދަލެއް ﷲގެ މަގުގައި ހޭދަކުރެއްވިއެވެ.

ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ. " ފަސް ޚަލީފާއެއްވެއެވެ. އެއީ އަބޫބަކުރު ، ޢުމަރު ، ޢުޘްމާނު ، ޢަލީ އަދި ޢުމަރު ބިން ޢަބްދުލް ޢަޒީޒުއެވެ. " އިބްނި ސީރީން ވިދާޅުވެފައިވެއެވެ. " އެއީ ތެދުމަގުދައްކައިދޭ އިމާމުއެވެ. " ޢުމަރު ބިން ޢަބްދުލް ޢަޒީޒު މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 101 ވަނަ އަހަރުގައެވެ.

9- ޔަޒީދު ބިން ޢަބްދުލް މަލިކު

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 101ވަނަ އަހަރުގެ ރަޖަބު މަހުގެ 20 ވަނަ ދުވަހުއެވެ. އެއީ މީލާދީން 720 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

10- ހިޝާމް ބިން ޢަބްދުލް މަލިކު

ފުރިހަމަ ނަންފުޅަކީ ހިޝާމް ބިން ޢަބްދުލް މަލިކު ބިން މަރުވާން ބިން ޙަކަމުއެވެ. އުފަންވެ ވަޑައިގަތީ ހިޖުރައިން 71 ވަނަ އަހަރު ދިމިޝްޤުގައެވެ. ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 105 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 26 ވަނަ ދުވަހުއެވެ. މީލާދީން 724 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ އޭނާގެ ބޭބެ ޔަޒީދު ބިން ޢަބްދުލްމަލިކު އަވަހާރަވުމާ ގުޅިގެންނެވެ. ހިޝާމް ބިން ޢަބްދުލް މަލިކުގެ ޚިލާފަތުގައި ހިޖުރައިން 120ވަނަ އަހަރު ކޫފާގެ 14ހާސް މީހުންނާއިއެކު ޒައިދު ބިން ޢަލީބިން ޙުސައިން ހިޝާމްބިން ޢަބްދުލްމަލިކާ ދެކޮޅަށް ނިކުންނެވިއެވެ. އެއީ ހިޝާމްބިން ޢަބްދުލްމަލިކު ޤަތުލު ކުރެއްވުމަށްޓަކައެވެ. ޝާމްކަރައިގައި އޮތް ހިޝާމް ބިން ޢަބްދުލް މަލިކުގެ ވެރިކަމުގެ ދުވަސްވަރު އުމަވީ ދައުލަތުގެ އެއްވެސް ޚަލީފާއެއްގެ ޚަޒާނާގައި ނެތްވަރަށް ފާއިސާ އެއްކޮށްފައި ހުއްޓެވެ. ހޫނު މޫސުމުގައި ދިރި އުޅުއްވުމަށްޓަކައި ބޮޑުމިނުގައި 4 މޭލު ހުންނަ " ރަޞާފާ " އޭ ކިޔޭ ތަނެއް ބިނާކުރެއްވިއެވެ. ހިޝާމް ބިން ޢަބްދުލް މަލިކު ފާހަގަ ކުރެވިފައިވަނީ އަމިއްލައަށް ކަންތައްތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަވަހާރަވީ ހިޖުރައިން 125 ވަނަ އަހަރު " ރަޞާފާ " ގައެވެ.

11- ވަލީދު ބިން ޔަޒީދުބިން ޢަބްދުލް މަލިކު

ފުރިހަމަ ނަމަކީ ވަލީދު ބިން ޔަޒީދު ބިން ޢަބްދުލްމަލިކު ބިން މަރުވާން ބިން ޙަކަމުއެވެ. ވަލީދު ބިން ޔަޒީދު އުފަންވީ ހިޖުރައިން 88 ވަނަ އަހަރުގައެވެ. ވަލީދު ބިން ޔަޒީދުގެ ބައްޕަ ޔަޒީދު ބިން ޢަބްދުލްމަލިކު އަވަހާރަވުމުން ޚަލީފާކަމަށް އިސްކުރެވުނީ އޭނާގެ ބޮޑުބޭބޭ ހިޝާމް ބިން ޢަބްދުލް މަލިކުއެވެ. ހިޝާމު ޚަލީފާކަމަށް އިސްވުމަށްފަހު ވަލީ އަހުދަކަށް ވަލީދު ބިން ޔަޒީދު ކަނޑައެޅުއްވިއެވެ. ޚަލީފާކަމަށް އިސްވީ ހިޖުރައިން 125 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ތެރޭގައި ބޮޑުބޭބެ ހިޝާމް ބިން ޢަބްދުލް މަލިކު އަވަހާރަ ވުމަށްފަހުގައެވެ. އެއީ މީލާދީން 743 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ޚަލީފާކަމުގައި 1 އަހަރާއި 3 މަސް ދުވަހު ހުންނެވިއެވެ.

ވަލީދު ބިން ޔަޒީދު ނުބައިކަންތަކާއި ރާބުއިމަށް ދެވި ހިފާފައިވާތީ މީސްތަކުން އެކަމާ ނުރުހި ޔަޒީދު ބިން ވަލީދު ބިން ޢަބްދުލްމަލިކަށް ސިއްރުގައި ބައިޢަތު ހިފައި ވަލީދު ބިން ޔަޒީދު ޚަލީފާކަމުން ދުރުކުރެއްވުމަށް ގޮވާލެއްވިއެވެ. އޭރު ވަލީދު ބިން ޔަޒީދު ހުންނެވީ އުރުދުންގެ އިރުމަތީ ހިސާބުގައި އޮންނަ އައްމާނުގައިވާ " އަޣުދަފު " އޭ ކިޔުނު ރަށުގައެވެ. އެޚަބަރު ލިބުމާއެކު އެނބުރި " ބުޚަރާ " އަށް ވަޑައިގެންނެވިއެވެ. " ބުޚަރާ " އަށް ވަޑައިގަތުމާއެކު ޔަޒީދުގެ ޞަޙާބީންގެ ތެރެއިން ބަޔަކު އެއްވެ ، ނުޢުމާން
ބިން ބަޝީރުގެ ގަނޑުވަރުގައި ވަލީދު ބިން ޔަޒީދު ޤަތުލު ކުރެއްވިއެވެ. އެއަށްފަހު ވަލީދު ބިން ޔަޒީދުގެ ބޯ ދިމިޝްޤަށް ގެންދެވުނެވެ. މިހާދިސާ ހިނގީ ހިޖުރައިން 126 ވަނަ އަހަރުގައެވެ.

12- ޔަޒީދު ބިން ވަލީދު ބިން ޢަބްދުލް މަލިކު

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 126 ވަނަ އަހަރުގެ ޖުމާދިލް އާޚިރުމަހުގެ ތެރޭގައެވެ. އެއީ މީލާދީން 774 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

13- އިބްރާހީމް ބިން ވަލީދު ބިން ޢަބްދުލް މަލިކު

ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 126 ވަނަ އަހަރުގެ ޙައްޖު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 744 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޚަލީފާކަން ކޮށްފައިވަނީ އެންމެ 70 ދުވަހުގެ މުއްދަތަށެވެ. ޚަލީފާކަމަށް އިސްކުރެވުނީ އޭނާގެ އަޚް އަޒީދު އަވަހާރަވުމާއި ގުޅިގެންނެވެ.

14- މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ޙަކަމް

ޚަލީފާކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 127 ވަނަ އަހަރުގެ ޞަފަރު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 744 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މިއީ އުމަވީ ދައުލަތުގެ އެންމެ ފަހު ޚަލީފާއެވެ. ހިޖުރައިން 126 ވަނަ އަހަރު ވަލީދު ބިން ޔަޒީދު ޤަތުލު ކުރެއްވުމުން އަރްމީނިޔާގައި މަރުވާން ބިން މުޙައްމަދު ބިން މަރުވާންއަށް މީސްތަކުން ބައިޢަތު ހިފިއެވެ. އަދި ލަޝްކަރާއިގެން ދިމިޝްޤަށް ވަޑައިގެން އިބްރާހީމް ބިން ވަލީދު ވެރިކަމުން ދުރުކުރައްވައި ހިޖުރައިން 127 ވަނަ އަހަރު ވެރިކަމަށް އިސްވިއެވެ.

މަރުވާން ބިން މުޙައްމަދު ފާހަގަ ކުރެވެނީ ހިތްވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. ހިޖުރައިން 105 ވަނަ އަހަރު " ގޫނިޔާ " ކިޔޭ ރަށާއި ހަނގުރާމަކޮށް އެރަށް ފަތަޙަ ކުރެއްވިއެވެ. ހިޝާމް ބިން ޢަބްދުލް މަލިކުގެ ދުވަސްވަރު މަރުވާން ބިން މުޙައްމަދު ހިޖުރައިން 114 ވަނަ އަހަރު އަރްމީނިޔާ އަދި އާޒަރުބައިޖާންގެ ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު އަބުލް އައްބާސް އައްސައްފާޙު އާއި މަރުވާން ބިން މުޙައްމަދާ ދެމެދު މޫޞިލް އާއި އަރްބީލްއާ ދެމެދުގައި އޮންނަ ޒާބުއޭ ކިޔުނު ހިސާބެއްގައި ހަނގުރާމަހިނގިއެވެ. މިހަނގުރާމައިގައި ބަލިވުމުން މުޙައްމަދުބިން މަރުވާން ފިލައިގެން މިޞްރަށް ވަޑައިގެންނެވިއެވެ. އެހިނދު އައްޞައްފާޙުގެ ކޮއްކޮ ޞާލިޙު ބިން ޢަލީ މަރުވާންގެ ފަހަތުން ދަތުރު ކުރައްވައި ބޫޞީރު އޭ ކިޔޭ ހިސާބުގައި މަރުވާން ޤަތުލުކުރެއްވިއެވެ.

އުމަވީ ދައުލަތުގެ ވެރިކަން ނިމުމަކަށްއައީ ހިޖުރައިން 132 ވަނަ އަހަރުގެ ޙައްޖު މަހުގެ 27 ވަނަ ދުވަހު ޚަލީފާ މަރުވާން ބިން މުޙައްމަދު ބިން މަރުވާން ޤަތުލުކުރެއްވުމުންނެވެ. 5 އަހަރާއި 2 މަސްދުވަހު ޚަލީފާކަން ކޮށްފައިވެއެވެ. އަވަހާރަވިއިރު ޢުމުރަކީ 62 އަހަރެވެ.


 

ޕިގުމީން

ޕިގުމީން

ޕިގުމީ، މި ބަހަހަކީ ދުނިޔޭގެ ޓްރޮޕިކަލް ޖަންގަލިތަކުގައި ދިރި އުޅޭ އެތިނިކް ގުރޫޕް ތަކަށް ކިޔައި އުޅޭ ނަމެކެވެ.އެންތުރޮޕޮލޮޖިސްޓުން މިބަސް ބެނުން ކުރަނީ އިސްކޮޅުން ކުރުކޮށް ތިބޭ އިންސާނުންގެ ޖަމާޢަތްތަކަށެވެ.ޢާއްމުގޮތެއްގައި ޕިގުމީ ފިރިހެނުންގެ އެވުރެޖު އިސްކޮޅަކީ 4ފޫޓު 11 އިންޗިއެވެ.

އެއަށްވުރެ އިސްކޮޅުން ދިގު ޖަމާޢަތްތަކަށް ކިޔައި އުޅެނީ ޕިގުމޮއިޑް އެވެ.އެންމެ ބޮޑަށް މޝްހޫރުވެފައިވާ ޕިގުމީންނަކީ މެދުތެރޭ އެފުރިކާގައި ދިރި އުޅޭ "އަކާ"،އިންނާއި "އެފޭ"އިންނާއި މުބޫޓީ އިންނެވެ.

ޕިގުމީން ދިރި އުޅެނީ ހަމަ އެކަނި އެފްރިކާގައެއް ނޫނެވެ.އެބައި މީހުންގެ ޤަބީލާތައް ތައިލެންޑު،މެލޭޝިޔާ،ޕިލިޕީންސް،އިންޑޮނީޝިޔާ،އަދި ޕަޕުއާނިއުގިނީގައި ވެސް ދިރި އުޅެމުންގެންދެއެވެ.

"ޕިގުމީ" މިބަސް ދެކުނު އިރުމަތީ އޭޝިޔާގެ ޖަންގަލިތަކުގައި އެކަހެރިކޮށް ދިރި އުޅޭ ނެގްރިޓޯ އިންގެ ގަބީލާތަކަށްވެސް ބެނުންކުރެވެއެވެ.އެބައިމީހުންގެ ތެރޭގައި ހިމެނެނީ އައީޓާ،އަގަޓާ، އައިޓާ،އަދި،އީޓާ،ބަލޫގާ،އަޓީ އަދި ޕިލިޕީންސްގެ ޖަންގަލިތަކުގައި ދިރިއުޅޭ "މަނީ" ދަރިކޮޅުގެ މީހުންނެވެ.މީގެ އިތުރަށް އަންޒަމާން ކަރައާއި،ނައްކަބާރު ގައި ދިރި އުޅޭ ޤަބީލާތަކަކީވެސް ޕިގުމީންނެވެ.އެފްރިކާގެ ޕިގުމީންނާއި އޭޝިޔާގެ ޕިގުމީންގެ ކިބައިގައިވެސް އެއްގޮތް ސިފަތަކެއް ހުރެއެވެ.ކުރު އިސްކޮޅާއި ބުޅިއިސްތަށިގަޑެވެ.ހަމަ އެހެންމެ ގައިގެ ކަޅު ކުލައެވެ.އަދިވެސް ނޭގި އޮތްކަމަކީ އެބައިމީހުންގެ އަސްލާއި،އޭޝިޔާއަށް އެބައިމީހުން ހިޖުރަ ކުރިމަގެކެވެ.ޖެނެޓިކަލް ގޮތުން ބަލާއިރު އެފްރިކާގެ ޕިގުމީންނާއި އޭޝިޔާގެ ނެގްރިޓޯ އިންނާއި މާބޮޑު ގާތް ކަމެއް ނެތެވެ.މިހާތަނަށް ކުރެވުނު ދިރާސާތަކު ގައި މީގެ 1000އާއި3000އާ ދެމެދުގެ މާޒީއެއްގައި މައިކުރޮނީޝިޔާގެ ޕަލައުގެ ޖަޒީރާތަކުގައި އުޅެފައިވާ 25އަށް ވުރެ ގިނަ ޕިގުމީންކަމުގައި ބެލެވޭ އިންސާނުންގެ ކަށި ފެނިފައިއެވެ.

ކޮންމެއަކަސް "ޕިގުމީ"މިނަމަކީ އެބައިމީހުން ނިސްބަތްވާ ޤަބީލާތަކުގެ މީހުންގެ މެދުގައި ވަރަށް ހުތުރު ނަމެކެވެ.އެފަދަ ޤަބީލާތަކުގެ މީހުން ބޭނުންވަނީ އެބައިމީހުންނާއި މުޢާމަލާތް ކުރާއިރު އެބައިމީހުންގެ ޤަބީލާތަކަށް ނިސްބަތްކުރުމަށެވެ.އެގޮތުން ސެންޓްރަލް އެފްރިކަން ރިޕަބްލިކުގައި ދިރިއުޅޭ ޕިގުމީންނަކީ "އަކާ"(މްބެންގާ)ބަކާ،މުބޫޓީ،އަދި ތުވާ އިންނެވެ.

ޕިގްމީ މިބަސް އުފެދިފައިވާގޮތް:

ޕިގުމީ މިބަހަކީ ޔޫނާނީ ބަހުން ލެޓިންބަހަށް ވަދެފއިވާ ބަހެކެވެ.މާނައަކީ އުޅަބޮއްޓާއި ކަކުލާއި ދޭތެރޭގައި ހުންނަ ދުރުމިނެވެ.ގްރީކު މިތޮލޮޖީގައި މިބަހަކީ ޑުވޯފުންގެ ޤަބީލާއކަށްދެވިފައިވާ ނަމެކެވެ.

    ވަރަށް ގިނަ ތަންތަނުގައި ޕިގުމީންނަކީ އެތަނެއްގައި ފުރަތަމަ ވަޒަންވެރިވީ މީހުންކަމުގައި ކިޔައެވެ.ތަފާތު ތަންތަނުގެ ޕިގުމީން ވާހަކަދައްކައި ހަދަނީ ތަފާތު ބަހުރުވައިންނެވެ.ގިނަފަހަރަށް ޕިގުމީން ދިރި އުޅޭ ސަރަޙައްދަކާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ޕިގުމީން ނޫން މީސްމީހުންގެ ބަހާއި އެވެރިންގެ ބަހާއި ގާތްކުރާގޮތެއް ހުރެއެވެ.

ޕިގުމީންގެ ބަހުރުވަތަކުގައި ބޭނުންކުރެވޭ ބައެއްބަސްބަސް، ތަފާތުތަންތަނުގައި ދިރިއުޅޭ، ތަފާތު ބަހުރުވަތަކުން ވާހަކަ ދައްކާ ޕިގުމީންގެތެރޭގައިވެސް ބޭނުންކުރެވޭތަން ފެނެއެވެ.އޭގެތެރެއިން އެއްބަހަކީ "ޖެންގީ"އެވެ.އެއީ އެބައިމީހުންގެ ބަހުރުވައިން ޖަންގައްޔަށް ކިޔާނަމެވެ.

ޕިގުމީންދިރިއުޅެނީ ކިހިނެއްބާ؟

އެބައިމީހުން ދިރި އުޅެނީ ޖަންގަލީގެތެރޭގައި ޝިކާރަކޮށްގެންނެވެ. އެބައިމީހުން ހިފާޖަނަވާރުތަކުގެ ތެރޭގައި އުދުހޭ ފުއްލާއާއި،ރާމާމަކުނާއި،މީދަލާއި އޫރުފަދަ ޖަނަވާރު ހިމެނެއެވެ.މޭވާތަކުގެ ތެރޭގައި އެކިޒާތްޒާތުގެ ބެރީއާއި ފޮނިރަހަދޭ މޭވާ ހިމެނެއެވެ.ކައްޓަލައާއި ދަނޑިއަލުއްވާއި،ބައެއްކަހަލަ ފަތްޕިލާވެލިވެސް ކެއުމުގެތެރޭގައި ބޭނުން ކުރެވެއެވެ.މީގެ އިތުރަށް ޕިގުމީން މާމުއި ހަތާ ނަގައިގެންވެސް ބޭނުންކުރެއެވެ.ޕިގުމީންގެ ގާތުގައި ޖަންގައްޔަކީ އެބައި މީހުންނަށް ހުރިހާ އޯގާތެރިކަމެއް ފޯރުކޮށްދޭ ފަރާތެވެ.

    ޕިގުމީން ދިރިއުޅޭ ސަރަޙައްދު ތަކާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ދަނޑުވެރިންނާއި ޕިގުމީންނާއި ދޭތެރޭ ގާތްގުޅުމެއް އޮވެއެވެ.ބައެއްފަހަރު ދަނޑުވެރީންނަށް ކުދިކުދި މަސައްކަތްތައްވެސް ކޮށްދީހަދައެވެ.ޖަންގަލީގެ އުފެއްދުންތަށް ދީފައި ދަނޑުވެރީންގެ އަތުން އެބައިމީހުން ބޭނުންވާ ތަކެތި ހޯދައެވެ.

ޕިގުމީންނަށް ދިމާވެފައިވަނީ ކޮންކަހަލަ މައްސަލަތަކެއް؟

ދުނިޔޭގެ އެކިގައުމުތަކުން ތަރައްޤީވުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގައިވާ ބޮޑެތި ޖަންގަލިތަށް ދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ.ކޮންމެ ދުވަހަކު ޖަންގަލިތަކުން އެތަށް ސަތޭކަ ގަހެއް ކަނޑައި ތިރިކޮށްލެވެއެވެ.އެއީ ގެދޮރު ބިނާކުރުމަށާއި،ފަރުނީޗަރު ތައްޔާރުކުރުމަށާއި،ކަރުދާސް އުފެއްދުމަށެވެ.އަދި އެކިއެކި ގައުމުތަކަށް އެކްސްޕޯޓްކުރުމަށެވެ.ނުވަތަ ގޮވާންކުރާނެ ދަނޑުފަގު އިތުރުކުރުމަށެވެ.ނަތީޖާއަކަށްވަނީ ޕިގުމީން ދިރި އުޅޭ ޖަންގަލިތައް ހަނިވަމުން ދިޔުމެވެ.އަދި އެފަދަ ތަންތަނުގައި އަލަށް އާބާދުވާ "ޒަމާނީ" އިންސާނުންގެ ސަބަބުން ޖަންގަލިތަކުގެ އަހުލުވެރީން އެތަންތަނުން ފަހާލެވެއެވެ.

    ބައެއް ޤައުމުތަކުގައި ޕިގުމީން ޖަންގަލިތަކުން ފަހައިލުމަށްފަހު އެތަންތަނަކީ ،ނޭޝަނަލް ޕާރކުތަކެއްކަމުގައި ހަމަ ޖައްސައެވެ.އެކަމުގެ ސަބަބުން ޖަންގަލިތަކުގެ އަހުލުވެރީން އެބައިމީހުންގެ ހުރިހާ ޙައްގުތަކުން މަޙުރޫމްވެއެވެ.

ބައެއް ޤައުމުތަކުގައި ޕިގުމީންނަށް ރައްޔިތުންނަށް ލިބިދޭންޖެހޭ އެއްވެސް ހައްގެއް ލިބިނުދެއެވެ.އެބައިމީހުން ގަބޫލުކުރާގޮތުގައި ޕިގުމީންނަކީ "ވަލު"މީހުންނެވެ.އެއީ އެއްވެސް ޙައްގެއް ލިބެންޖެހޭ ބައެއްނޫނެވެ.

    އެފްރިކާގެ ކެމެރޫންގެ ޖަންގަލީގައި ދިރިއުޅެމުންދާ ބަގޭލީ ޕިގްމީންގެ ދިރިއުޅުން މިހާރު ވަނީ މުޅީން ހަލާކުވެފައެވެ.ވޯލްޑް ބޭންކުން ސޮޕޮންސަރ ކޮށްގެން އަޅަމުން ގެންދާ ތެޔޮހޮޅިތަކެއް އެދަނީ ސީދާ ޕިގުމީންގެ ބިމުގެ މެދުންނެވެ.

ޑިމޮކުރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީގައި ދިރި އުޅޭ ޕިގުމީންނާއި،ބުރުންޑީ އާއި ޔޫގެންޑާގެ ޖަންގަލިތަކުގައި ދިރިއުޅޭ ޕިގުމީންނަށް މިހަރުވަނީ ހަދާނެ ގޮތްހުސްވެފައެވެ.މިހާރު އެބައިމީހުންގެ ޖަންގަލިތައް އެވަނީ މުޅީން ހަލާކުކޮށްލާފައެވެ.އަދި މިހާރު ޕިގުމީންނަށް މަޖުބޫރުވެފައިވަނީ "މިޒަމާނުގެ"އިންސާނުން ދިރި އުޅޭ ހިސާބުތަކަށް ނިކުމެ ހައިހޫނުކަން ފިލުވުމަށްޓަކައި އެކިއެކި މަސައްކަތްކުރާށެވެ.އެހެން ނޫނިއްޔާ ސަލާން ޖަހާށެވެ.މިގޮތަށް ނިކުމެ އުޅުމުގެ ސަބަބުން އެބައިމީހުންގެތެރޭގައި ދުންފަތާއި ރާވަނީ ތަޢާރަފުވެފައެވެ.އަދި ހަކުރުލާފައި ހުންނަ އެއްޗެތި ކެއުމުގެ ސަބަބުން އެބައިމީހުންގެ ދަތްތަކަށް ނުހަނު ބޮޑެތި ގެއްލުންވަމުން އެބަ ދެއެވެ.ކުރީން އެބައި މީހުންނަށް ނުޖެހޭ ތަފާތު އެތައް ބަލިތަކެއް ވަނީ ޖެހެންފަށައިފައެވެ.

ރިޕަބްލިކު އޮފް ކޮންގޯގައި ޕިގްމީންގެ ނަސްލު ފޮހެލުމަށް މަސައްކަތް ކޮށްފައިވެއެވެ.

2003 ވަނަ އހަރު ކޮންގޯގެ މްބޯޓީ ޕިގުމީންގެ ފަރާތުން،ޔުނައިޓެޑް ނޭޝަންސްގެ އިންޑިޖިނަސް ޕީޕަލްސް ފޯރަމްގައި ވާހަކަ ދައްކަވަމުން ސިނަފާސީ މަކީލޫ ވިދާޅުވީ ކޮންގޯގައި ހިނގި ދާޚިލީ ހަގުރާމައިގެ ތެރޭގައި ވަލުތެރޭގައި ދިރިއުޅުނު އޭނާގެ ޤަބީލާގެ އެތައްބަޔަކު ފަހައި އަތުލައިގަތުމަށްފަހު ގެނެސް ގެރިބަކަރިއާއި ފުއްލާފަދަ ޖަނަވާރުހެން ފިހެގެން ކާފައިވާކަމަށެވެ. އަދި އަވަށްޓެރި އުތުރުކީވޫޕްރޮވިންސްގައިވެސްމިނިމަސްކައިފައިވެއެވެ.އެތަނުގައި މިނިމަސްކައިފައިވަނީ ދަ އިރޭޒަރސް އޭނަމަކަށް ކިޔުނު ބައިގަޑަކުންނެވެ.އެބައިމީހުން ޕިގުމީން ނައްތާލަން ބެނުންވީ އެކިއެކި މަޢުދަނު ނެގުމަށްޓަކައި ޕިގުމީންގެ ބިމުގެ ބޭނުމުގައެވެ.

    ކޮންގޯގެ ދާޚިލީ ހަގުރާމައިގައި ތަޅައިފޮޅި ދެފަރާތުންވެސް ޕިގުމީންނާއި ދޭތެރޭގައި ކަންތަށް ކޮށްފައިވަނީ ވަރަށް އިހާނެތިކޮށެވެ.އެބައިމީހުން ޤަބޫލުކުރާ ގޮތުގައި ޕިގުމީންނަކީ އިންސާނުންނަށްވުރެ މާދަށު ދަރަޖައިގެ މަޚްލޫގުންތަކެކެވެ.އަދި އޭގެތެރެއިން ބަޔަކު ގަބޫލުކުރާގޮތުގައި ޕިގުމީންގެ މަސްކެއުމުން އެބައިމިހުންނަށް ޖާދުވީ ބާރުތަކެއް ލިބެއެވެ.

    ޔުނައިޓެޑް ނޭޝަންސްގެ ސެކިޔުރިޓީ ކައުންސިލްގައި މަކީލޫ އެދިވަޑައިގަތީ މިނިމަސް ކެއުމަކީ މުޅި އިންސާނިއްޔަތާއި ދެކޮޅުވެރި ޢަމަލެއްކަމުގައި ބަލައިގަތުމަށެވެ.އަދި އެއީ ޕިގުމީންގެ ނަސްލު ވުޖޫދުން ފޮހެލުމަށްޓަކައި ހިންގި ލާއިންސާނީ އަމަލެއްކަމުގައި ޤަބޫލުކުރެއްވުމަށެވެ.

المتابعون