25‏/10‏/2009

ޢައްބާސީންގެ ދަޢުވަތު 1ވަނަބައި





އުމަވީ ދައުލަތަށް އިރުއޮއްސި ޢައްބާސީ ދައުލަތަކަށް އަލި ވިލުން

ހ * އައްބާސީ ދައުލަތަށް އައްބާސީ ދައުލަތޭ ކިޔުނީ ކީރިތި ރަސޫލާގެ ބޮޑުބޭބޭ ފުޅު ޢައްބާސް އިބުނު ޢަބްދުލްމުއްތަލިބް އަށް ނިސްބަތްކޮށެވެ. ޢައްބާސީ ސައުލަތުގެ ބާނީއަކީ އައްބާސް އިބުނު އަބްދުލް މުއްތަލިބުއެވެ.އެއީ ޢައްބާސީ ދައުލަތުގެ ފުރަތަމަ ޚަލީފާއޭވެސް ބުނެ އުޅެތެވެ.

ނަސަބުފުޅު: އެއީ އަބުލް ޢައްބާސް ޢަބްދުﷲ އިބުނު މުޙައްމަދް އިބުނު އަލީ އިބުނު ޢަބްދުﷲ އިބުނު ޢައްބާސް އިބުނު އަބުދުލް މުއް ތަލިބުއެވެ.

އަބުލް ޢައްބާސް މަޝްހޫރުވެވަޑައިގެންފައި ވަނީ "އަބިލް ޢައްބާސް އައްސައްފާޙުގެ" ނަންފުޅުނުނެވެ.އަލްޢައްބާސް އަށް "އައްސައްފާހު" އޭ ކިޔަންފެށުނީ ޚަލީފާކަމަށް އިސްވެވަޑައިގަތުމަށްފަހު ފުރަތަމަ ދެއްވި ޚުތުބާގައި " އަނައްސާއިރުލް އަލްމުބީޙު ވަ އަނަ އައްސައްފާހު" މިފަދައިން ވިދާޅުވުމާ ގުޅިގެންނެވެ. ޢަރަބި ބަހުގައި އޭގެ މާނައަކީ ދޫފަސޭހަކަން ދެއްވާފައިވަމީހާއެވެ.


ށ*
ޢައްބާސީންގެ ދަޢުވަތާއިގެން ނިކުންނާނޭ ބަޔަކު ފާޅުވުން

ޢައްބާސީން ވެރިކަން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ ވަރަށް ސިއްރުވެރިގޮތުގައެވެ. އެމަސައްކަތް ފުރަތަމަ ކޮޅުގައި ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހުނީ ކީރިތި ރަސޫލާގެ އަހުލުބައިތުންނާއި ކުރިމަތިވި ހިތާމަވެރި ޙާދިޘާ ތަކުގެ ސަބަބުންނެވެ. ޢައްބާސީން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވަރަށް ރަގަޅު އޮނިގަޑެއް އެކުލަވާލިއެވެ. މިއޮނިގަޑުއެކުލަވާލެއްވީ ވެރިކަން ހޯއްދެވުމަށްޓަކައި އެހެނިހެން ފަރާތްތަކުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތައްވެސް ދިރާސާ ކުރައްވެމަށްފަހުގައެވެ.



އުމަވީ ދައުލަތް ބަލިކަށިވުމުން، މީސްތަކުން އިސަލާމީ އުއްމަތް ކޮޅަށްނަގައި އެއުއްމަތުގެ މަޖިދު ދަމަހައްޓާނެ ބޭފުޅަކަށް އިންތިޒާރު ކުރަން ފެށިއެވެ. އަދި އުއްމަތުގެ ކަރާމަތް ދަމަހައްޓައި ހެޔޮމަގަށް އަޅުއްވައި ، އަނިޔާތަކުން އުއްމަތަށް ސަލާމަތްކަން ހޯދައިދީއަދުލުވެރިކަމާއެކު ވެރިކަން ހިންގެވުމުގައި ، އުއްމަތުގެ ޢަދުއްވުން ޖެހިލުންވާކަހަލަ ލީޑަރަކަށް އެދި ގޮވާންފެށިއެވެ. އެބައިމީހުން ދުށްގޮތުގައި އެކަމަށް އެންމެ އެކަށީގެންވަނީ އަހުލުބައިތުންގެ ތެރެއިންބޭފުޅެކެވެ. އާދެ ހާޝިމްވަންހައިގެ ބޭފުޅެކެވެ.

ދެން މީސްތަކުން ހާޝިމްވަންހައިގެ ބޭފުޅުންކުރެ އަބީ ހާޝިމް އަބުދުއްﷲއިބުނު މުޙައްމަދު އިބުނުލްޙަނަފިއްޔާ އިބުނު އަލީ އިބުނުތާލިބު އަށް އެމޭރުމުން ސިޓީ ފޮނުވާންފެށިއެވެ. އެކަލޭގެފާނަކީ މީސްތަކުން ވަރަށް ބޮޑަށް އިތުބާރުކުރާ ޢިލްމުވެރިކަމަށް އަރާހުންނެވި ބޭފުޅެކެވެ. އެއިރު އެކަލޭގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޝާމުކަރައިގައި އުމަވީ ޚަލީފާގެ ވެރިކަމުގެ މަރުކަޒާއި ކައިރި ހިސާބެއްގައެވެ.



މާގިނަދުވަސްތަކެއްނުވެ އެސިޓީތަކުގެ ޚަބަރު އުމަވީ ޚަލީފާ ސުލައިމާނުއިބުނު ޢަބްދުލް މަލިކު އާއި ހަމައަށް ފޯރައިފިއެވެ. ދެން އަބޫ ހާޝިމް އެކަލޭގެފާނުގެ ފުރާނަފުޅު ސަލާމަށްކުރެއްވުމަށްޓަކައި އެކަލޭގެފާނުންގެ ބޮޑުބޭބޭފުޅު ޢަލީ އައްސައްޖާދު އިބުނު އަބުދުﷲ އިބުނު ޢައްބާސްގެ އަރިއަހަށް"އަލްހުމައިމާއޭކިޔުނު"ރަށަށް ބަދަލުވެވަޑައިގެންނެވިއެވެ.(އެއީ ދެކުނު އުރުދުނުގައި އޮންނަ ރަށެކެވެ.) އެއީ އުމުރުފުޅުން ދުވަސްވެވަޑައިގެންފައިވުމާއިއެކު، އުމަވީ ޚަލީފާއިންގެ އަނިޔާވެރިކަމާއި އެބައިމީހުންގެ ހިތުގައިވާ ބަދަލުހިފުމުގެރޫޙުރަގަޅަށްއެގިވަޑައިގަންނަވާތީއެވެ. އެކަލޭގެފާނު އަލްހުމައިމާގައި ހުންނަވަނިކޮށް މަރު އައިސް އެކަލޭގެފާނާއި ގާތްވެއްޖެކަން އިހުސާސްވެވަޑައިގެންފިއެވެ. އެކަލޭގެފާނަށް ދަރިކަލަކުވެސް ލިބިވަޑައިގެންފައި ނެތުމާއިއެކު މުޙައްމަދު އިބުނު ޢަލީއިބުނު ޢަބުދުﷲއިބނުޢައްބާސް އެކަލޭގެފާނުންގެ އަރިއަހަށް ގެންނަވައި، އެކަލޭގެފާނު އަލްހުމައިމާ އަށް ވަޑައިގަންނަވަން ޖެހުނު ސަބަބާއ، މީސްތަކުން އެކަލޭނގެފާނަށް ފޮނުވާފައިވާ ސިޓީތައް ދެއްކެވިއެވެ. އަދި އައްބާސީންނަށް ވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށް ވަސިއްޔަތް ކުރެއްވއެވެ. ވިދާޅުވިއެވެ. "ތިޔައީ އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅާއެވެ". އެއަށްފަހު އަވަހާރަވެއްޖެއެވެ.

މިކަންހިގީ ސުލައިމާނު އިބުނު ޢަބުދުލް މަލިކުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ. އެއީ ހ99 ވަނަ އަހަރުގައެވެ. މީލާދީ ސަނަތުން 718 ވަނަ އަހަރުއެވެ. މިއީ "ޢަލަވީން"ގެ ފަރާތުން ޢައްބާސީންންނަށް މިދައުވަތު ފުރަތަމަފަހަރަށް ނަގުލުވުމެވެ.

ދެންފަހެ މުޙައްމަދު އިބުނު ޢަލީއިބުނު ޢަބުދުﷲއިބނުޢައްބާސް އެކަލޭގެފާނަށް އަބޫހާޝިމް އިބުނުލްޙަނަފިއްޔާ ކުރެއްވި ވަޞިއްޔަތާއެއްގޮތަށް މަސައްކަތްޕުޅުކުރައްވަން ފެއްޓެވިއެވެ. މީސްތަކުން ނާއި ގުޅުން ބަދަހި ކުރައްވައި ، މީސްތަކުންގެ ތެރެއަށް މި ދަޢުވަތާއިގެން ނިކުންނާނޭ ދާޢީންތަކެއް(ކެމްޕެއިން މެނޭޖަރުން) ތައްޔާރުކުރެއްވިއެވެ. އެބައިމީހުން ނިކުމެ އުމަވީ ދައުލަތުގެ އެކި ކަންކޮޅުތަކަށް ފެތުރިގެންފިއެވެ. އަދި އައްބާސީ ދައުލަތެއްގެ މުހިންމުކަމާއި އުމަވީ ދައުލަތުގެ އައިބު ތަކަށް ވަރަށް ބޮޑަށް ފާޑުކިޔާން ފެށިއެވެ. އަދި އަހުލު ބައިތުންގެ ބޭފުޅަކު ވެރިކަމާއި ޖާމިނުކުރުމުގެ މުހިންމުކަން މީސްތަކުންނަށް ވިސްނައިދޭން ފެށިއެވެ. އަދި އެބޭކަލަކު ވާންޖެހޭނީ ބިމުގައި އަދުލު އިންސާފުގާއިމު ކުރެވޭނެފަދަ ބޭފުޅަކުކަމުގައި ބަޔާންކުރާންފެށިއެވެ.



ކޮންމެއަކަސް ޢައްބާސީންގެ ދަޢުވަތު ރަގަޅަށް ވައިގައި ހިފައިފިއެވެ. އަދި މީސްތަކުންގެ މެދުގައި ވަރަށް ބޮޑަށް މަޤުލޫބުވާން ފެށިއެވެ.

މުޙައްމަދުއިބުނު އަލީއިބުނު އަބުދުﷲއިބުނު ޢައްބާސް މި މުހިންމު މަސައްކަތުގައި އުޅުއްވަނިކޮށް ހ124 ވަނައަހރު މ 742 ވަނަ އަހަރު އެކަލޭގެފާނަށް ވެސް މަރުގެ އާލާސްކަންފުޅު ޖެހިއްޖެއެވެ. އަދި އެހިނދު އެކަލޭގެ ފާނުންގެ ދަރިކަލުން އިބްރާހީމް (އަލްއިމާމް) އަރިޔަހަށް ގެންނަވައި ޢައްބާސީ ކެންޕޭނު ހުއްޓަވާނުލައްވައި ކުރިޔަށް ގެންދެވުމަށް ވަސީއްޔަތް ކުރެއްވިއެވެ. ދެން އެއަށްފަހު އަވަހާރަވެއްޖެއެވެ.

ނ- އިމާމު އިބްރާހީމް

އިމާމު އިބުރަހީމާއި ހަމައިން ޢައްބާސީންގެ ކެމްޕޭނުގެ ވައްޓަފާޅި މުޅީން އެހެން ސިފައަކަށް ބަދަލުކޮށްލެއްވިއެވެ. ކުރީގައި މާ ރަގަޅަށް އއިންތިޒާމު ކުރެވިގެން މިކެމްޕޭނު ކުރިޔަށް ގެންދެވިފައި ނުވި ނަމަވެސް އިމާމު އިބުރާހީމް މި ކެމްޕޭނާއިގެން ކުރިޔަށް ވަޑައިގަތީ ވަރަށް މޮޅަށެވެ. އަދި ކޮންމެ ކަމަކަށް ލީޑަރަކު ކަނޑައެޅުއްވިއެވެ. އަދިއެ ލީޑަރުންނަކީ މީސްތަކުންގެ މެދުގައި ބަސްވިކޭ ބޭބޭފުޅުންކަމުގައިވިއެވެ. ކޫފާގައި ކެމްޕޭން ކުރެއްވުމަށް އިސްކުރެއްވީ އަބީ ސަލްމާ އަލްޚިލާލުއެވެ. ޚުރާސާނުގައި ކެމްޕޭން ކުރުމަށް ހޮއްވެވީ ފާރިސީ އަސްލުން ވަޑައިގެން ހުންނެވި އަބީ މުސްލިމް އަލް ޚުރާސާނީއެވެ. ކެމްޕޭން ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސެވީ "އަލްހުމައިމާއެވެ.ހ129 / މ747 ވަނަ އަހަރު ފެށުނުތަނާހެން ޢައްބާސީންގެއިމާމު އިބުރާހީމް ޚުރާސާނާއި އެތަނުގެ ވަށައިގެންވާހަތަނެއްގައި ކެމްޕޭނު ކުރައްވަމުން ގެންދެވި އެމްމެހައި ބޭފުޅުންގެ ރައީސަކީ އަބޫ މުސްލިމް އަލްޚުރާސާނީ ކަމުގައި ހަމަޖެއްސެވިއެވެ. އެއީ އެކަމަށް ހުށަހެޅުނު އެހެނިހެން ބޭބޭފުޅުން އެކަމަށް ޢުޒުރުވެރިވެ ވަޑައިގެންނެވުމާއި ގުޅިގެންނެވެ. ކޮންމެއަކަސް އިބުރާހީމް އިބުނު މުޙައްމަދު

އެންގެވީ ފާޅުގައި ޢައްބާސީ ދަޢުވަތާއިގެން ނިކުތުމަށެވެ. އަދި ޙުރާސާނަކީ( އިރުއުތުރުފާރިސް) އުމަވީ ދަރިކޮޅުގެ ވެރިކަމާއި ދެކޮޅަށް ފާރިސްގައި މަސައްކަތް ކުރާ މައިމަރުކަޒު ކަމުގައި ހަމަޖެއްސެވިއެވެ.

ރ-ޢައްބާސީންނަށް ޚަލީފާކަން ނަގުލުވުން

ކުރީންވެސް ބަޔާން ކުރެވުނުފަދައިން އިމާމް އިބުރާހީމްގެ އަމުރަށް، އުމަވީދައުލަތުގެ އެންމެ ފަހުގެ ޚަލީފާ މަރުވާނު އިބުނު މުޙައްމަދުގެ ދައުރުގައި ޚުރާސާނަކީ އުމަވީ ދަރިކޮޅުގެ ވެރިކަމާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާ މައިމަރުކަޒެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ގުޅިގެން އަބޫމުސްލިމް އޭނާގެ ބައިވެރިންނާއެކު ޚުރާސާނުގެ ވެރިރަށް "މަރޫ"އަށްވެދެވަޑައިގަތެވެ.އެފަހަރު މަރޫ އޭނާގެ އަތްދަށަށް ނުދިޔައީ ހަމަ ކިރިޔާއެވެ.

އެއިރު އެރަށުގައި އުމަވީންގެ ވާލީއެއްގެ ގޮތުގައި ހުންނވީ ނަސްރު އިބުނު ސައްޔާރު އޭ ކިޔުނު ބޭފުޅެކެވެ.ދެން ނަސްރު އަވަސްވެވަޑައިގަތީ އުމަވީ ޚަލީފާގެ އަރިއަހުން މަދަދާއި އިތުރު އެހީއަށް އެދުމަށެވެ.އައްބާސީންގެ ފަރާތުން ކުރިމަތިވަމުން އަންނަ ނުރައްކާތެރިކަން އޭނާއާށް އިހުސާސްވީ ހިދު ، އެހީ އަށް އެދި އުމަވީ ދައުލަތުގެ ވެރިންނަށް، ހޭއަރާތިބުމަށް އެދި ވަރަށް އަސަރުގަދަ ޅެމެއް ހައްދަވާފައި ފޮނުއްވިއެވެ. އެޅެމުގެ ފުރަތަމަ ތިން ބައިތުގައި ވަނީ މިކަހަލަ ވާހަކަތަކެކެވެ. " ބޮޑުހަގުރާމައެއްގެ ކަނިތައް ބުރަންފަށައިފިއެވެ.ހަގުރާމައެއްފެށެނީ ދެކަނޑި ބައްދަލުވާ ހިސާބުންނެވެ.ހަގުރާމައެއް ފެށެނީ ފުރަތަމަ އަރާރުމަކުންނެވެ.ދެން ލޭއޮހޮރުވަނީއެވެ. އޭ އުމައްޔަތުގެ ދަރީންނޭވެ.ކަލޭމެން ތިޔަތިބީ ފަހެ ނިދާފައިހެއްޔެވެ.ނުވަތަ ހޭލައިހެއްޔެވެ."

ނަމަވެސް ނަސްރު އިބުނު ސައްޔާރުގެ މިއެދިވަޑައިގަތުމަށް މާބޮޑު ސަމާލުކަމެއް އުމަވީ ދައުލަތުގެ ވެރިން ނުދެއްވައެވެ. އެބައިމީހުން އެއަށްވުރެ ބޮޑަށް މަސްޣޫލުވެގެން އުޅުއްވީ ޝާމުކަރައިގައި ތިބި އެބައިމީހުންނަށް ކުރީގައި ނަސްރުދިން މީހުންގެ މެދުގައި ހިގަމުން އައި ހަމަނުޖެހުންތައް ހުއްޓުވުމަކަށް ގެނެވޭތޯއެވެ. އަދި އުމަވީންގެ ޒަޢީމުންތައްވެސް ތިބީ ވަރަށް ބޮޑަށް އެކަކުއަނެކަކާ ޖެހި ބައިބައިވެފައެވެ. އެހެން ކަމުން އުމަވީން އެބައިމީހުންގެ ޚުރާސާނުގައި ހުންނެވި "ވާލީ"ގެ އެދުމަށް އިޖާބަ ނުދެއްވިއެވެ. އެހީގެ އަތެއް ފޯރުކޮށެއް ނުދެއްވައެވެ.

އެހާހިސާބުން އަބޫމުސްލިމް އަލްޚުރާސާނީއަށް ޔަގީންވެވަޑައިގަތީ ދެން ނަސްރު އިބުނ ސައްޔާރު އަށް މާގިނަ ދުވަހ ކެތްނުކުރެވޭނެކަމެވެ. އަދި އަވަސް ފުރުސަތެއްގައި "މަރޫ" ފަތަހަކުރެވޭނެކަމެވެ. ދެން އޭނާގެ ވށައިގެންތިބި ޢަރަބީންތައް އެއްކުރައްވައި އެބައި މީހުންނާއިއެކު "މަރޫ" އަށް އަރާވަޑައިގެންނެވިއެވެ. އެއާއެކު ޚުރާސަނުގެ ވާލީ ވެރިރަށް "މަރޫ" ދޫކުރައްވައި ސިއްރިއްޔާތުގައ ވަޑައިގެންފިއެވެ. މިހާދިސާ ހިގީ 130 ވަނަ އަހަރުއެވެ. މީލާދީން 748 ވަނައަހަރުއެވެ.އަބޫ މުސްލިމް ގެ އަތްދަށަށް ޚުރާސާނުގެ ވެރިރަށް މަރޫ ގެނެވުމާއިއެކު އިތުރު ފޯރިޔަކާއެކު އިތުރުތަންތަން ފަތަޙަކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ.

އަދި އިސާހިތަކު "ބަލަޚް" އާއި "ސަމަރުގަންދު"އާއި "އައްތަބްސީނު"އާއި އަދިވެސް އިތުރު ރަށްރަށް އޭނާގެ އަތްދަށަށް ގެންނެވިއެވެ. އަދި މުޅި ޚުރާސާނު އޭނާގެ ވެރިކަމުގެ ބާރުގެ ދަށަށް ގެންނަވައި އެހުރިހާ ތަނަކަށް ނުފޫޒް ފޯރުވާން ފެއްޓެވިއެވެ.

އަދި އިތުރުތަންތަން ފަތަހަކުރުމާއި މެދުވިސްނަވާން ފެއްޓެވިއެވެ. އަދި ކޮންމެ ތަނެއް ފަތަޙަކުރެވުމުން އެތަނެއްގެއަޙުލުވެރިންލައްވައި

ﷲގެ ކަލާމް ފުޅަށާއި، އެކަލާގެ ރަސޫލާގެ ސުންނަތަށާޢި މުހައްމަދުގެފާނުންގެ އާލުންނާއި ރުހިޤަބުލުވުމަށާއި އޭނާއަކީ އަހުލުބައިތުންގެ ފަރާތުން ފޮނުވާފައިހުރި ވެރިޔަކުކަމުގައި ގަބޫލުކޮށް ބޯލަބައި ކިޔަމަން ގަތުމަށް ބައިޢަތު ހިއްޕެވިއެވެ. އޭގެ މާނައަކީ އޭނާ އަކީ އާލު ބައިތުންގެ ފަރާތުން އިސްކޮށްފައި ހުރި އިމާމަކުކަމުގައި ރުހި ޤަބޫލުކުރުމެވެ. އަދި އަމިއްލަފުޅަށް ތިމަންނާއަކީ "ޢާލު މުހައްމަދު"ގެ ފަރާތުން ފޮނުވަފައި ހުރި "އަމީރު" ކަމުގައި ވިދާޅުވާން ފެއްޓެވިއެވެ.

ކޮންމެއަކަސް އަބޫ މުސްލިމް އަލް ޚުރާސާނީގެ ބާރު ގަދަވެގެންގޮސް މުޅި އިރުމަތީ ސަރަހައްދުގައިވެސް އެނާއަށް ގޮންޖަހާލެވޭނެ އެއްވެސްމީހަކު މަތިނުވިއެވެ.އެކަމުގެ ސަބަބުން އޭނާގެ ފަހުން އައި މިހުންނަށް އެނާ މިސާލަކަށްވިއެވެ.ވަކިން ޚާއްސަކޮށް މަޖޫސީންގެ ފަރާތުން އެކިއެކި ސިފަތަށް ވާރުތަވެފައިތިބި މީސްމީހުން ފަހަގަ ކޮށްލެވެއެވެ.އޭގެ މިސާލެއްގެ ގޮތުން "ބަރާމިކާ" އިންނާއި "އާލު ތާހިރު"އާއި ބުވައިހިއްޔީންގެ މީހުން ހިމެނެއެވެ.

މިސަބަބާއި ހުރެ އިމާމް އިބުރަހީމް އިރާޤަށް ފޮނުވުމަށްޓަކައި އިޚްތިޔާރު ކުރެއްވީ ޢަރަބި ޝަޚްސިއްޔަތެއްކަމުގައިވާ ޤަޙްތަބާ އިބުނު ޝަބީބުއެވެ.އޭނައާއި ޙަވާލު ކުރެއްވީ އިރާގުގައި އިންޤިލާބީ ޙަރަކާތްތައް ކުރިޔަށް ގެންދެވުމަށެވެ.އިރާގުގައި ޤަޙްތަބާ އުމަވީންގެ ވާލީ، ނަސްރު އިބުނު ސައްޔާރުގެ މައްޗައް ކާމިޔާބު ހޯއްދެވިއެވެ.އެހެންނަމަވެސް އުމަވީންގެ ވެރިޔެއްކަމުގައިވާ ޔަޒީދު އިބުނު ހުބައިރާ، ޤަޙްތަބާ ބަލިކުރެއްވިއެވެ.ދެން ޔަޒީދުގެ މައްޗަށް އަބީސަލްމާ އަލްޚިލާލު، ގަދަވެވަޑައިގެން ނަސްރު ހޯއްދެވިއެވެ.އަދި ކޫފާއަށްވެދެވަޑައިގަތެވެ.

މިހުރިހާ ހާދިސާތަކެއް ހިގަމުން ދިޔައިރުވެސް އުމަވީ ދަރިކޮޅުގެ މީހުން ތިބީ އެތެރޭގެ ކަންތައްތައް ހަމަޔަކަށް ނޭޅުވިގެންނެވެ. އެކަމުގައި މަޝްޣޫލުވެ ވަޑައިގެންނެވެ.އަދި ބަނީ ޢައްބާސް ގެ ފަރާތުން ކުރިމަތިވަމުން އަންނަ ކަންތައްތަކަށް ވިސްނައި ސަމާލުވެ، އެކަމަށް އެބޭފުޅުންނަށް އެއްވެސްވަރަކަށް ވަގުތުނުދެއްވުނެވެ.މަރުކަޒީ ސަރުކާރަށް ޢައްބާސީންގެ ޙަރަކާތްތަކާއި ބެހޭ އެއްވެސް މައުލޫމާތެއް އަމުދުން ފޯރާފައިވެސް ނުވެއެވެ.

ޚަލީފާ މަރުވާނު އިބުނު މުޙައްމަދުއަށް، އޭނަގެ ޖާސޫސުންގެ ފަރާތުން، އިމާމު އިބުރާހީމް އަލް އައްބާސީ އޭނާގެ ކެމްޕޭން ކުރިޔަށް ގެންދަވާ ބޭފުޅުންނަށް، އިރުޝާދު ދެއްވައި ފޮނުއޮވަފައިވާ ސިޓީފުޅެއް ލިބިވަޑައިގަތެވެ.އެހިދު އައްބާސީންގެ ރޭވުމާއި އިންޤިލާބީ ހަރަކާތް ހންގަވަމުން ގެންދަވާ ގޮތް ޚަލީފާ މަރުވާނަށް ވަރަށް ރަގަޅަށް އެގިވަޑައިގަތެވެ.

އެއިރުވެސް ޚަލީފާ މަރުވާނު ހުންނެވީ ދައުލަތުގެ އެތެރޭގެ ހަމަނުޖެހުންތަށް މައިތިރި ކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ.އަދިވެއްޓެމުން ދިޔަ ވެރިކަމާއި ތޮޅެމުން ދިޔަ މީސްތަކުން އިނދަ ޖައްސާލުމަށްޓަކައި ކުރެވުނުހައި މަސައްކަތެއް ކުރެއްވުންމަތީގައެވެ. އެހެންކަމުން އިމާމު އިބުރާހީމް އާއި ދިމާކުރުމަށް ލަޝްކަރެއް ފޮނުއްވުމުގެ ބަދަލުގައި ދިމިޝްޤުގައި ހުންނެވި އުމަވީންގެ ވާލީއަށް އިމާމު އިބްރާހީމް ހިފައި ހައްޔަރުކޮށް ހުރަގެއަށްލެއްވުމަށް އަމުރުކުރަށްވައި ފަތްކޮޅެއް ފޮނުއްވިއެވެ.

ފަތްކޮޅުގައިވާފަދައިން އިމާމް އިބުރާހީމް ހިފައި ހައްޔަރުކޮށް ކަސްތަޅުއަޅުވާފައި ބެހެއްޓެވިއެވެ.އަވަހާރަވީވެސް ޖަލުގައެވެ.ބަޔެއް ރިވާޔަތްތަކުގައި ގަތުކުރެވުނީ ކަމުގައިވެސް ބުނެތެވެ. އިމާމު އިބުރާހީމް އަވަހާރަވީ ހ 132ވަނަ އަހަރުގައެވެ. މ 750 ވަނަ އަހަރުގައެވެ.

ހުރަގޭގައި ހުންނެވި އިމާމް އިބުރާހީމްއަށް އޭނާ ޤަތުލުކޮށްލަން އުޅޭކަން އެގިވަޑައިގަތުމުން، އޭނާގެ އަޚް އަލް އައްބާސް އަށް އޭނާ އަވަހާރަވުމަށް ފަހު އިމާމުކަމުގައި ވުމަށް ވަސިއްޔަތްކުރެއްވިއެވެ.އެއިރު އިމާމް އިބުރާހީމަށް ތާއީދުކުރާ މީހުން ނަސްރަކަށްފަހު، ނަސްރެއް ހޯދަމުން އައިސް ކޫފާއާއި ދާދި ގާތްވެފައިވާކަންވެސް އެގިވަޑައިގަތެވެ.އަދި ދާދި އަވަހަށް އައްބާސީންގެ އަތްދަށަށް "ކޫފާ"ހިގައިދާނެކަންވެސް އެގިވަޑައިގަތެވެ.

ދެން އެނާ އަލްޢައްބާސަށް ވަސިއްޔަތްކުރެއްވީ އޭނާގެ ޢާއިލާއާއިގޮވައިގެން ކޫފާއަށް ވަޑައިގަތުމަށެވެ.އަދި އެރަށުގައި އިންޤިލާބީ ހަރަކާތްތައް ކުރިޔަށް ގެންދަވާ އަބޫސަލަމަތު އަލްޚިލާލު އާއި ގުޅިވަޑައިގަތުމަށެވެ.އަދި އެރަށުގައި އައްބާސީންނަށް އުމަވީންގެ ފާރަވެރީންނާއި އެބައިމީހުންގެ ނުފޫޒުން ސަލާމަތްވެގެން އަމާން ކަމައި އެކު ދިރި އުޅެވި ދާނެ ކަމުގައި ވިދާޅުވިއެވެ.

ބ- ޢައްބާސީ ދައުވަތުގެ މަރުކަޒު ޢިރާޤަށް ބަދަލު ކުރުން

އަބޫ މުސްލިމް އަލް ޚުރާސާނީ، ޚުރާސާނުގައި ހުންނެވި އުމަވީންގެ ވާލީ ނަސްރު އިބުނު ސައްޔާރު އާއި ތޮޅެ އޭނާ ޚުރާސާނުން ފައްސާލެއްވިއެވެ.އަދި ކޫފާގައި އިމާމު އިބުރާހީމްގެ ފަރާތުން ޢައްބާސީންގެ ދަޢުވަތު ފެތުރުއްވުގެ މަސައްކަތް ޙަވާލު ކުރަށްވާފައި ހުންނެވި ޤަހްޠަބާ އިބުނު ޝަބީބު، ޢިރާގުގެ މައްޗަށް ވެރިވެ ވަޑައިގަތެވެ. ކޫފާގައި ހުންނެވި އުމަވީންގެ ވާލީ ނަސްރު އިބުނު ޔަސާރުގެ ލަޝްކަރު ގަހުތަބާގެ ފަހުލަވާނުންގެ ކުރިމަތީގައި ފަސްޖެހި ދުވެ ފިލީއެވެ.ނަސްރު އިބުނު ޔަސާރު އަވަހާރަވީ އައްބާސީން، އޭނާގެ ހަފަރާތުން އޭނާ ވަށާލާފައި ވަނިކޮށެވެ. އަވަހާރަވީ އުމަވީން އޭނާއަށް ފޮނުއްވި އެއްވެސް މަދަދެއް ލިބިވަޑައިނުގެން ހުންނަވައި، ބަލިވެ ދެރަވެފައިވާ ޙާލުގައި ހުންނަވަނިކޮށް ހ 131ވަނަ އަހަރުއެވެ. އެއަށްފަހު އަބުލްޢައްބާސް ކޫފާއަށް އަރާ ވަޑައިގެންނެވިއެވެ.

ޅ-އަބިލް އައްބާސް ޢަބުދުﷲއިބުނު މުޙައްމަދު އިބުނު ޢަލީ އިބުނު ޢަބުދުﷲ އިބުނު އަލް ޢައްބާސް އަށް ބައިޢަތު ހިފުން

އަބުލް ޢައްބާސް ކޫފާއަށް ވެދެވަޑައިގަތްތާ މާ ގިނަ އިރުތަކެއް ނުވެ ޢިރާގުގެ މީސްތަކުން އަބިލް ޢައްބާސަކީ އިސްލާމުންގެ ޚަލީފަކަމުގައި ބައިޢަތު ހިފައިފޫއެވެ.އަދި ކުޑައިރުކޮޅެއްގެ ފަހުން "އަބުލް އައްބާސް" ކޫފާގެ މިސްކިތަށްވަޑައިގަތެވެ. މިސްކިތުގައި އެއްވެފައިތިބި މީސްތަކުންނާއި މުޚާތަބުކޮށް ޚުތުބާއެއްވިދާޅުވިއެވެ. އެޚުތުބާގައި ވިދާޅުވީ މި ފަދައިންނެވެ.



"الحمد لله الذي اصطفى الإسلام لنفسه فكرّمه وشرّفه وعظّمه، واختاره لنا، وأيده بنا، وجعلنا أهله وكهفه وحصنه والقُوام به الذابيّن عنه".


ދެން ޢައްބާސީންނާއި ކީރިތި ރަސޫލާއާއި ހުރި ތިމާގެކަން ވިދާޅުވެ ކީރިތި ޤުރުއާނުގެ މިލިޔާ އާޔަތް ވިދާޅުވެ ހެކިދެއްކެވިއެވެ.: "

إنّما يريد الله ليذهب عنكم الرجس أهل البيت ويطهّركم تطهيرا".

ދެންވިދާޅުވިއެވެ.: لمّا قبض الله نبيّه قام بالأمر أصحابه الى أن وثب بنو حرب ومروان فجاروا واستأثروا، فأملى الله لهم حيناً حتى آسفوه، فانتقم منهم بأيدينا، وردّ علينا حقّنا ليمنّ بنا على الذي استضعفوا في الأرض، وختم بنا كما افتتح بنا، وما توفيقنا أهل البيت إلا بالله. يا أهل الكوفة، أنتم محلّ محبّتنا، ومنزل مودّتنا، لم تفتُروا عن ذلك، ولم يثنكم عنه تحامل أهل الجور، فأنتم أسعد الناس بنا، وأكرمهم علينا. وقد زدتُ في اُعطياتكم مائة مائة، فاستعدّوا فأنا السفّاح المبيح، والثائر المبير".


އަދިވެސްވިދާޅުވިއެވެ: ""ز عمت الشامية الضلال" (މަގުއޮޅިފައިވާ ޝާމީން ހީކުރީ) أنّ غيرنا أحقُّ بالرياسة(އަހުރެމެން ނޫންމީހުން

ވެރިކަމަށް މާ ޙައްގުކަންބޮޑުކަމަށެވެ.
والخلافة منّا،(ޚަލީފާކަމަކީ އަހަރެމެންގެ ކަމެކެވ.)
فشاهت وجوههم، بِمَ ولِمَ أيُّها الناس؟ وبنا هدى الله الناسَ بعد ضلالتهم، وبصّرهم بعد جهالتهم، وأنقذهم بعد هلكتهم".

ކ-ޚަލީފާމަރުވާނު އިބުނު މުޙައްމަދުގެ ލަޝްކަރާއި އައްބާސީންގެ ލަޝްކަރުގެ ކުރިމަތިލުން

އުއްމަތްތަކާއި މީސްތަކުންނަށް ތާރީޚުން ދައްކައިދޭ ފިލާވަޅުތަކުގެ މަތިވެރިކަމާއެވެ.މިއީ ހާދަހާތާރިޚީ ހިނދުކޮޅެކެވެ.އެތަކެއް އަހަރު ވަންދެން ދެމިއޮތް ބާރުގަދަ ދައުލަތަކަށް އިރުއޮއްސޭ ވަގުތުކޮޅެވެ.އަނެއްކޮޅޮން އަނެއް ދައުލަތަކަށް އިރު އަރަނީއެވެ.ދުނިޔެ ދައްކައިދޭ ފިލާވަޅުތަކުގެ މަތިވެރިކަމާއެވެ.މިއީ ދުނިޔެއެވެ.އެއްދުވަސް އަހަރެމެންނަށެވެ. އަނެއްދުވަސް އެބައިމީހުންނަށެވެ.ދުނިޔޭގެ ކަންތައްތައް ހިގަނީ ތޮށަލިދުޅައަށެވެ. އައްބާސީންނާއި އުމަވީންގެ މެދުގައި ދެގޮތުންކުރެ އެއްގޮތެއްވާންދެން ކުރެވުނު އެންމެފަހުގެ ހަނގުރާމަ ކުރެވުނީ ދިޖުލަތުކޯރުގެ އުތުރުގޮފިކަމުގައިވާ އައްޒާބުގެ އައްސޭރީގައެވެ.އެތަން އޮންނަނީ މޫސަލްގައެވެ.ޢައްބާސީ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ އަބުލް އައްބާސްގެ ބޮޑުބޭބޭފުޅު ޢަބުދުﷲއިބުނު ޢަލީއެވެ.އުމަވީ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ޚުދު ޚަލީފާ މަރުވާނު އިބުނު މުޙައްމަދުއެވެ.

އެއީ ހިޖުރައިން 132ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 21 ވީ ހޮނިހިރުދުވަހުގެ ރެއެވެ. އެރޭ ޚަލީފާމަރުވާނުއަށް އައްބާސީ ލަޝްކަރުގެ ކުރިމަތީގައި ހެދޭނޭ އެއްވެސް އެއްޗެއްނެތި ގޮތް ހުސްވިއެވެ.ބަލިވެގެން ދިމިޝްޤުއާއި ދިމާއަށް ފިއްލަވަން ވަޑައިގަތުން ނުން އެހެން ގޮތެއް ނެތިއްޖެއެވެ.ޚަލީފަގެ ފަހތްޕުޅުން އަބުދުﷲއިބުނު އަލީގެ ލަޝްކަރު އަރައި ހަމަކުރަނީއެވެ.

ދެން ޢަބުދުﷲގެ ލަޝްކަރީން ޚަލީފާގެ ފަހަތްޕުޅުން ގޮސް ދިމިޝްޤަށް އަރައި ޝާމް ކަރައިގެ ރަށަކަށްފަހު ރަށެއް ފަތަޙަކުރާންފަށައިފިއެވެ.އަދި ވެރިރަށް ދިމިޝްގުވެސް ހިފައިފިއެވެ. އާދެ އުމަވީ ދައުލަތުގެ ވެރިރަށް ދިމިޝްގު ޢައްބާސީންގެ އަތްދަށަށް ދިޔުންވެގެންދިޔައީ އިރުމަތީ ބިތުގައި އޮތް އުމަވީ ދައުލަތުގެ ނިމުންކަމުގައެވެ.އާދެ އުމަވީ ދައުލަތުގެ ވެރިކަން ނިމުމަކަށް އައީއެވެ.

އެއިރު ޚަލީފާ މަރުވާނު ފިއްލަވައިގެން ދަތުރު ކުރަށްވައި މިސްރުގެ ސަޢީދު އާއި ހަމަޔަށް ވަޑައިގެންފިއެވެ.ފައްޔޫމު އޭކިޔުނު މަދީނާއާއި ދާދި ގާތަށް ވަޑައިގެންފިއެވެ.

މިސްރުގައި ޚަލީފާ މަރުވާނު ފިއްލަވައިގެން އުޅުއްވާތާ 8މަސް ވެފައިވަނިކޮށް ފައްޔޫމު ގެ ކައިރީގައިވާ ކުޑަކުޑަ ޤަރުޔާ(ވިލެޖް)އެއްގައި

ދިރިއުޅުއްވަމުން ގެންދަވާ ޚަބަރު ޢައްބާސީންނަށް ލިބިއްޖެއެވެ.އައްބާސީން މަރުވާނު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ޚަލީފާގެ ޚާދިމެއްގެ ގޮތުގައި ގެންގުޅުއްވި ކުއްޖަކު އައްބާސީންގެ އަތްދަށުގައިވިއެވެ.އެ ކުއްޖާގެ ފަރާތުން ޚަލީފާ ދިރިއުޅުއްވަމުން ގެންދަވަނީ "އަބޫސީރު"ގަރުޔާގައި ކަމުގެ މައުލޫމާތު އައްބާސީންނަށް ލިބުނެވެ.ދެން މަރުވާނު އަތުލަގެންފިއެވެ.މަރުވާން ޤަތުލުކުރެވުނީ ހ231ވަނަ އަހަރުގައެވެ.އެއީ މީލާދީގޮތުން 750ވަނަ އަހަރުއެވެ. ކޮންމެއަކަސް ދައުރެއް މާޒީވެ އައު ދައުރެއް ފެށުނީއެވެ.އާދެ ތާރީޚުގައި ހ231ވަނަ އަހަރަކީ ދުވަހަކުވެސް ހަދާންނެތިގެންދާނެ އަހަރެއްނޫނެވެ. އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގެ މެދުގައިވާ އިންފާރަކީ އެއީއެވެ.



ޢައްބާސީ ދައުލަތް

ފުރިހަމަނަންފުޅު:އެއީ عبد الله بن محمد بن علي ابن عبد الله بن عباس އެވެ. 

ކުންޔާ: أبو
العباس

ލަޤަބް: السفاح

ޚަލީފާކަމުގެ ވަނަ 1 އުފަން ތާރީޚް:108

ޚަލީފާކަން ކުރެއްވި ތާރީޚް:132 -136ހ 749 -754 م

އަވަހާރަވީ:136

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އަލްހުމައިމާގައެވެ.ބޮޑުފުޅުވެވަޑައިގަތީވެސް ހަމައެރަށުގައެވެ.މަންމާފުޅަކީ ރީޠާއަލްޙާރިސިއްޔާއެވެ.ބޭބޭފުޅު އިމާމު އިބުނު މުހައްމަދުގެ ފަރާތުން ހަދީސުރިވާކުރެއްވިއެވެ،އަދި އަބުލް ޢައްބާސްގެފަރަތުން އޭނާގެ ބޮޑުބޭބޭފުޅުعيسى
بن
علي ހަދީސް ނަޤުލުކުރެއްވިއެވެ.

އަބުލް ޢައްބާސް އަށް ބައިޢަތުހިފެވުނީ ކޫފާގައެވެ.އެއީ ހ 132 ވަނަ އަހަރުގެ ربيع
الأول މަހުގެ 14 ވީ ހުކުރު ދުވަހުގައެވެ.

އެއިރު އެކަލޭގެފާނުންގެ އުމުރުފުޅަކީ އެންމެ 27 އަހަރެވެ.

ކޮންމެއަކަސް އެއީ އެންމެ ފުރަތަމަ ޢައްބާސީ ދައުލަތުގެ ތަޚުތުގައި އިށީދެވަޑައިގެންނެވި ޚަލީފާއެވެ.އެއީ ހ 231ވަނަ އަހަރުއެވެ. އުމަވީ ޚަލީފައިންނާއި ޚިލާފަށް ހުކުރު ދުވަހު މިމްބަރަށް އަރާވަޑައިގެން ޚުތުބާވިދާޅުވީ ކޮޅަށްތެދުވެ ވަޑައިގެން ހުންނަވައިގެންނެވެ.އަދި މީސްތަކުންނަށް ތަޙިއްޔާ ވިދާޅުވިއެވެ.އެހިދު މީސްތަކުން ދެންނެވިއެވެ.ހަމަ ކަށަވަރުން ކަލޭގެފާނު ކީރިތި ރަސޫލާގެ ސުންނަތްދިރުވައިފީމުއެވެ.އޭ ކީރިތި ރަސޫލާގެ ބޮޑު ބޭބޭފުޅުގެ ދަރިޔާއެވެ.

ބުނެވޭ ގޮތުގައި އަބުލްޢައްބަސް އައްސައްފާޙު ވެރިކަމުގައި ހޭދަ ކުރެއްވި4އަހަރު މަސައްކަތްޕުޅު ކުރައްވާފައިވަނީ އުމަވީންގެ ދަރިފަސްކޮޅު ވުޖޫދުން ފޮހެލެއްވުމަށެވެ.އެ ގޮތުން ތަފާތު ޤަތުލު ޢާއްމުތައް ހިންގަވާފައިވެއެވެ.އަތުޖެހިވަޑައިގަތް ހުރިހައި އުމަވީ ބޭފުޅުން ޤަތުލު ކުރެއްވިއެވެ.ކުޑަކުދީންނާއި އަންހެންބޭފުޅުންވެސް މިކަމުގައި އިސްތިސްނާއެއް ނުކުރައްވަތެވެ.ފިއްލަވައިގެން އަންދަލުސްއަށް ވަޑައިގަތް ބޭފުޅަކު މެނުވީ މިންޖުވެ ވަޑައެއް ނުގަންނަވައެވެ.މިހަރަކާތްތަކުގައި އައްސައްފާޙުއަށް އެހިތެރިވެ ވަޑައިގެން ދެއްވީ އަބުލް އައްބާސްގެ ބޮޑުބޭބޭފުޅުން ކަމުގައިވާ ޢަބުދުﷲއިބުނު ޢަލީއާއި ބަސަރާ ގެ ވާލީ ސުލައިމާނު އިބުނު ޢަލީއާއި ހިޖާޒުގެވާލީ ދާވޫދު އިބުނު ޢަލީ އެވެ.އުމަވީން ފޮހެލުމުގެ މަސައްކަތް ހިންގެވީ މައްކާއާއި މަދީނާއާއި،ބަސަރާއާއި އަހުވާޒުއާއި،ހިޖާޒު ކަރައިގަ އާއި ޔަމަނުކަރައިގައެވެ. އަދި މީގެ އިތުރުން ޝާމްކަރައިގެ ޙިމްސް ގައާއި ޤިއްނިސްރީނު ގައާއި ޙައުރާންގައެވެ އަދި އުތުރުން މިސްރުގައެވެ.އުމަވީންގެ އަސަރު ފޮހެލެއްވުމަށްފަހު އައްސައްފާހު އަންނަނިވި ޅެން ވިދާޅުވެ އުފަފާޅުކުރެއްވި ކަމަށް ބައެއް މުއައްރިޚުން ވިދާޅުވެއެވެ.

بني أمية قد أفنيت جمعكم
فكيف لي منكم بالأول الماضي
إن كان غيظي لفوت منكم
فلقد منيت منكم بها ربي به راض.
- މީސްތަކުން ޢަބުލް ޢައްބާސްއަށް ބައިޢަތުހިފީ ހ.132 ވަނައަހަރުއެވެ.ޢަބުލްޢައްބާސް އަކީ ވަރަށް ދީލަތި ބޭފުޅެކެވެ.

ވިދާޅުވާބަހުގެ އިތުބާރު ނަންގަވާނުލައްވާ މާތްބޭފުޅެކެވެ.

2-އެކަލޭގެފާނުންގެ ވެރިކަމުގައި އުމަވީން ގެ ފަރާތުން އެކަލޭގެފަނުންގެ ވެރިކަމާއި ދެކޮޅުހެއްދެވި ބޭފުޅުންގެ ދުވަސް ދުއްވާލުމަށް މަސައްކަތްޕުލު ކުރެއްވިއެވެ.އެމަސައްކަތުގައި އެކަލޭގެފަނަށް އެހީތެރިވެވަޑއގެން ދެއްވީ ބަޞަރާގެ ވެރިކަމަށް ޢައްޔަންކުރެވުނު އެކަލޭގެފާނުންގެ ބޮޑުބޭބޭފުޅު ސުލައިމާނު އާއި އަހުވާޒުގެ ވެރިކަމަށް އިސްކުރެވުނު ބޮޑުބޭބޭފުޅުއިސްމާއީލުއާއި،ކޫފާގެ ވެރިކަމަށް އިސްކުރެވުނު ބޮޑުބެބޭފުޅު ދާވޫދެވެ.ސިފައިންގެ ވެރިކަމަށް ޢައްޔަން ކުރެއްވީ ބޮޑުބޭބޭފުޅު ޢަބުދުﷲ އެވެ. ޢަބުދުﷲއާއި ހަވާލުކުރެވުނު އެންމެ މުހިއްމު ކަމަކީ ޚަލީފާ މަރުވާނު އައްސާނީ ހިފައި ހައްޔަރު ކުރެއްވުމެވެ.ކޮއްކޯފުޅު އަބޫޖަޢުފަރު އަލް މަންސޫރުއާއި ހަވާލުކުރެއްވީ ޔަޒީދު އިބުނު ހުބައިރާ ޤަތުލުކުރެއްވުމެވެ.

3-އަބޫ ޖަޢުފަރު އަލް މަންސޫރު އަށް ޔަޒީދު އިބުނު ހުބައިރާ ޤަތުލުކުރެއްވޭ ގޮތެއްނުވިއެވެ.ދެން އޭނާއަށް އަމާން ދެއްވިއެވެ. ކޮންމެއަކަސް އަމާން ދެއްވުމުން ޔަޒީދު އިބުނު ހުބައިރާ އަނެއްކާވެސް އެބޭފުޅުންގެ ގާތަށް ވަޑައިގެންނެވިއެވެ.އެހިނދު އަބޫ މުސްލިމް އަލްޚުރާސާނީ އަބޫޖަޢުފަރުލް މަންސޫރު އަށް ނަސޭހަތްއެރުވީ ޔަޒީދު ޤަތުލު ކޮށްލެއްވުމަށެވެ. މިއީ އަލްމަންޞޫރުގެ ޣަދަރުވެރިކަމުގެ އެއްޙާދިސާކަމުގައި ބެލެވެއެވެ.

4-ޢައްބާސީންނަށް ވެރިކަން ހޯއްދަވައި ދެއްވުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެތްބޭފުޅަކުކަމުގައިވާ އަބީ ސަލަމަތު އަލްޚިލާލު ވެސް ޢައްބާސްގެ އަމުރަށް ޤަތުލުކޮށް ލެއްވިއެވެ.އޭނާ ޤަތުލުކޮށް ލެއްވުމަށްޓަކައި ފޮނުއްވީ އަބޫ މުސް ލިމް އަލް ޚުރާސާނީއެވެ.އޭނާ ޤަތުލު ކޮށްލެއްވުމަށް ނިންމެވީ "އައްޠާލިބިއްޔީން" އަށް ޚަލީފާކަން ފޮރޮޅާލުމަށް މަސައްކަތްކުރެއްވި ކަމުގެ ކުށުގައެވެ.

5-ދައުލަތުގެ ޚާރިޖީ ކަންތައް ހުރިގޮތް

ހ-ޞީނުކަރައާއި ވީފަރާތަށް ފޮނުއްވި ލަޝްކަރުގެ ކުރީސަފު:

1-އައްބާސީންނަށް ބިލާދުމަވަރާއަށްނަހުރު އޭ ކިޔުނު ހިސާބުން ސީނުކަރައިގެ ލަޝްކަރު ފަހަތަށް ޖައްސާލެވުނެވެ.އަދި އޭގެ ސަބަބުން އަމާންކަމައިއެކު އުތުރު ކަރައަށް(އިންޑިޔާ)ވިޔަފާރިކަމު އައިސް ގޮސް ވުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ.

ށ-ބީޒަންޠީންއާއި ވީ ފަރާތަށް ފޮނުވި ލަޝްކަރުގެ ކުރީ ސަފު:

އައްބާސީންގެ ވެރިކަމުގައި ސަރުކާރުގެ ވެރިކަން ކުރާ ރަށް ދިމިޝްގުން، ބަޣުދާދަށް ބަދަލު ކޮށްލެވުނެވެ.އަދި އެކަމުގެ ސަބަބުން ޝާމްކަރައިގައި ބީޒަންޠީންގެ ބޯޑަރުގައި ކާފަރުންނާއި ދެކޮޅު ހަދަމުން ދިޔަ އިސްލާމުންގެ ބާރުދެރަވާން ފެށިއެވެ.ނަތީޖާއަކަށްވީ ބީޒަންޠީނީން ޝާމްކަރައިގެ އިސްލާމީ ރަށްތަކަށް ހަމަލާދީ މަޑުމަޑުން އެރަށްތައް ހިފާންފެށުމެވެ.ކޯއްޓޭތަކާއި ބުރުޒުތައްވެސް ހިފާން ފެށުމެވެ.އެގޮތުން ޝާމްކަރއިގެ ރަށްތައް ފަހަނަޅައި އައިސް ފުރާތުކޯރުގެ އައްސޭރިފަށާއި ހަމަޔަށްވެސް އައެވެ.އިސްލާމުންގެ ރަށްތަކަށް އަރައި ތަންތަން ޚަރާބުކޮށް، މީސްތަކުން މަރައި އެތައް ދުއްރުތުރާތަކެއް ޖެއްސިއެވެ.ދެން ޢައްބާސީން މަޑުމަޑުން ބައިޒަންތީނީންނާއި ދެކޮޅަށް ފިޔަވަޅުއަޅާންފެށިއެވެ. އެއާއިއެކު "ޞަވާއިފު"ންނާއި "ޝަވާތީން" ގެ ޙަރަކާތްތައް ވަރުގަދަވާންފެށިއެވެ.އަބުލް ޢައްބާސް ބީޒަންތީނީންނާއި ހަގުރާމައަށް ލަޝްކަރުތައް ފޮނުވައި އިސްލާމުންގެ އަތުން ކާފަރުން ފޭރިގަތް ހުރިހައި ބިންތަކެއް އަލުން އަނބުރައި ހޯއްދެވިއެވެ. ދެން ބޮޑު ބޭބޭފުޅު ޢަބުދުﷲއިބުނު ޢަލީގެ ވެރިކަމުގައި "އޭޝިޔާ މައިނަރ" އަށް ފޮނުވުމަށްޓަކައި ވަރަށް ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރެއވިއެވެ. މި ލަޝްކަރު ފޮނުވާނުލައްވައި އުޅުއްވަނިކޮށް އަބުލް ޢައްބާސްއަށް ކަށިވިދުރީގެ އާލާސްކަންފުޅު ޖެހިއްޖެއެވެ.އަވަހާރަވީ ހަގުރާމައިގެ ލަޝްކަރު ނުފޮނުއްވެވެނީހެވެ.

6-ވުޒާރާ ތައް:

ހ- ޢައްބާސީންގެ ވެރިކަމުގައި ވުޒާރާތައް ހެއްދެވީ ފާރިސީންގެ ނިޒާމުގައި އޮންނަ ގޮތަށެވެ.އެއީ އައްބާސީންނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވި، ޚުރާސާނުގެ ކެމްޕޭނަރުންގެ ލަފާގެ މަތީން ނިންމެވި ނިންމެވުމެކެވެ.އެ ނިޒާމަކީ ވަރަށް ގަދީމީ ނިޒާމެކެވެ.ކޮންމެއަކަސް ޢައްބާސީ ދައުލަތުގައި މިނިސްޓްރީ ތައް ބެހެވިގެންވަނީ ދެބަޔަކަށެވެ.އެއީ:

  1. ތަންފީޒުކުރާ ވުޒާރާތަށް: ޢައްބާސީ ޚަލީފާއިންގެ ރަން ޒަމާނުގައި އެންމެ ގިނައިން ޤާއިމުކުރެވިފައި ހުރީ ތަންފީޒުކުރާ ވުޒާރާތަކެވެ.އެކަލަ ވުޒާރާތަކުގެ ވަޒީރުންނަކީ ޚަލީފާއާއި މީސްތަކުންނާއި ގުޅުވައިދޭފާލަމެވެ.މީސްތަކުންގެ އެދުންތަކާއި ޝަކުވާތަށް ޚަލީފާއަށް ފޯރުކޮށްދޭ ފަރާތަކީ އެ މިނސްޓްރީ އަކަށް ޢައްޔަންކުރެވިފައިހުންނަ ވަޒީރެކެވެ.މިސާލެއްގެ ގޮތުން އަބޫ މުސްލިމް އަލްޚުރާސާނީ އާއި،އަބޫ ސަލަމަތު އަލްޚިލާލު އަދި ޚާލިދު ބުނު އަލް ބަރުމަކު ހިމެނިވަޑައިގަންނަވައެވެ.
  1. ނެގޯޝިއޭޓް ކުރާ ވުޒާރާތަށް: ނެގޯޝިއޭޓް ކުރުން ނުވަތަ ތަފުވީޟު ކުރުމަކީ ވާހަކަ ދައްކައި މަޝްވަރާކުރުމަށް ފަހު، ނުވަތަ ދެފަރާތުން ވަރުގަދައަށް ވަކާލަތު ކުރުމަށްފަހު ގޮތްތަކެއް ކަޑައަޅާ ވުޒާރާތަކެވެ.މިކަހަލަ ވުޒާރާތަކުގެ ވަޒީރުންނަށް ޚަލީފާ އޮންނަނީ ޚަލީފާގެ ރައުޔު ހޯއްދެވުމެއްނެތި ވަޒީރަށްފެނިވަޑައިގަންނަވާ ގޮތެއް ކަނޑައެޅުމުގެ އިޒުނަ ދެއްވާފައެވެ.މިކަހަލަ މިނިސްޓްރީތައް އެންމެ ގިނައިން ފެނިގެން ދިޔައީ އައްބާސީ ދައުލަތުގެ އެންމެ ބަލިކަށި ދުވަސްވަރުގައެވެ. މިސާލަކީ އާލުބަރުމަކު އިންނެވެ.ޚަލީފާ އައްރަޝީދުގެ ދުވަސްވަރު އެބަމީހުން ޚަލީފާގެ މައްޗަށް އަތްގަދަކުރުމުގެ ސަބަބުން އައްރަޝީދު އެބައިމީހުންގެ ދުވަސް ދުއްވާލެއްވިއެވެ.

    7- ޢަބުލްއައްބާސް އަވަހާރަވުން: އަބުލްޢައްބާސް އައްސައްފާހު އަވަހާރަވީ ހިޖުރައިން 136ވަނަ އަހަރު ކަށިވިދުރީގެ އާލާސްކަންފުޅުގައެވެ.

    އަވަހާރަވުމުގެ ކުރީގައި އެކަލޭގެފާނަށްފަހު އެކަލޭގެފާނުންގެ ކޮއްކޯފުޅު ޢަބުދުއްﷲއަބޫޖަޢުފަރު އަލްމަންޞޫރު އިބުނު މުޙައްމަދު އިބުނުޢަލީ އިބުނު ޢަބުދުﷲ އަށް ވެރިކަމުގެ އަޙުދު ހިއްޕެވިއެވެ.

    ابو
    جعفر
    عبدالله
    ابن
    محمد
    المنصور‎

    1. އަބޫޖައުފަރު އަލް މަންސޫރު ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ ބައްޕާފުޅުގެވެސް އުފަން ރަށް ކަމުގައިވާ އަލްހުމައިމާގައެވެ. އެއީ ހ. 95 ވަނައަހަރުއެވެ. މަންމާފުޅަކީ ސަލްމާ އަލްބަރުބަރިއްޔާއެވެ. އަބޫޖައުފަރުލް މަންސޫރަކީ ވަރަށް ޢިލްމުވެރިބޭފުޅެކެވެ. އަދީބެކެވެ.ކުޅަދާނަ ދޫފަސޭހަ ވާހަކަ ދެކުންތެރިއެކެވެ. ވަރަށް ހަރުދަނާ ނުގުޑާ ޢަޒުމެއްގެވެރިބޭފުޅެކެވެ.ކަންކަމުގައި ފަސްޖެހިވަޑައިގެންނުގަންނަވާ ބޭފުޅެކެވެ. ދިމާވާ ތުރާތަކުގައި ކެތްތެރިކަމާއިއެކު ޡާބިތުވެހުންނެވިބޭފުޅެކެވެ. 26 އަހަރުގެ ދިގުމުއްދަތެއްގައި ޚަލީފާކަންކުރެއްވިއެވެ.
    1. އަބޫޖައުފަރުލްމަންސޫރުއަށް މައިގަނޑު ތިން މައްސަލައަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
    ހ- ބޮޑުބޭބޭފުޅު ޢަބުދުﷲއިބުނު އަލީ ޝާމްގެއަހުލުވެރިންނާއިގެން އަބޫޖައުފަރުލްމަންސޫރު އާއި ދެކޮޅަށް ނިކުމެވަޑއިގަތުން.


  2. ޢަބުދުﷲއިބުނު ޢަލީ (އަބޫޖަޢުފަރުގެބޮޑުބޭބެފުޅު) އަބުލްޢައްބާސްއާއި، އަބޫޖައުފަރު ދެކެ ހިތްހަމަނުޖެހެން ދިމާވި އެންމެބޮޑުސަބަބަކީ އެބޭފުޅުން މާބޮޑަށް ފާރިސީން ގާތްކޮށްގެން އުޅުއްވުމާއި ފާރިސީންގެ ގޮތްތަކަށް ލެބޭގޮތްވުމެވެ. އެހެންކަމުން ބީޒަންޠީނީންނާއި ދިމާކުރުމަށް އަބުލްޢައްބާސް ތައްޔާރުކުރެއްވި ވަރުގަދަ ލަޝްކަރުގެ ބޭނުން ހިއްޕަވައިގެން ކޮއްކޯފުޅުގެ ދަރިކަލުން އަބޫޖަޢުފަރުލްމަންސޫރު އާއި ދެކޮޅަށް އޭނާގެސިފައިންލައްވައި، އޭނާއަކީ ޚަލީފާކަމުގައި ބަޢިއަތުހިތްޕެވިއެވެ.
  1. އަބޫޖައުފަރުލްމަންސޫރު އޭނާގެބޮޑުބޭބެފުޅު އިބުނުޢަލީ އަވަހާރަ ކޮށްލުމަށްޓަކައި އަބޫމުސްލިމު އަލްޚުރާސާނީ ފޮނުއްވިއެވެ. އަބޫމުސްލިމްއާއި އިބުނުޢަލީ އާއި ބައްދަލުވެ ހަގުރާމަހިގީ "ނަސީބައިން" ގައެވެ. އެތަނުން ޢަބުދުﷲ އިބުނުޢަލީ ބަލިވީއެވެ. ދެން ފިއްލަވައިގެން އޭނާގެ ބޭބޭފުޅު ސުލައިމާނު އިބުނުޢަލީގެ ގާތަށް ބަޞަރާއަށް ވަޑައިގެންނެވިއެވެ. ބަޞަރާގައި ހުންނަވަނިކޮށް އަބޫޖައުފަރު އޭނާ ހައްޔަރުކުރައްވައި ހުރަގެއަށް ލެއްވިއެވެ. އަދި ހ.147 ވަނައަހަރު ބޮޑުބޭބޭފުޅު ގަތުލުކޮށްލެއްވިއެވެ.

    ށ. އަބޫމުސްލިމް އަލްޚުރާސާނީ

    1. ފާރިސީން،އައްބާސީންނަށް އެހީތެރިވެދިނީ އުމަވީ ދައުރުގައި އެބައިމީހުންނަށްލިބުނު އަނިޔާތަކުން ސަލާމަތްކޮށްދީ، އެބައިމީހުންނަށް (އައްބާސީންނަށް) ވެރިކަން ހޯދައިދިނުމަށެވެ. އަދި ގެއްލިފައިވާ ބާރުތައް އަބުރާހޯދައި ދިނުމަށެވެ. އަދި ފާރިސީންނަށްވެސް ގެއްލިފައިވާ ޙައްގުތަށް ހޯދައިގަތުމަށްޓަކެއެވެ. އަބޫޖަޢުފަރުލްމަންޞޫރުގެ ވެރިކަމުގައި ފާރިސީންގެ ތެރޭގައި އައްޝުޢޫބިއްޔާއޭ ކިޔުނުވަރުގަދަ ޙަރަކާތެއްފެށުނެވެ. އެ ޙަރަކާތަކީ ޢަރަބިންނާއި ވަރަށް ދެކޮޅުވެރި ޙަރަކާތެކެވެ. މަޝްހޫރު ޝާޢިރު ބައްޝާރު އިބުނު ބަރުދަކީ އެބައިމީހުންގެ ޅެންވެރިއެކެވެ.
    -ޚުރާސާނުގެ މީހުން އުއްމީދުކޮށްގެންތިބީ އުމަވީންނާއި ޚިލާފަށް، ޢައްބާސީން، ފާރިސީންނާއި ދޭތެރޭގައި ތަފާތު ކުރުންތަށް ނުގެންގުޅޭނެ ކަމަށެވެ.ޢައްބާސީ ދައުލަތެއް އުފއްދުމަށްޓަކައި ފާރިސީން އެހާބޮޑަށް މަސައްކަތްކޮށް ދިނީ އެހެންވެގެންނެވެ. ނަމަވެސް ކަންތައްތައް ވަމުން ދާންފެށީ ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. ޢައްބާސީ ވެރިކަމުގެ ފަރާތުންވެސް އިސްކަން ދެއްވަން ފެއްޓެވީ ޢަރަބީންނަށެވެ.ވަކިން ޚާއްސަކޮށް ޚަލީފާގެ އަހުލު ބައިތުންނަށެވެ. އެހެންކަމުން މަޑުމަޑުން ފާރިސީން ޚަލީފާއާއި ދެކޮޅުވެރިވެ ރޭވުންތައް ރާވާން ފައްޓައިފިއެވެ. އަދި ހިގައި ދިޔަ ބައެއް ކަހަލަކަންތައްތަކުގެސަބަބުން އަބޫޖަޢުފަރު އަލް މަންސޫރުއާއި އަބޫމުސްލިމް އަލް ޚުރާސާނީ އާއި ދެމެދުގައި ހިތްނުސާފުކަން އުފެދުނެވެ.އޭގެ ތެރޭގައި ހިމެނެނީ މިލިޔާކަންތައްތަކެވ:

    1-އަމީރުލް ޙައްޖު: މިއީ ހ. 136 ވަނަ އަހަރު އުފެއްދެވި މަޤާމެކެވެ.މި މަޤާމްއަށް އަބުލް ޢައްބާސް ހަމަޖެއްސެވީ ކޮށްކޯފުޅު އބޫޖަޢުފަރު އަލް މަންސޫރުއެވެ.އަބޫ މުސްލިމް އަލްޚުރަސާނީ އުއްމީދޫކޮށްގެން ހުންނެވީ އެމަޤާމަށް އައްޔަން ކުރެވޭނީ އޭނާކަމުގައެވެ.

    2-އަބޫމުސްލިމް އަލްޚުރާސާނީ މީސްތަކުންގެ ކުރިމަތީގައި ޚަލީފާ އަބޫޖަޢުފަރުގެ ހައިބަތު ކުޑަކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ.އަދީ އޭނާގެ ބާރު ދައުލަތުގެ ކަންކަމުގައި ގަދަކުރަށްވާން ފެއްޓެވިއެވެ.

    3-އަބުލްޢައްބާސް އައްސައްފާޙު އަވަހާރަވުމަށްފަހު އަބޫޖަޢުފަރުލް މަންސޫރުއަށް ބައިއަތު ހިފުން ލަސްކޮށްލެއްވިއެވެ.

    III-އަބޫ މުސްލިމް އަލްޚުރާސާނީ އާއި މެދު މިލިޔާ ކަންތައްތަކުގައި ތުހުމަތުކުރެވުނެވެ:

    1-އަބޫ ޖަޢުފަރލްމަންސޫރުގެ ބޮޑުދައިތާފުޅާއި ކައިވެނީގެ ގޮތުން ގުޅިވަޑައިގަތުމަށް އެންގޭޖް ކުރެއްވިއެވެ. އެއީ ޢަރބިންގެ އާދަކަދަޔާ، މުޅިން ޚިލާފު ކަމެކެވެ.ޢައްބާސީ އަކަށް ޢައްބާސީއަކާއި މެނުވީ ކައިވެންޏެއް ނުކުރެވޭނެއެވެ.

    2-ނަސަބުގެ ގޮތުން އޭނާއަކީ ޢައްބާސީއަކު ކަމުގައި ދަޢުވާކުރަށްވަން ފެއްޓެވިއެވެ.އަދި އޭނާގެ ބައްޕާފުޅަކީ ޢަބުދުﷲއިބުނު ޢައްބާސްގެ ދަރިކަލުން ސަލީޠު ކަމުގައި ވިދާޅުވާންފެއްޓެވިއެވެ.

    3-ޢައްބާސީންގެ ބޮޑުންކުރެ އެއްމެ ބޮޑު އެއްބޭފުޅަކުކަމުގައިވާ ސުލައިމާނުއާއި އަދި އެނޫންވެސް އެތައް ޤަބީލާއެއްގެ ވެރިން ޤަތުލުކުރައްވާފައިވެއެވެ.

    4-މިސްރާއި ޝާމްކަރައަށް ފޮނުވުމުން، ޚަލީފާގެ އަމުރުފުޅަށް ގޮންޖައްސަވައި ޚުރާސާނަށް ވަޑައިގެންނެވިއެވެ.

    iv –އަބޫޖަޢުފަރުލްމަންސޫރު، އަބޫމުސްލިމްގެ ދުވަސް ދުއްވާލުމަށް ކަނޑައެޅުއްވުން.

    މިގޮތުން އަބޫމުސްލިމްގެ ދުވަސް ދުއްވާލުމަށްޓަކައި އޭނާއާއި އޭނާގެ، ލަޝްކަރީން ދުރުކޮށް، ބާރު ކަނޑުވާ ލުމަށްޓަކައި މިސްރާއި ޝާމްކަރައިގެ ވާލީއަކުކަމުގައި ހަމަ ޖެއްސެވިއެވެ.އެހެންނަމަވެސް އަބޫ މުސްލިމްއަށް ޚަލީފާގެ މަޤުސަދު ވިސްނިވަޑައިގެން، ޚަލީފާގެ ހުށަހެޅުން ޤަބޫލުފުޅު ނުކުރައްވައި ދޫކޮށްލެއްވިއެވެ.ދެން ޚަލީފާ އެންގެވީ މަދާއިނަށް ވަޑައިގެން ޚަލީފާއައި ބައްދަލު ކުރެއްވުމަށެވެ.ނަމަވެސް މަދާއިނަށްވަޑައިގަތުމުން ކުރިމަތިވެ ވަޑައިގެންފާނޭ މުޞީބާތަކާއި މެދު ބިރުފުޅުން އަބޫ މުސްލިމް މަދާއިނަށް ވަޑައެއް ނުގެންނެވިއެވެ.އަދި ދުރުގައި ހުންނެވި ނަމަވެސް ޚަލީފާގެ އެންގެވުންތަކަށް ކިޔަމަންތެރިވެ ވަޑައިގަންނަވާނެ ކަމުގައި ސިޓީ އަކުން ދެންނެވިއެވެ.

    ދެން އަނެއްކާވެސް އަބޫޖައުފަރުލް މަންސޫރު، އަބޫމުސްލިމަށް ވަރށް ހަރުކަށި އިބާރާތުން ސިޓީ ފުޅެއް ފޮނުއްވިއެވެ.އެސިޓީފުޅުގައި ވަރަށްވަރުގަދައަށް އިންޒާރުކުރއްވައި ފިޔަވަޅުއަޅުއްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.ކޮންމެއަކަސް ޚަލީފާގެ ސިޓީފުޅު ހިފައިގެން އަބޫ މުސްލިމް ގާތަށް ފޮނުވި ރަސޫލު(ސިޓީ ބަހާމީހާ)އަބޫމުސްލިމް އާއި ވާހަކަ ދެއްކުމަށްފަހު،އަބޫ މުސްލިމް، ޚަލީފާގެ އަރިއަހަށް ވަޑައިގަތުމަށް އެއްބަސްވިއެވެ.

    ކޮންމެއަކަސް ޚަލީފާ އބޫޖަޢުފަރުލް މަންސޫރު އާއި އަބޫމުސްލިމްގެ ބައްދަލުވުން ފެށުނީ ސިޔާސީ ވާހަކަތަކަކުންނެވެ.ނިމިގެންދިޔައީ ބޮޑު ޝަރީޢަތެއް ނިމިގެންދާ ފަދަ ގޮތަކަށެވެ.ދެން ސިފައިން ފޮނުއްވައިގެން އޭނާ ހައްޔަރު ކުރައްވައި ޤަތުލު ކުރެއްވީއެވެ. މިކަން ހިގީ ހިޖުރައިން 137ވަނަ އަހަރުއެވެ. އަދި އަބޫ މުސްލިމްގެ ދުވަސް ދުއްވާލުމުގައި އެހީތެރިވެ ދެއްވި ފަރާތްތަކަށް ޚަލީފާ އަބޫޖަޢުފަރުލް މަންޞޫރު އިނާމާއި ހަދިޔާދެއްވިއެވެ.

    V-އަބޫ މުސްލިމް އަލްޚުރާސާނީ ޤަތުލުކުރުމުގެ ނަތީޖާއެއްގެ ގޮތުން ފާރިސްކަރައިގެ މަޖޫސީން ބޭނުންވީ ޢައްބާސީންގެ ކިބައިން ބަދަލު ހިފައި ވެރިކަން ފޮރޮޅާލާށެވެ. އަދި އެކަމާއި ގުޅިގެން ފާރިސްކަރައިގައި ވަރަށް ގިނަ އިދިކޮޅު ޙަރަކާތްތަކެއް ފެށިގެން ދިޔައެވެ.އޭގެތެރެއިން ފުރަތަމަ ޙަރަކާތަކަކީ "ސިންބާޒުގެ" ޙަރަކާތެވެ.އެބައިމީހުންނަކީ ހަމައެކަނި ޢައްބާސީންދެކެ ރުޅިއައިސްގެން އުޅުނު ބައެއްނޫނެވެ.ޖުމުލަ ގޮތެއްގައި އިސްލާމުން ދެކެ ރުޅިއައިސްގެން އުޅުނުބައެކެވެ.ބުނެވޭ ގޮތުގައި އެބައިމީހުން ބޭނުންވީ ގެފުޅުވެސް މުގުރާލާށެވެ.އެކަމަކު އެ ޙަރަކާތްފެށުނުތާ އެންމެ ދެ މަސްދުވަހުގެ ތެރޭގައި އަލްމަންސޫރު އެބައިމީހުންގެ ޙަރަކާތް ނައްތަވާލެއްވިއެވެ.އެއީ ހ 137 ވަނަ އަހަރުއެވެ. ދެން އޭގެ ފަހުން "އައްރާވިންދިއްޔާއޭ ކިޔުނު ޙަރަކާތެއް ފެއްޓުނެވެ.އަދި "އުސްތާޒުސީސް" އޭ ކިޔުނު ޙަރަކާތެއްވެސް ފެއްޓުނެވެ.އެކަމަކު އަބޫ ޖަޢުފަރުލްމަންޞޫރު އެހުރިހާ ޙަރަކާތްތަކެއް ނައްތަވާލެއްވިއެވެ.

    ނ- ތާލިބިއްޔީން ނިކުތުން:

    i-މުޙައްމަދު އިބުނު އަބުދުﷲއިބުނުލް ޙަސަނު އިބުނު ޢަލީ އައްނަފުސުއްޒަކިއްޔާ އޭ ކިޔުނު ބޭކަލަކު މަދީނާއިން ފާޅުވުން:

    1-އޭނާގެ ބައްޕާފުޅަކީ ޢަބުދުﷲއިބުނު އަލްޙަސަނުއެވެ ކިޔުނު ބޭފުޅެކެވެ.އުމަވީ ދައުލަތް ވެއްޓުމުގެ ކުރީން މަދީނަތުލްއަންބާރުގައި، އައްބާސީންނާއި އައްޠާލިބިއްޔީން، އާއި ދެމެދު އިއްތިފާޤު ވެފައި އޮތީ "އައްނަފުސުއް ޒަކިއްޔާ ވެރިކަމަށް ގެނައުމަށެވެ.އެހެން ނަމަވެސް އުމަވީ ދައުލަތް އުވި ޢައްބާސީންނަށް ވެރިކަން ލިބުމުން އެއްކަލަ އިއްތިފާޤުގެ މަތީން ހަނދާން ނައްތާލައި އައްސައްފާހު ވެރިކަން ފެއްޓެވީއެވެ.އެއައްފަހު އަބޫޖައުފަރުލް މަންޞޫރުވެސް ވެރިކަން ފެއްޓެވީއެވެ.އެހެން ކަމުން އައްނަފުސުއް ޒަކިއްޔާ ނިންމެވީ އައްބާސީންގެ ވެރިކަމާއި ދެކޮޅަށްނިކުންނެވުމަށެވެ.މިކަމަށްޓަކައި ދުވަސްކޮޅަކު ހަނުހުންނެވުމަށްފަހު މަޑުމަޑުން ލަޝްކަރެއް ތައްޔާރު ކުރެއްވިއެވެ.އެހެންނަމަވެސް އޭނާއަށް ވަށައިގެންވާމާޙައުލުގައި ކަންތައްތައް ވަމުންދާގޮތް މާރަގަޅަށް ދަނެގަންނާކަށް ނުއެގުނެވެ.އިމާމު މާލިކު ދެއްވި ފަތުވާއެއްގައި "ނުރުހޭ މީހަކަށް ބައިޢަތު ހިފައިގެން ނުވާނެ ކަމަށް ވިދާޅުވެފައިވުމުން" ޝަރުޢީގޮތުން އަބޫޖައުފަރުލް މަންޞޫރުގެ ވެރިކަމާއި ދެކޮޅު ހެދުމަކީ ވާޖިބެއްކަމުގައި "ޠާލިބިއްޔީން" އަށް ފެނުނެވެ.އަބޫ ޖަޢުފަރުލް މަންޞޫރުވެސް އައްނަފުސުއް ޒަކިއްޔާއަށް އެތައް ސިޓީއެއް ފޮނުއްވައި އޭނާގެ ދެކޮޅުވެރިކަން ހުއްޓާލާތޯ މަސއްކަތްޕުޅު ކުރެއްވިއެވެ. އެންމެ ފަހުން ނިންމެވީ އޭނާއާއި ހަގުރާމަކުރއްވާށެވެ.ދެން ބޮޑުލަޝްކަރެއް ފޮނުވައި އައްނަފުސުއްޒަކިއްޔާ ޤަތުލުކޮށްލެއްވިއެވެ.

















































ليست هناك تعليقات:

إرسال تعليق

المتابعون