25‏/10‏/2009

އުމަވީ ދައުލަތް

ލިޔުނީ ނަޒުމާ ހުސެއިން

އުމަވީ ދައުލަތް ހެދިބޮޑުވުން

އުމަވީންގެ ވާހަކައިގެ ފެށުން ގުޅެނީ އިސްލާމުންގެ ހަތަރުވަނަ ޚަލީފާ ޢަލީގެ ފާނު އާއި މުޢާވިޔަތު ބިން އަބީ ސުފްޔާން އާއި ދެމެދު އުފެދުނު ވަރުގަދަ ފިތުނައާއެވެ. މުޢާވިޔަތުގެ ފާނު ވަނީ ޢަލީގެފާނު ޚަލީފާކަމަށް އިސްކުޅައުމުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.

އުމަވީ ދައުލަތް ނިސްބަތްވަނީ އުމައްޔާ ބިން ޢަބްދު ޝަމުސު ބިން ޢަބްދު މަނާފް އަށެވެ. އުމައްޔާ އަކީ ގުރައިޝުންގެ ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އުމައްޔާނުވަތަ އުމަވީ ދަރިކޮޅުގެ މީހުން ހިމެނެނީ އެންމެ ފަހުން އިސްލާމްދީން އިޚްތިޔާރުކުރި މީހުންގެ ތެރޭގައެވެ. އެދަރިކޮޅުގެ މީހުން އިސްލާމްދީނަށް ވަންނަންފެށީ މައްކާ ފަތަޙަ ކުރެއްވުމުގެ ތެރޭގައި އަބޫ ސުފްޔާން އިސްލާމްވެ ވަޑައިގަތުމުންނެވެ. އެކަމަކު އުމަވީ ދަރިކޮޅުމީހުން އިސްލާމްދީނަށް ވަނުމަށް ފަހު ބޮޑެތި ޚިދުމަތްތައް އިސްލާމްދީނަށް ކޮށްދީފައިވެއެވެ. އިސްލާމްދީނުގެ ދިފާޢުގައި ކޮށްފައިވާ ހަނގުރާމަތަކާއި ކުރިމަތިލުންތަކުގައި ބައިވެރިވެފައިވެއެވެ. މިގޮތުން މުރުތައްދުވީމީހުންނާއި ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި އުމަވީދަރިކޮޅުގެ މީހުން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ހަމަމިހެން އަރަބިރަށްތަކުން ބޭރަށް އިސްލާމްދީން ފެތުރުމަށް ވެސް އުމަވީ ދައުލަތުގެ ދުވަސްވަރު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އުމަވީދައުލަތް ފުރިހަމަ ސިފައެއްގައި އުފެދިފައިވަނީ ހިޖުރައިން 41 ވަނަ އަހަރުގަ ރަބީޢުލް އައްވަލު މަހުގެ 25 ވަނަ ދުވަހު ޢިރާޤުގެ ބަޞަރާގައެވެ. އެއީ އަލީގެ ފާނުގެ ދެދަރިކަލުންކަމުގައިވާ ޙަސަނުގެފާނާއި ޙުސައިނުގެ ފާނު މުޢާވިޔަތު ބިން އަބީ ސުފުޔާނަށް ބައިޢަތު ހިއްޕެވުމުންނެވެ. މި އަހަރަށް "ޢާމުލް ޖަމާޢާ" އޭ ކިޔައެވެ. އަލީގެ ފާނާއި މުޢާވިހަޔަތުގެފާނުގެ ދެމެދުގައި އޮތް ފިތުނަވެރިކަން ޢަލީގެފާނު އަވަހާރަވަންދެން ދެމިއޮތެވެ. އަލީގެ ފާނު ގަތުލުކުރެއްވީ ހިޖުރައިން 40 ވަނައަހަރުގެ ރަމަޟާންމަހުގެ 17ވަނަ ދުވަހު ޚަވާރިޖުންގެ ތެރެއިން މީހެކެވެ.

އުމަވީ ދައުލަތުގެ ޚަލީފާކަން ކުރެއްވީ 14 ބޭކަލުންނެވެ. އެއީ 1. މުޢާވިޔަތު ބިން އަބީ ސުފުޔާން ރަޟިޔަﷲއަންހު، 2. ޔަޒީދު ބިން މުޢާވިޔަތު، 3. މުޢާވިޔަތު ބިން ޔަޒީދު، 4. މަރުވާން ބިން ޙަކަމް، 5. ޢަބްދުލް މަލިކް ބިން މަރުވާން، 6. އަލްވަލީދު ބިން ޢަބުދުލް މަލިކް، 7. ސުލައިމާން ބިން ޢަބްދުލް މަލިކް، 8. ޢުމަރު ބިން ޢަބްދުލް ޢަޒީޒް، 9. ޔަޒީދު ބިން ޢަބްދުލް މަލިކް، 10. ހިޝާމު ބިން ޢަބްދުލް މަލިކް، 11. ވަލީދު ބިން ޔަޒީދު ބިން ޢަބްދުލް މަލިކް، 12. ޔަޒީދު ބިން ވަލީދު ބިން ޢަބްދުލް މަލިކް، 13. އިބްރާހީމް ބިން ވަލީދު ބިން ޢަބުދުލް މަލިކް، 14. މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ހަކަމް.

އުމަވީ ޚަލީފާއިން

1- މުޢާވިޔަތު ބިން އަބީ ސުފްޔާން ރަޟިޔަﷲ ޢަންހު

ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން އަބީ ސުފްޔާން ޞަޚްރު ބިން ޙަރުބު ބިން އުމައްޔާ ބިން ޢަބްދުޝަމްސު ބިން ޢަބްދުމަނާފެވެ. ޢާއިލާ ނިސްބަތްވަނީ ޤުރައިޝް ވަންހައަށެވެ. އުމަވީ ދައުލަތް އުފެއްދެވި ބާނީއަކީ މިއީއެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިގެ 20 އަހަރުކުރިންނެވެ. އިސްލާމްވެވަޑައިގެންނެވީ ހިޖުރައިން 8 ވަނައަހަރުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާ ފަތަޙަކުރެއްވި ދުވަހުއެވެ. ހިސާބުގެ ޢިލްމާއި ލިޔުމުގެ ހުނަރު ދަސްކުރެއްވިއެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ލިޔުއްވަން އުޅުއްވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ސަތޭކަ ތިރީސް ޙަދީޘް ރިވާކުރައްވާފައިވެއެވެ.

އަބޫބަކުރުގެ ފާނުގެ ޚިލާފަތުގައި އަބީ ސުފްޔާންގެ ބޭބޭފުޅު ޔަޒީދު ބިން އަބީ ސުފްޔާންގެ އަރިހުގައި ޝާމްކަރައަށް ވަޑައިގެންނެވިއެވެ. ޔަޒީދު ބިން އަބީ ސުފްޔާން ދިމިޝްޤުގެ ވެރިކަމުގައި ހުންނަވަނިކޮށް އަވަހާރަވުމުން ދިމިޝްޤުގެ ވެރިކަމަށް މުޢާވިޔަތު ބިން އަބީ ސުފްޔާން އިސްކުރެވުނެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައިވެސް ދިމިޝްޤުގެ ވެރިޔަކަށް ހުންނެވިއެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި މުޅި ޝާމްކަރައިގެ ވެރިއެއްގެގޮތުގައި ހުންނެވިއެވެ.

ޢަލީގެފާނު ޚަލީފާކަމަށް އިސްވުމާއެކު މުޢާވިޔަތުގެފާނު އެކަމާ ތަޢާރަޟުކޮށް އިދިކޮޅު ހެއްދެވިއެވެ. އަދި ދެފަރާތުގެ ދެމެދުގައި ފިތުނަވެރިކަން އުފެދިގެންދިޔައެވެ. މިގޮތުން އުފެދުނު ފިތުނަވެރިކަން ނިމުމަކަށްއައީ ޚަވާރިޖުންގެ ތެރެއިން މީހަކު ހިޖުރައިން 40 ވަނައަހަރުގެ
ރަމަޟާންމަހުގެ 17 ވަނަ
ދުވަހު
ޢަލީގެފާނު
ޤަތުލުކުރުމުންނެވެ. އެއަށްފަހު ޢަލީގެފާނުގެ ދަރިކަލުން ހިޖުރައިން 41 ވަނައަހަރުގެ
ތެރޭގައި
މުޢާވިޔަތު
ބިން
އަބީ
ސުފްޔާނަށް
ބައިޢަތު
ހިފިއެވެ.

ޚަލީފާކަމުގައި މުސްކުޅިވަންދެން ދެމިހުންނެވިއެވެ. އެއަށްފަހު ޚަލީފާކަމަށް އިސްވީ މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތުއެވެ. އެންމެ ފުރަތަމަ ހަނގުރާމައަކަށްޓަކައި މެދުތެރޭ ކަނޑު (އަލްބަޙްރުލް މުތަވައްސިޠު ނުވަތަ މެޑިޓަރޭނިއަން ސީ) ހުރަސްކުރެއްވީވެސް މުޢާވިޔަތު ބިން އަބީ ސުފްޔާނެވެ. ގްރީކްއާއި ޔޫރަޕުގެ ބައެއް ރަށްތައް ފަތަޙަކުރެއްވިއެވެ. ހިޖުރައިން 48 ވަނައަހަރު "ގަސްޠަންޠީނިއްޔާ" އެއްގަމާއި
ކަނޑުގެ
މަގުން
ޙިޞާރުކުރެއްވިއެވެ.

ދިމިޝްޤު އެންމެ ފުރަތަމަ އިސްލާމުންގެ ވެރިރަށެއްގެ ގޮތުގައި އިޚްތިޔާރުކުރެއްވީވެސް މުޢާވިޔަތު ބިން އަބީ ސުފްޔާންއެވެ. މިސްކިތްތަކުގައި ފުރަތަމަ މިޙްރާބް ބެހެއްޓެވި ބޭފުޅަކީވެސް މުޢާވިޔަތު ބިން އަބީ ސުފްޔާންއެވެ. މުޢާވިޔަތު ބިން އަބީ ސުފްޔާނަށްފަހު ޚަލީފާކަމަށް ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތު އިސްކުރެއްވުމުން ޚަލީފާކަމަށް އިސްކުރެއްވުމަށް އޭގެކުރިން ބޭނުންކުރެވުނު "މަޝްވަރާކުރުމުގެ ޤަވާޢިދު"އާއި ފުރަތަމަ ޚިލާފުވެވަޑައިގެންނެވި ބޭފުޅަކަށް ވިއެވެ. އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 60 ވަނަ
އަހަރުގައި
ދިމިޝްޤުގައެވެ.

2- ޔަޒީދު ބިން މުޢާވިޔަތު

ފުރިހަމަ ނަންފުޅަކީ ޔަޒީދު ބިން މުޢާވިޔަތު ބިން އަބީ ސުފްޔާންއެވެ. މަންމާފުޅަކީ މައިސޫން ބިންތި ބަހްދަލްއެވެ. މުޢާވިޔަތު ބިން އަބީ ސުފްޔާގެ ދުނިޔޭގައި ޙަސަން ބިން އަބީ ޠާލިބްއަށް ޚަލީފާކަން ދިނުމަށް ނިންމެވިއެވެ. ނަމަވެސް ހިޖުރައިން 50 ވަނައަހަރު ޙަސަން އަވަހާރަވުމުން މުޣީރާ ބިން ޝުޢުބާ ޔަޒީދު ވެރިކަމަށް އިސްކުރުމަށް އަހުދުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމާ މުޢާވިޔަތު އެއްބަސްވެވަޑައިގެންނެވިއެވެ. މުޢާވިޔަތު ޔަޒީދަށް ބައިޢަތު ހިއްޕެވުމަށް އެދުމުން މަދީނާގެ އަހުލުވެރިން ފިޔަވައި އެހެން ހުރިހާ މީސްތަކުން ބައިއަތު ހިއްޕެވިއެވެ.

ޔަޒީދު ބިން މުޢާވިޔަތު ވެރިކަމަށް އިސްވުމަށްފަހު ބިން ޢަޤަބާ ވެރިއަކަށް ބަހައްޓައިގެން ލަޝްކަރެއް ފޮނުއްވައި މަދީނާގެ އަހުލުވެރިންނާއި "ޙުއްރާ" އޭ ކިޔުނު ހަނގުރާމަކޮށް ނަޞްރު ހޯދިއެވެ. އެހިނދު ނުރުހުންވާ ޙާލުގައި މަދީނާގެ އަހުލުވެރިން ޔަޒީދުއަށް ބައިޢަތު ހިއްޕެވިއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 60 ވަނައަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 680 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ޚަލީފާކަން 3 އަހަރު ދުވަހު ކޮށްފައިވެއެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 39 އަހަރެވެ.

3- މުޢާވިޔަތު ބިން ޔަޒީދު

ފުރިހަމަ ނަންފުޅަކީ މުޢާވިޔަތު ބިން ޔަޒީދު ބިން މުޢާވިޔަތު ބިން އަބީ ސުފްޔާންއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 64 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ މީލާދީން 683 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ބައްޕާފުޅު އަވަހާރަވުމުން ޚަލީފާކަމަށް އިސްވުމަށްފަހު 40 ދުވަސް ވަންދެން މީހުންގެ ތެރެއަށް ނުކުމެވަޑައެއް ނުގަންނަވައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ އެންމެ 23 އަހަރެވެ. ޚަލީފާކަން ކުރައްވާފައިވަނީ ވަރަށް ކުރު މުއްދަތަކަށެވެ. މިއީ ސުފްޔާންގެ ދަރިކޮޅުން ވެރިކަންކުރެއްވި އެންމެ ފަހު ޚަލީފާއެވެ. ދެން ވެރިކަން ކުރަމުން ދިޔައީ މަރްވާންގެ ދަރިކޮޅުގެ ބޭފުޅުންނެވެ.

4- މަރުވާން ބިން ޙަކަމް

ފުރިހަމަ ނަންފުޅަކީ މަރުވާން ބިން ހަކަމް ބިން ޢާސް ބިން އުމައްޔާ ބިން ޢަބްދުޝަމްދު ބިން ޢަބްދު މަނާފްއެވެ. މަންމާފުޅަކީ އާމިނަތު ބިން ޢަލްޤަމާ ބިން ޞަފްވާން ބިން އުމައްޔާއެވެ. ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 64 ވަނަ އަހަރު މުޢާވިޔަތު ބިން ޔަޒީދު އަވަހާރަވުމުން މީސްތަކުން މަރުވާންއަށް ވެރިކަމަށް އިސްވުމަށް ބައިޢަތު ހިފުމުންނެވެ.މަރުވާން ބިން ޙަކަމް އަވަހާރަވެފައިވަނީ ހިޖުރައިން 65 ވަނަ އަހަރު ޢުމުރުފުޅުން 63 އަހަރުގައެވެ. ބުނެވޭގޮތުގައި މަރުވާން އަވަހާރަވީ ވިހަވެގެންނެވެ. އަނެއްބަޔަކު ބުނާގޮތުން މަރުވާން އަވަހާރަވީ ޕްލޭގް ޖެހިގެންނެވެ. ޚަލީފާކަން 10 މަސްދުވަހު ކޮށްފައިވެއެވެ.

5- ޢަބްދުލްމަލިކް ބިން މަރުވާން ބިން ޙަކަމް

އުފަންވެވަޑައިގަތީ ހިޖުރައިން 26 ވަނަ އަހަރުއެވެ. އުޅެބޮޑުފުޅުވީ މަދީނާގައެވެ. ދީންވެރި އަޅުވެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 65 ވަނަ އަހަރުގެ ރަމަޟާންމަހުގެ 27 ވަނަ ދުވަހުއެވެ. އެއީ މީލާދީން 685 ވަނައަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ބައްޕާފުޅު މަރުވާން ބިން ޙަކަމް އަވަހާރަވުމަށް ފަހުގައެވެ. ހައިބަތު ހުރި ޖާނުވަރުގަދަ މީހެއްކަމުގައިވެސް ބެލެވިފައިވެއެވެ.

ޢަބްދުލްމަލިކް ބިން މަރުވާންގެ ޚިލާފަތުގައި އުމަވީ ދައުލަތުގެ ވެރިކަން ރޫމީ، ފާރިސީ އަދި ޢަރަބި ރަށްތަކުގައި ހިންގާފައިވެއެވެ. އެންމެ ފުރަތަމަ ލިޔާއިރު ފިލިޖެއްސެވުން، ދިރުހަމުގައި ކުރެއްސެވުން، ދީނާރުގެ ލޯލާރި ތަޢާރަފްކުރުން މިއީ ހައްތަހާވެސް ޢަބްދުލްމަލިކް ބިން މަރުވާންގެ ވެރިކަމުގައި ހިނގާފައިވާ ކަންތައްތަކެވެ. މައްކާގައިވާ ކައުބާ ނުވަތަ ގެފުޅު ތަޅާލެއްވުމަށްފަހު މިހާރު ފެންނަން އެހެރިގޮތަށް ބިނާކުރެއްވީވެސް ޢަބްދުލްމަލިކް ބިން މަރްވާންގެ ވެރިކަމުގައެވެ. "ހަރުޤަލާ" އޭ ކިޔޭ ރަށް ފަތަޙަކޮށް "ވާސިޠު" އޭ ކިޔޭ ރަށް ބިނާކުރެއްވިއެވެ.

ޢަބްދުލްމަލިކް ބިން މަރުވާން އާ ބެހޭގޮތުން އަބޫ އައްޒަނާދު ވިދާޅުވެފައިވެއެވެ. "މަދީނާގެ ފިޤްހު ޢިލްމުވެރިންނަކީ ސަޢީދު ބިން މަސީބުއާއި، ޢަބްދުލްމަލިކް ބިން މަރުވާންއާއި، ޢުރުވަތު ބިން ޒުބައިރުއާއި، ޤުބައިޞާ ބިން ޛުއައިބުއެވެ."

ޢަބްދުލްމަލިކް ބިން މަރުވާން ދުނިޔެދޫކުރެއްވީ ދިމިޝްޤުގައި ހިޖުރައިން 86 ވަނައަހަރު ޝައްވާލުމަހުގެ ތެރޭގައެވެ.


 


 

6- ވަލީދު ބިން ޢަބްދުލްމަލިކް

ފުރިހަމަ ނަންފުޅަކީ ވަލީދު ބިން ޢަބްދުލްމަލިކް ބިން މަރުވާން ބިން ޙަކަމްއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 48 ވަނައަހަރުގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 86 ވަނައަހަރު ޝައްވާލުމަހުގެ 14 ވަނަދުވަހު ބައްޕާފުޅު ޢަބްދުލްމަލިކް ބިން މަރުވާން އަވަހާރަވުމުންނެވެ.

ވަލީދު ބިން ޢަބްދުލްމަލިކްގެ ވެރިކަމުގައި ތިއްބެވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި މޫސާ ބިން ނަޞީރުއާއި، ޠާރިޤު ބިން ޒިޔާދުފަދަ ބޭފުޅުން ހިމެނެއެވެ. ވަލީދުގެ ވެރިކަމުގައި އިސްލާމީ ދައުލަތް އިންޑިޔާ، ތުރުކިސްތާން، އަދި ޗައިނާގެ އިރުމަތީ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.

ވަލީދު ބިން އަބްދުލްމަލިކް އަކީ ޢުމްރާނީ ތަރައްޤީއަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. މަދީނާގެ ވެރިއަކަށް ހުންނެވި ބޭފުޅާއަށް މަދީނާގައި މީސްތަކުން ބޭނުންކުރުމަށް ފެންވަޅުތައް ކޮނެ މަގުތައް ހެދުމަށް އަމުރުކުރެއްވިއެވެ. ޖުޒާމްބަލި ޖެހިފައި ތިބޭމީހުން މީސްތަކުންތެރެއަށް ނިކުމެ އުޅުން މަނާކުރައްވައި އެމީހުންނަށް ޚާއްޞަ އިނާޔަތްދެއްވިއެވެ.

އިސްލާމީތާރީޚުގައި މިޒަމާނުގައި މިފެންނަ ގޮތަށް ފުރަތަމަ ހޮސްޕިޓަލް އުފެއްދެވީވެސް އެދުވަސްވަރުއެވެ. ލޯފަން ކޮންމެ މީހަކަށް ބައިތުލްމާލުން އެހީވެދެއްވައި، ނުހިނގޭ މީހުންނަށް ޚާދިމުން ކަނޑައެޅުއްވިއެވެ. އަދި ފަޤީރުންނަށްވެސް ބައިތުލްމާލުން އެހީވެދެއްވައި ހެއްދެވިއެވެ.

ރަށުންބޭރުން ރަށްތަކަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބުމަށް ނުވަތަ އުޅުމަށް ޚާއްޞަގެތައް ބިނާކުރެއްވިއެވެ. މަދީނާގައިވާ މަސްޖިދުއްނަބަވީ މަރާމާތުކޮށް، ޤުދުސްގައިވާ މަސްޖިދުލް ޢަޤްޞާ ބިނާކުރެއްވިއެވެ. އުމަވީ މިސްކިތް ބިނާކުރެއްވުމަށް 11 މިލިޔަން 200 ހާސް ދީނާރު ހޭދަކުރެއްވިއެވެ. ވަލީދު ބިން ޢަބްދުލްމަލކް މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 96 ވަނަ އަހަރުގައި ދިމިޝްޤުގައެވެ.

7- ސުލައިމާން ބިން ޢަބްދުލްމަލިކް

ފުރިހަމަ ނަންފުޅަކީ ސުލައިމާން ބިން މަރުވާން ބިން ޙަކަމްއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 60 ވަނައަހަރުގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 96 ވަނައަހަރުގެ ޖުމާދިލް އާޚިރު މަހުގެ 15 ވަނަދުވަހުއެވެ. އެއީ މީލާދީން 715 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސުލައިމާން ބިން ޢަބްދުލްމަލިކް އަކީ ދޫހެލޭ ބޭފުޅެކެވެ. ޢަދުލް އިންސާފަށް ލޯބިކުރައްވާ ﷲ ގެ މަގުގައި ޖިހާދުކުރުމަށް ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެކެވެ. ޚަލީފާކަމުގެ ދުވަސްވަރު އެކިކަންކަމުގައި އަބަދުވެސް "އުމަރު ބިން ޢަބްދުލްޢަޒީޒް" އަދި "ރަޖާއު ބިން ޙައިވާ" އާއި މަޝްވަރާކުރައްވައެވެ. ޢިރާޤުގެ ޖަލުގައި ތިއްބެވި މީހުން ނެރެ މިނިވަން ކުރެއްވިއެވެ. ނަމާދު އޭގެ ވަޤުތުގެ ކުރީކޮޅުގައި ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.

ސުލައިމާން ބިން ޢަބްދުލްމަލިކް ގެ ޚިލާފަތުގައި "ޤަސްޠަންތީނިއްޔާ" މިނިވަން ކުރެއްވުމަށްޓަކައި އޭނާގެ އަޚު "މަސްލަމާ ބިން ޢަބްދުލްމަލިކް" ފޮނުއްވިއެވެ. އަދި އެތަން ފަތަޙަކުރެއްވެންދެން އެތާގައި މަޑުކުރެއްވުމަށް އެންގެވިއެވެ. މަސްލަމާ ބިން ޢަބްދުލްމަލިކް އެތާގައި މަޑުކޮށް އެތަން ޙިޞާރު ކުރެއްވިއެވެ. ނަމަވެސް ފަތަޙައެއް ނުކުރެއްވެއެވެ. ސުލައިމާން ބިން ޢަބްދުލް މަލިކްއަކީ ޢިލްމުވެރިންނާއެކު ވަޤުތުތައް ހޭދަކޮށް އެމީހުންގެ ތަޤްރީރުތަކާއި ނަޞީޙަތްތައް އަޑުއެހުމަށް ލޯބިފުޅުކުރެއްވި ވެރިއެކެވެ. ދުނިޔެ ދޫކުރެއްވީ ހިޖުރައިން 99 ވަނައަހަރުގައެވެ.

8- ޢުމަރު ބިން ޢަބްދުލް ޢަޒީޒު ރަޟިޔަﷲ ޢަންހު

ފުރިހަމަ ނަންފުޅަކީ ޢުމަރު ބިން ޢަބްދުލް ޢަޒީޒު ބިން މަރުވާން ބިން ޙަކަމްއެވެ. މިއީ މުސްލިމުންގެ 5 ވަނަ ޚަލީފާ ކަމުގައި ބުނެވެއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 61 ވަނައަހަރު މަދީނާގައެވެ. ސުލައިމާން ބިން ޢަބްދުލްމަލިކްގެ ޚަލީފާކަމުގެ ދުވަސްވަރު ޝާމްކަރައިގައި ވަޒީރެއްގެ ގޮތުގައި ހުންނެވިއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 99 ވަނަ އަހަރުގެ ޞަފަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މީލާދީން 717 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ޚަލީފާކަމުގައި 2 އަހަރާއި ބައި ވަންދެން ދެމިހުންނެވިއެވެ.

ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ޚަލީފާކަމުގެ ދުވަސްވަރު މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއި އިންސާފު ޤާއިމްކުރެއްވިއެވެ. އެހެންކަމުން ޢުމަރު ބިން ޢަބްދުލްޢަޒީޒު ސިފަ ކުރެވެނީ ޢަދުލުވެރި ވެރިއެއްގެ ގޮތުގައެވެ. އަދި ހެޔޮލަފާ ޞާލިޚް ޚަލީފާއެއްގެ ގޮތުގައެވެ. ޒުހުދުވެރި ބޭފުޅެއްގެ ގޮތުގައެވެ. ބައިތުލް މާލުގައި ހުރި ހުރިހާ މުދަލެއް ﷲ ގެ މަގުގައި ހޭދަކުރެއްވިއެވެ.

ޝާފިޢީގެފާނު ވިދާޅުވިއެވެ. " ފަސް ޚަލީފާއެއް ވެއެވެ. އެއީ އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީ އަދި ޢުމަރު ބުން ޢަބްދުލް ޢަޒީޒްއެވެ" އިބްނު ސީރީން ވިދާޅުވެފައިވެއެވެ. "އެއީ ތެދުމަގު ދައްކައިދޭ އިމާމެވެ." ޢުމަރު ބިން ޢަބްދުލް ޢަޒީޒު މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 101 ވަނަ އަހަރުގައެވެ.


 

9- ޔަޒީދު ބިން ޢަބްދުލް މަލިކް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 101 ވަނަ އަހަރުގެ ރަޖަބު މަހުގެ 20 ވަނަ ދުވަހުއެވެ. އެއީ މީލާދީން 720 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.


10- ހިޝާމް ބިން ޢަބްދުލް މަލިކް

ފުރިހަމަ ނަންފުޅަކީ ހިޝާމް ބިން ޢަބްދުލް މަލިކް ބިން މަރުވާން ބިން ޙަކަމް އެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 71 ވަނަ އަހަރު ދިމިޝްޤުގައެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 105 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 26 ވަނަ ދުވަހުއެވެ. މީލާދީން 724 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެއީ އޭނާގެ ބޭބޭފުޅު ޔަޒީދު ބިން ޢަބްދުލް މަލިކް އަވަހާރަވުމާއި ގުޅިގެންނެވެ.

ހިޝާމް ބިން ޢަބްދުލްމަލިކްގެ ޚިލާފަތުގައި ހިޖުރައިން 120 ވަނަ އަހަރު ކޫފާގެ 14 ހާސް މީހުންނާއެކު ޒައދު ބިން ޢަލީ ބިން ޙުސައިން ހިޝާމް ބިން ޢަބްދުލްމަލިކާއި އިދިކޮޅަށް ނުކުންނެވިއެވެ. އެއީ ހިޝަމް ބިން ޢަބްދުލްމަލިކް ޤަތުލުކުރެއްވުމަށްޓަކައެވެ. ޝާމްކަރާގައި އޮތް ހިޝާމް ބިން ޢަބްދުލްމަލިކްގެ ވެރިކަމުގެ ދުވަސްވަރު އުމަވީ ދައުލަތުގެ އެއްވެސް ޚަލީފާއެއްގެ ޚަޒާނާގައި ނެތްވަރަށް ލާރިފައިސާ އެއްކޮށްފައި ހުއްޓެވެ. ހޫނު މޫސުމު ދިރިއުޅުއްވުމަށްޓަކައި 4 މޭލު ބޮޑުމިނުގައި "ރަޞާފާ" އޭ ކިޔޭ ތަނެއް ބިނާކުރެއްވިއެވެ. ހިޝާމް ބިން ޢަބްދުލް މަލިކް ފާހަގަކުރެވިފައިވަނީ އަމިއްލަފުޅަށް ކަންތައްތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 125 ވަނަ އަހަރު "ރަޞާފާ" ގައެވެ.

11- ވަލިދު ބިން ޔަޒީދު ބިން ޢަބްދުލް މަލިކް

ފުރިހަމަ ނަންފުޅަކީ ވަލީދު ބިން ޔަޒީދު ބިން ޢަބްދުލް މަލިކް ބިން މަރުވާން ބިން ޙަކަމްއެވެ. ވަލީދު ބިން ޔަޒީދު އުފަންވެވަޑައިގަތީ ހިޖުރައިން 88 ވަނަ އަހަރުގައެވެ. ވަލީދު ބިން ޔަޒީދުގެ ބައްޕާފުޅު ޔަޒީދު ބިން ޢަބްދުލް މަލިކް އަވަހާރަވުމުން ޚަލީފާކަމަށް އިސްކުރެވުނީ އޭނާގެ ބޮޑުބޭބޭފުޅު ހިޝާމް ބިން ޢަބްދުލް މަލިކްއެވެ. ހިޝާމް ޚަލީފާކަމަށް އިސްވެވަޑައިގަތުމަށްފަހު ވަލީ އަހުދަކަށް ވަލީދު ބިން ޔަޒީދު ކަނޑައެޅުއްވިއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 125 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ތެރޭގައި ބޮޑުބޭބޭފުޅު ހިޝާމް ބިން ޢަބްދުލް މަލިކް އަވަހާރަވުމަށް ފަހުގައެވެ. އެއީ މީލާދީން 743 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޚަލީފާކަމުގައި އެއް އަހަރާ ތިންމަސް ދުވަހު ދެމިހުންނެވިއެވެ.

ވަލީދު ބިން ޔަޒީދު ނުބައި ކަންތައްތަކާއި، ރާބުއިމަށް ދެވި ހިފާފާފައިވާތީ މީސްތަކުން އެކަމާ ނުރުހި ޔަޒީދު ބިން ވަލީދު ބިން ޢަބްދުލް މަލިކް އަށް ސިއްރުގައި ބައިޢަތު ހިފައި ވަލީދު ބިން ޔަޒީދު ޚަލީފާކަމުން ދުރުކުރެއްވުމަށް ގޮވާލެއްވިއެވެ. އޭރު ވަލީދު ބިން ޔަޒީދު ހުންނެވީ އުރުދުންގެ އިރުމަތީ ހިސާބުގައި އޮންނަ ޢައްމާން ގައިވާ "އަޣުދަފު" އޭ ކިޔުނު ރަށުގައެވެ. އެ ޚަބަރު ލިބުމާއެކު އެނބުރި "ބުޚަރާއު" އަށް ވަޑައިގެންނެވިއެވެ.

"ބުޚަރާއު" އަށް ވަޑައިގަތުމާއެކު ޔަޒީދުގެ ޞަޙާބީންގެ ތެރެއިން ބަޔަކު އެއްވެސް، ނުޢުމާން ބިން ބަޝީރުގެ ގަނޑުވަރުގައި ވަލީދު ބިން ޔަޒީދު ޤަތުލު ކުރެއްވިއެވެ. އެއަށްފަހު ވަލީދު ބިން ޔަޒީދުގެ އިސްތަށިކޮޅު ދިމިޝްޤަށް ގެންދެވުނެވެ. މި ޙާދިޘާ ހިނގީ ހިޖުރައިން 126 ވަނަ އަހަރުގައެވެ.

12- ޔަޒީދު ބިން ވަލީދު ބިން ޢަބްދުލް މަލިކް

ޚަލީފާ ކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 126 ވަނަ އަހަރުގެ ޖުމާދިލް އާޚިރު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 774 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

13- އިބްރާހިމް ބިން ވަލީދު ބިން ޢަބްދުލް މަލިކް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 126 ވަނަ އަހަރުގެ ޙައްޖު މަހުގެ ތެރޭގައެވެ. އެއީ މީލާދީން 774 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ޚަލީފާކަން ކޮށްފައިވަނީ އެންމެ 70 ދުވަހުގެ މުއްދަތަށެވެ. ޚަލީފާކަމަށް އިސްކުރެވުނީ އޭނާގެ އަޚް ޔަޒީދު އަވަހާރަވުމާއި ގުޅިގެންނެވެ.

14- މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ޙަކަމް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 127 ވަނަ އަހަރުގެ ޞަފަރުމަހުގެ ތެރޭގައެވެ. އެއީ މީލާދީން 744 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ އުމަވީ ދައުލަތުގެ އެންމެ ފަހުގެ ޚަލީފާއެވެ. ހިޖުރައިން 126 ވަނަ އަހަރު ވަލިދު ބިން ޔަޒީދު ޤަތުލުކުރެއްވުމުން އަރްމީނިޔާގައި މަރުވާން ބިން މުޙައްމަދު ބިން މަރުވާން އަށް ބައިޢަތު މީސްތަކުން ހިފިއެވެ. އަދި ލަޝްކަރައިގެން ދިމިޝްޤަށް ވަޑައިގެން އިބްރާހިމް ބިން ވަލީދު ވެރިކަމުން ދުރުކުރައްވައި ހިޖުރައިން 127 ވަނަ އަހަރު ވެރިކަމަށް އިސްވިއެވެ.

މަރުވާން ބިން މުޙައްމަދު ފާހަގަކުރެވެނީ ހިތްވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. ހިޖުރައިން 105 ވަނަ އަހަރު "ގޫނިޔާ" ކިޔޭ ރަށާއި ހަނގުރާމަކޮށް ފަތަޙަކުރިއެވެ. ހިޝާމް ބިން ޢަބްދުލްމަލކްގެ ދުވަސްވަރު މަރުވާން ބިން ޙަކަމް ހިޖުރައިން 114 ވަނަ އަހަރު އަރްމީނިޔާ އަދި އަޒަރްބައިޖާންގެ ވެރިކަމަށް އިސްކުރެވުނެވެ. އެއަށްފަހު އަބުލް ޢައްބާސް އައްސައްފާހް އާއި މަރުވާން ބިން މުޙައްމަދު އާއި ދެމެދު މޫޞިލްއާއި އަރްބީލާއާއި ދެމެދުގައި އޮންނަ ޒާބުއޭ ކިޔުނު ހިސާބެއްގައި ހަނގުރާމަ ހިނގިއެވެ. މި ހަނގުރާމާގައި ބަލިވުމުން މަރުވާން ފިލައިގެން މިސްރަށް ވަޑައިގެންނެވިއެވެ. އެ ހިނދު އައްސައްފާހުގެ ކޮއްކޮ ޞާލިޙް ބިން ޢަލީ މަރުވާންގެ ފަހަތުން ދަތުރުކުރައްވައި ބޫޞީރުއޭ ކިޔޭ ހިސާބުގައި މަރުވާން ޤަތުލުކުރެއްވިއެވެ.

އުމަވީ ދައުލަތުގެ ވެރިކަން ނިމުމަކަށް އައީ ހިޖުރައިން 132 ވަނަ އަހަރުގެ ޙައްޖުމަހުގެ 27 ވަނަ ދުވަހު ޚަލިފާ މަރުވާން ބިން މުޙައްމަދު ބިން މަރުވާން ޤަތުލުކުރެއްވުމުންނެވެ. ފަސް އަހަރާއި ދެމަސް ދުވަހަށް ޚަލީފާކަން ކޮށްފައިވެއެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 62 އަހަރެވެ.

އުމަވީންގެ ޒަމާނުގައި ކުރެވުނު ފަތަޙަތައް

1. އުތުރު އެފްރިކާގެ ބައިތައް ފަތަހަ ކުރެއްވުން

އެފްރިކާގެ އުތުރުގައި މެދުތެރޭ ކަނޑުގެ އައްސޭރިގައިވާ ރަށްތަކުގެ ތެރެއިން މިހަނގުރާމައިގައި ފަތަހަ ކުރެއްވި ރަށްތަކަކީ ޓްރިފޮލީ ނުވަތަ "ޠަރާބުލުސް" އާއި "ފަޒާން" އާއި މޮރޮކޯގެ ބައެއް ރަށްތަކެވެ. އެއީ ހިޖުރައިން 50 އާއި 69 އަހަރާއި ދެމެދުގެ ދުވަސްވަރުގައެވެ.

2. މަމްސް ހަނގުރާމަ

ރޫމީންނާއި ބަރުބަރުންނާއި ދެކޮޅަށް މުސްލިމުން ކުރި މިހަނގުރާމަ ހިނގީ ހިޖުރައިން 69 ވަނަ އަހަރުގައި ޢަބްދުލް މަލިކް ބިން މަރުވާންގެ ޚިލާފަތުގައި މަޢުރިބް ނުވަތަ މޮރޮކޯގެ "ޤައިރަވާން" އޭ ކިޔޭ ރަށުގައެވެ. ބަރުބަރުން ރޫމީންނަށް އެހީވެ، މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ފެއްޓިއެވެ. ހަނގުރާމައިގައި ބަރުބަރުންގެ ވެރިއަކަށް ހުންނެވި "ކަސީލާ" ގަތުލުކުރައްވައި ޤައިރަވާން އިން ރޫމީންނާއި ބަރުބަރުން ފައްސައި ބޭރުކޮށްލިއެވެ.

3. ޖައިޙޫން ކޯރުގެ ފަހަތުގައިވާ ރަށްތައް ފަތަހަ ކުރެއްވުން

ޖައިޙުން ކޯރުގެ ފަހަތުގައިވާ ރަށްތައް ކަމުގައި ބެލެވެނީ "ޠަޚާރިސްތާން"، "ޞަފާނިޔާން"، "ޚަވާރިޒަމް"، "އަޝްރޫ"، "ޝާޝް"، "ޞަޣުދު"، "ސަމަރުގަންދު"، އަދި "ބުޚާރީ" މިރަށް ތަކެވެ. މިއީ އޭރު މިރަށްތަކަށް ވެރިވެގެން ތިބި "ތުރުކު" ންނާއި ދެކޮޅަށް ކުރެވުނު ހަގުރާމަ އެކެވެ. މިހަގުރާމައިގައި މުސްލިމުންގެ ވެރިއަކަށް ހުންނެވީ "ޤުޠައިބާ ބިން މުސްލިމް" އެވެ.

4. ސިންދުގެ ރަށްތައް ފަތަހަ ކުރެއްވުން

ސިންދުގެ ރަށްތަކޭ ކިޔެނީ "ސިންދު ކޯރު"ގެ ވަށައިގެން އޮންނަ ރަށްތަކަށެވެ. މުޙައްމަދު ބިން ޤާސިމް އައްޘަޤަފީ ވެރިއަކަށް ހުންނަވައިގެން ސިންދުގެ ރަށްތަކަށް ވެރިވެގެން ހުރެ "ހަނާދިކާ" އިންނާއި ދެކޮޅަށް ހަނގުރާމަ ކުރިއެވެ.

5. ސްޕޭން ފަތަހަ ކުރެއްވުން (ވާދީ ލަކަތު)

އަންދަލުސް ނުވަތަ ސްޕޭން ފަތަހަ ކުރެއްވުމަށް ކުރެއްވުމަށް ކުރެވުނު ހަނގުރާމަ ހިނގީ ސްޕޭންގެ "ވާދީ ލަކަތު" އޭ ކިޔުނު ހިސާބުގައެވެ. މި ހަނގުރާމަ ކުރެވުނީ އޭރު ސްޕޭންގެ ރަށްތަކަށް ވެރިވެގެން ތިބި "ޤޫތު"ންނާއި ދެކޮޅަށެވެ. 7000މީހުންނާއެކު މިހަނގުރާމަ ކުރެވުނީ "ޤޫޠު"ންގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނެސް ސްޕޭން ފަތަހަ ކުރެއްވުމަށެވެ.

6. ބަލާޠު އައްޝުހަދާއު ހަނގުރާމަ

މިހަނގުރާމަ ހިނގީ ޚަލީފާ ހިޝާމް ބިން ޢަބްދުލް މަލިކްގެ ވެރިކަމުގައި ހިޖުރައިން 114 ވަނަ އަހަރުގައި ފްރާންސްގެ ދެކުނުގައި އޮންނަ "ޕުއޭޓިޔޭ" ކިޔާ ރަށެއްގައެވެ. ހަނގުރާމައިގެ މުސްލިމުންގެ ވެރިއަކަށް ހުނަނެވީ ޢަބްދުއް ރަޙުމާން އަލްޣާފިޤީއެވެ. މި ހަނގުރާމައިގައި މުސްލިމުން ބަލިވިއެވެ. ސަބަބަކީ ހަނގުރާމައިގެ މައިދާން ދޫކޮށް ޢަނީމާ މުދާތައް ހޯދުމަށް މުސްލިމުންގެ ތެރެއިން ބަޔަކު ދިއުމުންނެވެ.


 


 

ليست هناك تعليقات:

إرسال تعليق

المتابعون